ހަބަރު

ފަނޑިޔާރުންގެ 30 ޝަކުވާއެއް މިދިޔަ އަހަރު ހުށަހެޅި: ޖޭއެސްސީ

ފަނޑިޔާރުންނާ ބެހޭ ގޮތުން މިދިޔަ އަހަރު 30 މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ކޮމިޝަނުގެ އަހަރީ ރިޕޯޓްގަ އެވެ.

މިއަދު އާންމުކުރި ޖޭއެސްސީގެ ރިޕޯޓްގައިވާ ގޮތުން، މިދިޔަ އަހަރު އެ ކޮމިޝަނަށް ފަނޑިޔާރުންގެ އިންޓެގްރިޓީއާ ހިލާފުވެފައިވާ ކަމަށް ބުނެ 27 ޝަކުވާއެއް ވަނީ ހުށަހަޅާފަ އެވެ. އަދި ވަކިފަރާތަކަށް ނުޖެހުމާ ފަނޑިޔާރުން ހިލާފުވެފައިވާ ކަމަށް ބުނެ ތިން މައްސަލައެއް ހުށަހަޅާފައިވެ އެވެ. ދެހާސް ސާދަ ވަނަ އަހަރު ފަނޑިޔާރުންނާ ގުޅޭ 41 މައްސަލަ ޖޭއެސްސީއަށް ހުށަހެޅި އެވެ.

ޖޭއެސްސީގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެ ކޮމިޝަނުން މިދިޔަ އަހަރު ވަނީ އުސޫލެއް އެކުލަވާލާފަ އެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ގަވާއިދުގެ 67 ވަނަ މާއްދާގެ ރ ގެ ދަށުން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތް ފާސްކުރުމެވެ. އަދި އެ ކޮމިޝަނުން މިދިޔަ އަހަރު ގަވައިދަށާއި އުސޫލުތަކަށް ދެ އިސްލާހެއް ގެނެސްފައިވެ އެވެ. އެއީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ
އުސޫލަށް އިސްލާހު ގެނައުމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާދޫދުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކަފް މެޖިސްޓްރޭޓުދްގެ އަދަދު
ކަދޑައެޅުމުގެ އުސޫލަފް އިސްލާހު ގެނައުމެވެ.

ފަނޑިޔާރުންނަށް މިހާރު ލިބެމުންދާ މުސާރައަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަޅާބަލާއިރު ވަރަށްވުރެ ކުޑަ މުސާރައެއް ކަމަށް ފެންނާތީ، ފަނޑިޔާރުންގެ މުސާރަޔާ އިނާޔަތްތަކުގެ އޮނިގަނޑު ރިވިއުކޮށް، އެ އޮނިގަނޑާ އެއްގޮތަށް ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ހަމަޖައްސަވައި ދެއްވުމަށާއި އަދި މެޖިސްޓްރޭޓުންގެ މަގާމުގެ އޮނިގަނޑު މިހާރަށްވުރެ ހަރުދަނާކޮށް އެކުލަވާލުމަށްޓަކައި އެ އޮނިގަނޑު ވެސް ރިވިއުކޮށް އެ އޮނިގަނޑާ އެއްގޮތަށް މެޖިސްޓްރޭޓުންގެ މަގާމުގެ އޮނިގަނޑު ހަމަޖައްސައި ދެއްވުމަށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ޖޭއެސްސީއިން ވަނީ އެދިފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ކޮމިޝަނުގެ 40 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި ކޮމިޝަނުން 175 ނިންމުމެއް ނިންމާފައިވެއެވެ. މި ނިންމުންތަކުގެ ތެރޭގައި އެކިއެކި ގާނޫނުތަކުން ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށްފައިވާ މަސައްކަތްތަކާއި ކޮމިޝަން
ހިންގުމަށް އިދާރީގޮތުން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ނިންމުންތައް ހިމެނެއެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން، ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގައި ހިމެނޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގައި ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންކޮށްފައި ވަނީ އެ މަސައްކަތަކާ ގުޅޭގޮތުން ކޮމިޓީތައް އެކުލަވާލައި ކޮމިޓީ މަރުހަލާގައި އެކަމެއް ނިންމައި ކޮމިޝަނަށް ހުށަހަޅާ އުސޫލަކުންނެވެ. އެގޮތުން ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް
ކުރުމުގައި ދާއިމީ ކޮމިޓީތަކާއި ވަގުތީ އެތައް ކޮމިޓީތަކެއް އެކުލަވާލެވި ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަގޮތެއްގައި އަވަސްކޮށް ނަތީޖާ ނެރެވޭނެފަދަ ގޮތަކަށް ވަނީ އިންތިޒާމްކުރެވިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ޖޭއެސްސީއިން މިދިޔަ އަހަރު ފަސް ދަތުރެއްކޮށްފައިވެ އެވެ. އެއީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކެއް ތަހުގީގުކުރުމަށް ތިން އަތޮޅަކަށް ކުރި ދަތުރުތަކަކާއި މެލޭޝިއާ އަދި ޗައިނާއަށް ކުރި ދަތުރެވެ.

މިދިޔަ އަހަރު އެ ކޮމިޝަނުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ކޮމިޝަނަށް ހަރަދުކުރުމަށް ދީފައިވަނީ 13,344,664.00ރ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެ ންޑް ޓްރެޒަރީން 446,081.99ރ ވަނީ ބަޖެޓަށް އިތުރުކޮށްދެއްވާފައެވެ. މިއީ 2014 ވަނަ އަހަރު ނިމުނުއިރު ފައިސާ ނުދެއްކިވާ ބިލްތަކަށް ފައިސާ ދެއްކުމަށް ބަޖެޓަށް އިތުރު ކުރެވުނު ފައިސާއެވެ. އަދި 2015 ވަނަ އަހަރުގެ ބަޖެޓުން 10,868,033.48ރ ހަރަދުވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.