ދުނިޔެ

އީރާނުގައި ރައީސަކު ހޮވަން ވޯޓުލުން ކުރިއަށް ދަނީ

އީރާނުގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މިއީ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ބާއްވާ އަވަސް އިންތިހާބެކެވެ.

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ވެރިރަށް ތެހެރާންގައި އެކަނިވެސް 6،000 ވޯޓުލާ މަރުކަޒު ގާއިމުކޮށްފައި ހުންނާނެ އެވެ. މުޅި ޖުމުލަ 58،640 ވޯޓުލާ މަރުކަޒު މި އިންތިހާބަށް ހައްސަކޮށްފައިވާ ކަމަށް އިލެކްޝަން ހެޑްކުއާޓަރުން ބުންޏެވެ.

އީރާންގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި 80 ފޯމެއްގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ނިންމައި އިންތިހާބުގައި ވާދަކުރަން ހުއްދަ ދީފައިވަނީ ހަ މީހަކަށެވެ.

އެއީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣަލިބާފް، އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ހަރަކާތްތެރިޔާ ސައީދު ޖަލީލީ އަދި ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލުކުރައްވާ މަސްއޫދު ޕަޒަސްކިޔާން އެވެ.

އީރާންގެ ކުރީގެ ދާހިލީ ވަޒީރު މުސްތަފާ ޕޫރު މުހައްމަދީ، ތެހެރާންގެ މޭޔަރު އަލީ ރިޒާ ޒަކާނީ އަދި ނައިބްރައީސް އަމީރު ހުސައިން ޣަޒިޒާދާ ހާޝިމީއަށްވެސް ވަނީ އިންތިހާބުގައި ވާދަކުރަން ހުއްދަ ދީފަ އެވެ.

ނަމަވެސް ވޯޓުލުަމަށް އެއްދުވަހަށް ވެފައި ވަނިކޮށް ދެ ކެންޑިޑޭޓަކު -- އަމީރު ހުސައިން ޣަޒިޒާދާ ހާޝިމީ އާއި އަލީ ރިޒާ ޒަކާނީ ވަނީ ނަން އަނބުރާ ނަންގަވާފަ އެވެ. އެއީ ވޯޓުތައް ބައިވެގެން ގޮސް އުއްމީދީ ކެންޑިޑޭޓަކަށް ތާއީދު ދަށްވެދާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ވޯޓުލުން މިއަދު ހަވީރު ހައެއްގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ނަމަވެސް، ވޯޓުލާން ނުކުންނަ މީހުންގެ އަދަށް ބަލައި ވަގުތު އިތުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގައި ވޯޓުލުމަށް ޝަރުތުހަމަވާ 64 މިލިއަން މީހުން އެބަ ތިއްބެވެ. ގިނައީ ޒުވާނުންނެވެ. އީރާންގައި 2021 ގައި ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަވާ ކަމަށް ބަލާފައި އޮތީ 59.3 މިލިއަން އެވެ.

މިއަދުގެ ވޯޓުން ވަކި ކެންޑިޑޭޓާކަށް އަޣުލަބިއްޔަތު -- 50 ޕަސެންޓް ނުލިބިއްޖެނަމަ އެންމެ ގިނައިން ވޯޓު ލިބުނު ދެ ކެންޑިޑޭޓެއްގެ ދެމެދުގައި ދެވަނަ ބުރެއް އޮންނާނެ އެވެ. ތާރީހަކީ ޖުލައި ފަހެކެވެ.

މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު ވާދަވެރި ކެންޑިޑޭޓުން މެދުގައި ވޯޓުގެ ފަރަގު ވަރަށް ކުޑަވާނެ އެވެ. ފަހަރެއްގައި އެކަކަށް ވެސް ފުރަތަމަ ބުރުން ކާމިޔާބު ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އަޑުތައް ފެތުރެ އެވެ.