އީރާންގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަކު ހޮވޭ ގޮތެއް ނުވި އެވެ. ހުކުރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓް ލިބިފައެއް ނުވެ އެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ ޖުލައި ފަހެއްގަ އެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ދެ ކެންޑޭޓުންނެވެ.
އިރާންގެ އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުން އެންމެ ކުރީގައި އުޅުއްވަނީ ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލުކުރައްވާ މަސްއޫދު ޕަޒަސްކިޔާން އެވެ. އޭނާއަށް 42.3 ޕަސެންޓް ވަނީ ލިބިފަ އެވެ.
ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ހަރަކާތްތެރިޔާ ސައީދު ޖަލީލީ އެވެ. އޭނާއަށް ލިބިވަޑައިގަތީ 39.5 ޕަސެންޓެވެ.
އީރާންގެ ރިޔާސީ އިންތިހާބާ މެދު މިއީ ކުރިންވެސް ހީކުރެވިފައި އޮތް ގޮތެވެ. ވޯޓުގެ ކުރިންވެސް މި ދެ ކެންޑިޑޭޓުންނާ ބެހޭ ގޮތުން ބުނެވުނީ މިފަދައިންނެވެ. ދެވަނަ ބުރަކަށް ހިނގައްޖެނަމަ ވާދަކުރައްވާނީ މި ދެ ކެންޑިޑޭޓުންނެވެ.
އީރާނަށް ރައީސަކު ހޮވުމުގައި އަބަދުވެސް ބުނެވެނީ ރައީސަކަށް ހޮވޭނީ އީރާންގެ ލީޑަރު އަލީ ޚާމަނާއީގެ ރުހުން އެންމެ ބޮޑަށް އޮންނަ ކެންޑިޑޭޓެއް ކަމަށެވެ. އިންތިހާބުގައި ވޯޓުލުމުގައި އިލެކްޝަން ކޮމިޝަނުންނާއި ޝީއީ އިލްމުވެރިންގެ ކޮމިޓީތަކުން ވަކި ކެންޑިޑޭޓަކު މޮޅުވާނެ ގޮތް ހަދައިދޭ ކަމަށް ބުނާ ބުނުން އިންތިހާބާ ގުޅުވައިގެން އަބަދުވެސް ބުނެ އުޅެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ އާބާދީއަށް ބަލާއިރު އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ އަދަދަށް ބަލާއިރު ވޯޓުލާން ނުކުތް މީހުންގެ އަދަދު މިފަހަރު ވަރަށް މަދެވެ. ޝަރުތު ހަމަވާ މީހުންގެ 50 ޕަސެންޓް ވެސް ވޯޓުލާފައި ނުވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން އީރާންގައ ވޯޓުލުމަށް ޝަރުތު ހަމަވާ 64 މިލިއަން މީހުން އެބަ ތިއްބެވެ. ގިނައީ ޒުވާނުންނެވެ. އީރާންގައި 2021 ގައި ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 59.3 މިލިއަން އެވެ.
މި އިންތިހާބަކީ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ބާއްވާ އަވަސް އިންތިހާބެކެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި 80 ފޯމެއްގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ނިންމައި އިންތިހާބުގައި ވާދަކުރަން ހުއްދަ ދީފައިވަނީ ހަ މީހަކަށެވެ.