ދުނިޔެ

ރޭލު އަރާ ގޮތަށް ސެލްފީއެއް ނަގަން އުޅެގެން ތިން ޒުވާނަކު މަރުވެއްޖެ

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭލެއް ފަހަތުން ފެންނަ ގޮތަށް ސެލްފީއެއް ނަގަން އުޅުނު އިންޑިއާގެ ތިން ޒުވާނަކު ރޭލެއްގައި ޖެހި މަރުވެއްޖެ އެވެ.

އިންޑިއާ ފުލުހުން މިއަދު ބުނީ އުމުރުން 20 އަހަރާއި 22 އަހަރާ ދެމެދުގެ ތިން ފިރިހެނަކު މަރުވެފައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތާޖް މަހަލް ބަލަން އިއްޔެ ދިޔުމަށް ފަހު އާގްރާގައި ރޭލު ދަތުރުކުރާ މަގެއްގައި ތިބެގެން ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ އެ ތިން މީހުން ތިބި ޓްރެކުން ރޭލެއް އަންނަން ފެށުމުން ޖެހިގެން އޮތް ޓްރެކަށް އެރުމަށް ފަހު ތައްޔާރުވެގެން ތިބީ ރޭލު އަރާ ހަމަވުމުން ސެލްފީއެއް ނަގަން ކަމަށެވެ.

"އެ މީހުން އޭރު ދިޔަ ޓްރެކްމަތީ ތިބެގެން ވެސް ދިޔައީ ފޮޓޯ ނަގަމުން. ދިއްލީން މަތޫރާ އަށް ދާ ރޭލު އެ ޓްރެކުން އަންނަތަން ފެނުމުން ދެން އެރީ ޖެހިގެން އޮތް ޓްރެކްމައްޗަށް. ނަސީބު ދެރަކަމުން އެ މީހުންނަށް އެރުނު ޓްރެކުގެ އަނެއް ކޮޅުން އޭރު ރޭލެއް އާދޭ،" ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ޓެލެގްރާފްގައި ބުނެފައިވެ އެވެ.

މަރުވި ޔައުގޫބާއި އިގްބާލް އަދި އަފްޒަލް އަކީ އެއް ކޮލެޖެއްގައި އުޅޭ އެކުވެރިންތަކެކެވެ. މި މީހުންނާ އެކު އަނީޝް ކިޔާ އެހެން އެކުވެރިޔަކު ވެސް ހުއްޓެވެ. އޭނާ ސަލާމަތްވީ ކިރިޔާ އެެވެ. ސަލާމަތްވި ޒުވާނާ ބުނެފައި ވަނީ އެ މީހުން ނިންމައިގެން ތިބީ އާދަޔާ ހިލާފް ސެލްފީތަކެއް ނެގުމަށް ފަހު ސޯޝަލް މީޑިއާ އަށް ލާން ކަމަށެވެ.

ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މަރުވާ އަދި ބޮޑެތި އަނިޔާ ލިބޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު މެކްސިކޯގައި ޒުވާނަކު ބޮލުގައި ބަޑިޖައްސައިިގެން ހުރެ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި، ފޮޓޯ ނަގަން ފިތާލުމުގެ ބަދަލުގައި ބަޑީގެ ޓްރިގަރަަށް ފިތާލެވިގެން ބޮލަށް ބަޑިޖެހި މަރުވެފައިވެ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ޕޮލެންޑުގެ ދެމަފިރިއަކު އުސް ތަނެއްގެ މަތީ ދަރިފުޅާ އެކު ސެލްފީއެއް ނަގަން އުޅެނިކޮށް ދެމަފިރިން ވެއްޓި މަރުވެފައިވެ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ ބްރިޖެއްގެ މަތީ ހުރެ ސެލްފީއެއް ނަގަން އުޅުނު ޒުވާން އަންހެނަކު ވެއްޓި މަރުވެފަ އެވެ.