މޯލްޑިވްސް ޕޮލިސް ސާވިސް

ޝަމްނާޒްއާ އެކު އިތުރު ދެ މީހަކު ހައްޔަރުކުރިން: ޕޮލިސް

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްއާ އެކު އިތުރު ދެ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފި އެވެ.

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މިމަހުގެ 23 ވަނަ ދުވަހު ޝަމްނާޒްއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ޔަގީންކޮށްދިން ނަމަވެސް ތަހުގީގު ކުރާ މައްސަލައާއި ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނީ ޝަމްނާޒްއާއި އިތުރު ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށެވެ.

ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ. ނަމަވެސް ރަމީޒުވެސް މިހާރު ހުންނެވީ ރައީސްއާ ކައިރި ނުވެވޭ ގޮތަށް ދުރުކޮށްލާފަ އެވެ. އެހެންވެ ރައީސްއާ އެކު ރަމީޒު ނުފެންނަތާ ދުވަސްކޮޅެއްވެސް ވެއްޖެ އެވެ.