އެމްއޭސީއެލް

އެމްއޭސީއެލް އިން 10 ދާއިރާއަކުން ހަރަދު ކުޑަކުރަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ ހަރަދުތައް 10 ދާއިރާއަކުން ކުޑަކުރަން ނިންމައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޅި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅުތަކެއް އެޅުމަށް ނިންމުމާ ގުޅިގެން ބޮޑު ކުންފުންޏެއްގެ ހައިސިއްޔަތުން އެމްއޭސީއެލް އިން ވެސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކަކީ ކާމިޔާބު ކުރެވޭނެ ކަންކަމަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ހަރަދު ކުޑަކުރުމަށްޓަކައި އެމްއޭސީއެލްގެ އެއްވެސް މުވައްޒަފެއް ނުކަނޑާނެ ކަމަށާއި އަދި މުސާރަވެސް ކުޑަ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބައެއް،" ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ހަރަދު ކުޑަކުރާ 10 ދާއިރާ

  • ތެލަށް ކުރާ ހަރަދު،
  • ކޮންސިއުމަބަލްސްގެ ހަރަދު،
  • ފެނާއި ކަރަންޓަށް ކުރާ ހަރަދު،
  • ދަތުރުފަތުރަށް ކުރާ ހަރަދު،
  • ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތަކަށް ކުރާ ހަރަދު،
  • ބޭންކް ޗާޖަސްއަށް ކުރާ ހަރަދު،
  • ކޮމިއުނިކޭޝަނަށް ކުރާ ހަރަދު،
  • އެތެރޭގެ އިންވެންޓްރީއަށް ކުރާ ހަރަދު،
  • އިވެންޓުތައް ބޭއްވުމަށް ކުރާ ހަރަދު،
  • ހިންގުމަށް ކުރާ ހަރަދު

ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކި މާލެ ސަރަހައްދުގައި އެންމެ ގިނަ އަދަދަކަށް ކަރަންޓް ބޭނުންކުރާ ކުންފުނި ކަމަށެވެ. އަދި އެމްއޭސީއެލްގައި ހުރި ކަރަންޓް ޖަނަރޭޓް ކުރާ ގެންސެޓް ތަކަަކީ އެންމެ ރަނގަޅު ފެންވަރުގައި ހުރި އެއްޗެހި ނޫން ކަމަަށާއި އެކަމުގެ ސަބަބުން ޑީސަލް ތެލުގެ ހަރަދު ބޮޑުވާ ކަމަށެވެ. މިކަން ހައްލު ކުރުމަށްޓަކައި އެމްއޭސީއެލް އިން ޕަވާ އަޕްގްރޭޑިން ޕްރޮޖެކްޓެއް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށާއި މި ޕްރޮޖެކްޓުގެ ސަބަބުން ތެލަށް ކުރާ ހަރަދު 20 ޕަސަންޓް ދަށްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕްރިންޓް ކުރުމަށްވެސް އެ ކުންފުނިން ވަރަށް ބޮޑު ހަރަދެއް ކުރާތީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލް އަކީ ޕޭޕާލެސް ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"އޭގެފަހުން އެމްއޭސީއެލް އިން އިތުރު ޕްރިންޓަރެއް ނުގަންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ކޮންސިއުމަބަލްސްގެ ހަރަދު ކުޑަކުރުމަށްޓަކައި އޭގެ ސްޓޮކް ކުރިއަށް ވުރެ ޒިންމާދާރުކޮށް ބަލަހައްޓައި، މިކަމަށް ކުރާ ހަރަދު 10 ޕަސަންޓް ދަށްކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއޭސީއެލް އަކީ ފެންވެސް ކޮންމެވެސް ވަރަކަށް އުފައްދާ ކުންފުންޏަކަށް ވާތީ ފިނި ކުރަނީ ވެސް ފެން ބޭނުން ކޮށްގެން ކަމަށް ވުމުން އެކަމަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑު ކަމަށެވެ. އަދި ފެނުގެ ހަރަދު ކުޑަ ކުރުމަށް ފެނުގެ ޕްރޮޑަކްޝަން މަދުކޮށް، ފެން އިސްރާފު ވީހާވެސް މަދުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ ދަތުރުފަތުރުގެ ހަރަދު ކުޑަކުރުމަށްޓަކައި އެ ކުންފުނީގެ ކަމާ ގުޅޭ ޕޮލިސް މުރާޖައާކޮށް، ކޮންމެހެން ބޭނުން ޖެހޭ ހާލަތެއްގައި ނޫނީ ބިޒްނަސް ކްލާހުން ދަތުރު ނުކުުރުމަށާއި ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް ނިންމާފައިވާ ކަމަށްވެސ ްވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެންޑޭޓަރީ ޓްރެއިން ކުރާ ކުރުމަކީ ވިހާ ވެސް އޮންލައިންކޮށް ކުރެވޭ ޓްރެއިނިންތަކަކަށް ހަދާ އޮންލައިން ކުރާނީ، ބޭރުން ޓްރެއިނިން ކުރަން ޖެހޭ ހާލަތެއް އޮތިއްޖެއްޔާ ބޭރުން ޓްރެއިން ކޮށްދެވޭ ވަރުގެ އެކްސްޕާޓުން ގެނެސް ރާއްޖޭގައި އެ ޓްރެއިނިންތައް ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލްގައި ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެފިޝަންސީ އިތުރުކޮށް، ކޮމްޕެނީ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. މީގެއިތުރުން ހަރަދު ކުޑަކުރެވޭ ކަމެއް ނަމަ ބޭރުގެ މެދު ފަންތީގެ ނުވަތަ ކުދި ވިޔަފާރިތަކަށް ދީގެން ކުރެވޭނެ ކަންކަން އެގޮތަށް ކުރާނެ ކަމަށާއި ރައްޖޭގެ އިގްތިސާދަށްވެސް އަދި ކުންފުންޏަށްވެސް އޭރުން ފައިދާތަކެއް ވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނި ތަކަކީ އިންވެސްޓްމެންޓަށް ބޮޑެތި ހަރަދުތަކެއް ކުރާ ކުންފުނިތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ ހަރަދު ކުޑަކުރުމަށް ބޭންކުން މި އިންވެސްޓްމެންޓުތަކަށް ނަގާ ޗާޖަސްގެ ރޭޓް ދަށް ކުރުމަށް މަޝްވަރާ ފަށާނެ ކަމަށެވެ. މީގެއިތުރުން މިއީ ވީއޯއައިޕީގެ ޒަމާން ކަމުން ކުންފުނީގައި މިހާރު އިންވެސްޓުކޮށްފައި ހުރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަނގަޅު ކުރަން ހުރި ކަންކަން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކޮންމެ މޭޒަކަށް ނުވަތަ ކޮންމެ މީހަކަށް ލޭންޑްލައިނެއް ބޭނުމެއް ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާޑްވެއާ ޑިޕެންޑެންޓް ޓެލެފޯނުގެ ނެޓްވޯކެއް ކަމަށްވާ ޕްރައިވެޓް ބްރާންޗް އެކްސްޗޭންޖް (ޕީބީއެކްސް) ދުއްވާލައި، ސޮފްޓް ޕީބީއެކްސް ބޭނުންކުރުމުގެ ސަބަބުން ކޮމިއުނިކޭޝަނަށް ކުރާ ހަރަދުވެސް 60 ޕަސަންޓް ދަށްކުރެވޭނެ ކަމަށެވެ.

