ހަބަރު

ގަހަނާ ފިހާރައިން ވައްކަން ކުރި މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފި

މި މަހުގެ އެއް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޗާންދަނީ މަގުގައި ހުންނަ ފިލާވޮށި ނަމަކަށްކިޔާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވަނީ އެ ފިހާރައިން ވަގަށް ނެގި ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 25 އަހަރާއި 41 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފިލާވޮށި ފިހާރައިން ވައްކަންކޮށްފައިވަނީ ފިހާރައިގެ ދޮރަށް ގެއްލުންދިނުމަށްފަހު އެ ފިހާރައަށްވަދެގެންނެވެ. ރަންރިހީގެ މަސައްކަތް ކުރާ އާއިލާއަކުން ހިންގާ އެ ފިހާރައިގެ އިސް ފަރާތަކުން ބުނެފައިވަނީ، ފިހާރައިން ވައްކަން ކޮށްފައިވަނީ ތަޅު ހަލާކުކޮށްލައިގެން އެރެރެއަށް ވަދެ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ރަން ކެވެއްޔާއި، ފަށާއި ރިހީގެ ސާމާނާއި އެހެނިހެންވެސް އަގުހުރި ގަހަނާ ހިމެނެ އެވެ. އަދި ކައުންޓަރު ޑްރޯވާގައި ހުރި 4000 އެއްގައި ރުފިޔާވެސް ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް އިއްޔެ ވަނީ ދީފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.