ދައުލަތުން 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު އަދި 2026 ވަަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. ދައުލަތް ދަރަނި ނުވެ އޮތުމަށްޓަކައި އެ ފައިސާ ދެއްކުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާއިރު މިހާރު އާންމުކޮށް ނަގަމުންދާ ޓެކްސްތައް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑުކުރުން ކަމަށް ޝަފީ ވިދާޅުވި އެވެ.
"ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެން،" މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނީގެ ފައިސާއަކީ ދައްކަންޖެހެނީ ބޭރު ފައިސާ އިން ކަމަށްވާތީ ބޭރު ފައިސާގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ކުރަން ނިންމާފައިވާ ބައެއް ކަންކަންވެސް ހިއްސާކުރެއްވި އެވެ. މީގެތެރޭގައި އިގްތިސާދު ފުޅާވާ ފަދަ ތަފާތު މަސައްކަތްތައް ފެށުމާއި، ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުމާއި، ގްރީން ޓެކްސްގެ ރޭޓް އަލުން މުރާޖައާ ކުރުމާއި، ސިއްހަތަށް ގެއްލުން ލިބޭ ބާވާތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް މުރާޖައާ ކުރުން ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހަތަށް ގެއްލުން ލިބޭ ބާވާތްތަކުގެ އިމްޕޯޓް ހުއްޓުވާލުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ އެފަދަ ތަކެތީގެ ޑިއުޓީ ބޮޑުކޮށް އެ ތަކެތި ބޭނުންކުރުން "ޑިސްކަރޭޖް" ކުރުން ކަމަށެވެ.
މަޖިލީހުގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ ޓެކްސް ބޮޑު ކުރާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރުމަށްފަހު އެ ފަރާތްތަކުގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ.
މިނިސްޓަރު ޝަފީގު އިތުރަށް ވިދާޅުވީ ތެލާއި އާސަންދައަށް ދައުލަތުން ކޮންމެ އަހަރަކުވެސް ބޮޑު ހަރަދެއް ކުރާތީ އެގޮތަށް ކުރާ ހަރަދުތައް ބަލައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.