ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ރުމޭނިއާ އަތުން 2-0 އިން މޮޅުވެ، ބެލްޖިއަމް އިން މުބާރާތުގައި ކުރިއަށް ދިއުމަށް ފުރުސަތު ބޮޑުކޮށްފި އެވެ.
މި ނަތީޖާއާ އެކު ގްރޫޕް އީގެ ހަތަރު ޓީމު ވެސް ވަނީ ޕޮއިންޓުން އެއްވަރުވެފަ އެވެ. އެއްވަނައިގައި އޮތް ބެލްޖިއަމް އާއި ދެވަނައިގައި އޮތް ރުމޭނިއާ އާއި ތިން ވަނައިގައި އޮތް ޔޫކްރެއިން އަދި ހަަތަރުވަނައިގައި އޮތް ސްލޮވާކިއާއަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ރޭގެ މެޗަކީ ބެލްޖިއަމް މޮޅުވުން މަޖުބޫރުވެފައި އޮތް މެޗެކެވެ. ކުރީ މެޗުގައި ބެލްޖިއަމް ވަނީ ސްލޮވާކިޔާ އަތުން ބަލިވެފަ އެވެ. ރޭގެ މެޗު އެއްވަރުވި ނަމަވެސް ބެލްޖިއަމް މުބާރާތުން ކެޓީހެވެ.
މިމެޗުގެ ފުރަތަމަ ގޯލު ޖެހީ ބެލްޖިއަމްގެ ޓީމުންނެވެ. މެޗު ފަށައިގެން 72 ވަނަ ސިކުންތުގައި ބެލްޖިއަމް ލީޑު ނެގި އެވެ. މިއީ ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން ޔޫރީ ޓީލަމަންސް ޖެހި ގޯލެކެވެ. އޭރިއާގެ ބޭރުން ޓީލަމަންސް ފޮނުވާލި ބާރު ބޯޅަ ގޮސްވަނީ ގޯލުގެ ކަނަށެވެ.
ބެލްޖިއަމްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޑި ބްރޭނާ އެވެ. އެ މި ގޯލް ޖެހީ މެޗުގެ 80 ވަނަ މިނެޓް ގައެވެ.
މި ގްރޫޕުގައި ކުރިއަށް ހުރި މެޗުތަކުގައި ވާދަކުރާނީ ބެލްޖިއަމުން ޔޫކްރެއިނާ ދެކޮޅަށެވެ. އަދި ރުމޭނިއާ ބައްދަލުކުރާނީ ސްލޮވާކިއާއާ އެވެ. މި ގްރޫޕުގައި ހިމެނޭ ހުރިހާ ޓީމެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާތީ މިގުރޫޕްގެ ފޯރި މިވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.