ކެބިނެޓް

ސަމޯއާ އެގްރީމަންޓްގައި ބައިވެރިވުމަށް ސަރުކާރުން ނިންމައިފި

ދިވެހިރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހުގައިވާ މައުލޫމާތުތަކުގެ މައްޗަށް ވަޒީރުން މަޝްވަރާކުރައްވަވާ ސަމޯއާ އެގްރިމަންޓްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުން ލަފާދެއްވުމާ ގުޅިގެންނެވެ.

ސަމޯއާ އެގްރީމަންޓަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ – އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

މި އެގްރީމަންޓުގައި ބައިވެރިވެ އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.