ޑރ. މުހައްމަދު ޝަފީގު

ބަޖެޓް ފައިނޭންސްކުރަން ދަތި: ޝަފީގު

ދައުލަތުގެ މިއަހަރުގެ ބަޖެޓް ފައިނޭންސް ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މާލީ ހާލަތު އޮތް ގޮތް ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިގެން މިނިސްޓަރު ޝަފީގު ވިދާޅުވީ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރެވޭނީ ދަރަނީގެ ކަންކަމަށް ހައްލުތަކެއް ހޯދައިގެން ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް އެ މަސައްކަތް ކުރަން ދަތިވެފައިވާ ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލުތައް ގެނައުން އަވަސްކޮށް ކުންފުނިތަކަށް ސަރުކާރުން ދޭ ސަބްސިޑީގެ ނިސްބަތް މަދުކުރަންޖެހޭ ކަމަށެވެ. އަދި ކުންފުނިތައް އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"ކުންފުނިތަކުން ހިންގުމަށް ކުރާ ހަރަދު ވަރަށް ބޮޑުވެފައި މިވަނީ. އެހެންވީމާ މިއަހަރު ކުންފުނިތައް އިސްލާހުކުރުމަށް ފިޔަވަޅުތައް އަޅަން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ މިހާރު ކުރިމަތިވެފައި މިވާ އިގްތިސާދީ އުދަނގޫ ހާލަތާ އެކު ކުންފުނިތަކުން ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. ކުންފުުނިތަކުގެ ތެރެއިން އާރްޑީސީ އިން ހަރަަދު ކުޑަކޮށްގެން 17 މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށާއި އެއީ ރަނގަޅު މިސާލެއް ކަމުގައިވެސް ވިދާޅުވި އެވެ.

"[ކުންފުނިތައް] ރިފޯމު ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަނެއް ނޫން. މިކަމުގައި މަޖިލީހުންގެ މެންބަރުންގެ އެއްބާރުލުންވެސް ބޭނުން،" ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ރިފޯމް އެޖެންޑާ ތަންފީޒު ކުރުން ލަސްކުރެވެން ނެތް ކަމަށެވެ. މިއަހަރުގެ ތެރޭގައި ސަބްސިޑީ ދޭ އުސޫލު މުރާޖައާ ކުރުމަށްފަހު ކޮންމެހެން ބޭނުންވާ މީހުންނަށް ޓާގެޓް ސަބްސިޑީ ދިނުމުގެ އުސޫލެއް ފައްޓަވާނެ ކަމުގެ އިޝާރާތެއް ވެސް މިނިސްޓަރު ދެއްވެވި އެވެ. ގައުމު ރަނގަޅު ހާލަތަކަށް ގެންދަން ބޭނުންވާނަމަ އެންމެ ލަސްވެގެން ކުރިއަށް އޮތް ޖުލައި މަހުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ދައުލަތުގެ މިއަހަރާއި އޭގެ ކުރީ އަހަރުގެ ބަޖެޓްގައި ދަރަނީގެ އަދަދުގެ ގޮތުގައި އެއް އަދަދެއް ހިމަނާފައިވާތީ ޝަފީގު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ދެ އަހަރު ދައުލަތުގެ ބަޖެޓުގެ ދަރަނި 14 ބިލިއަން ރުފިޔާގައި ހުރުމުން އެ އަދަދާ މެދު މިނިސްޓަރު ވަނީ ސުވާލުވެސް އުފައްދަވާފަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވާއިރު 18 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.