ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ އާ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.

ވީއައިއޭގައި މިއަދު ހަވީރު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެ އެވެ. މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ގާބިލްކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫއެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަޝްރޫއު ނިންމީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގައެވެ.

މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ގާއިމުކޮށްފައިވުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަ އެވެ.

އެހެންނަމަވެސް މިއަދު ހުޅުއްވައިދެއްވި ނިޒާމުގެ ސަބަބުން އެއާ ސައިޓުގައި އުޅަނދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެ އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އާ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު މިސަރުކާރުން އެކުލަވާލާފައިވާ ވީއައިއޭގެ މާސްޓާ ޕްލޭންގައިވާ ގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެ ކަމަށެވެ. އޭގެ މަންފާއާއި ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.