ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެވުނު ގްރޫޕް އީގެ ފަހު މެޗުތަކުގެ ނަތީޖާއާއި އެކު ގްރޫޕުގެ އެއްވަނަ ހޯދައިގެން ގަދަ 16 އަށް ދަތުރުކުރީ ރޫމޭނިއާ އެވެ.
ބެލްޖިއަމް މިރޭގެ މެޗުން ޔޫކްރެއިންގެ އަތުން މޮޅު ނުވެވި އެޓީމު ގަދަ 16 އަށް ދިޔައީ ގްރޫޕުގެ ދެވަނައިގެ ގޮތުގަ އެވެ.
މިގްރޫޕުން ފާހަގަކުރެވިފައި ވަނީ ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ކަމެވެ. ނޮކް އައުޓް ސްޓޭޖަށް ދިޔަ ޓީމުތައް ދިޔައީ ގޯލުގެ ތަފާތުންނެވެ.
ގުރޫޕް އީގެ ތިންވަނައަށް ދިޔަ ސްލޮވާކިއާއަށް ވެސް ވަނީ އަށް އަހަރަށް ފަހު ޔޫރޯގެ ދެވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. އެންމެ ފަހުން ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނު ޔޫކްރެއިން ވަނީ ގްރޫޕްގެ ފުލަށް ދިއުމުން މުބާރާތުން ކަޓާފަ އެވެ.
ގްރޫޕްގެ އެއްވަނަ ހޯދާނެ ކަމަށް ކުރިން ބެލެވުނު ބެލްޖިއަމް ދެވަނައަށް ދިއުމުން އެ ޓީމުން ގަދަ 16 ގައި ކުޅޭނީ ފްރާންސާ ދެކޮޅަށެވެ.
ބެލްޖިއަމް އަދި ޔޫކްރެއިންގެ މެޗަށް ބަލާއިރު ދެޓީމަށްވެސް ނިންމާލަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެހެންނަމަވެސް މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.
މިމެޗުގައި ބެލްޖިއަމް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމުގެ ލުކާކޫ އަށް ލިބުނު ރަނުގެ ފުރުސަތުތައް ނިންމާނުލެވުމުގެ ސަބަބުން ގޯލެއް ޖެހޭގޮތް ނުވީ އެވެ.
ސްލޮވާކިޔާ އަދި ރޫމޭނިއާ ބައްދަލުކުރި މެޗަށް ބަލާއިރު ރޫމޭނިއާގެ ފަރާތުން ފެނުނީ އެޓޭކިން ގޭމެކެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްލޮވޭކިއާ އަދި ރޮމޭނިއާ ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
މި މެޗުގައި ދެ ޓީމުންވެސް ގޯލް ޖެހީ މެޗުގެ ފުރަތަމަ ހާފް ގައެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީ ސްލޮވޭކިއާ އެވެ.
ގަދަ 16 އަށް ރޮމޭނިއާ ދަތުރު ކޮށްފައިވާއިރު މިއީ 2000 ވަނަ އަހަރަށް ފަހު ރޮމޭނިއާ ޔޫރޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.