"ޓެލެފޯނަށް ކުރާ ހަރަދުން ކޮންމެ 100 ރުފިޔާއަކުން 60 ރުފިޔާ ސޭވް ވާނެ،" ޝަރީފް ވަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއޭސީއެލް އަކީ އެއާޕޯޓެއް ހިންގާ ކުންފުންޏެއް ކަމުން އުޅަނދާއި އިކުއިޕްމަންޓަށް ހީނުކުރާ ވަރުގެ ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. އެހެންވެ އިންވެންޓްރީގައި ހުރި އަދަދު ބެލުމަށްފަހު ކުރިއަށް އޮތް ތަނުގައި ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ ނުގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިވެންޓުތަކަށް ކުރާ ހަރަދު މަދު ކުރުމަށްޓަކައި ބޭރުގެ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި އިންސޯސްކޮށްގެން އެ އިވެންޓެއް ބޭއްވުމުން ހަރަދުތައް ބޮޑު ތަނުން ކުޑަ ކުރެވޭނެ ކަމަށެވެ.

"އެނގިވަޑާއިގަންނަވާނެ އިހަކަށް ދުވަހަކު އަޅުގަނޑުމެން ފަޔާ ސްޓޭޝަނެއްވެސް ހުޅުވައިފިން. އަޅުގަނޑުމެން މުޅި ޓޯޓަލް އިވެންޓަށް އެތެރޭގައި އިންހައުސްކޮށް މަސައްކަތް ކުރީމަ އެ އިވެންޓަށް ނުދާނެ އެއްލައްކަ ރުފިޔާވެސް. އައުޓްސޯސް އިން މިފަދަ އިވެންޓެއް ބާއްވަންޏާ މަދު ވެގެން ބައި މިލިއަނެއްހާ ރުފިޔާ ދާނެ،" ޝަރީފް ވިދާޅުވި އެވެ.

މުސްތަގުބަލުގައި އިވެންޓްތަކަށް ކުރާ ހަރަދުގެ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ކަނޑައަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ. ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު އެމްއޭސީއެލްގެ ހަރަދު 20 ޕަސަންޓް ކުޑަކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.