އަލީ ހާޝިމް

ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ލަފާ ދޭން ފާސްކޮށްފި

Jul 1, 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން އަލީ ހާޝިމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތައް ފުރިހަމައަށް ރިއާޔަތްކޮށް ދިވެހި ގައުމުގެ އިގްތިސާދު ހީނަރުވެ ގައުމު ބޮޑު އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި އެމްއެމްއޭ އަކީ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ މުއައްސަސާއަކަށް ވީހިނދު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރު އެ މަސްއޫލިއްޔަތުތައް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގަިއ އަދާކޮށްފައި ނެތް،" މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

މައްސަލައިގައި ބުނެފައިވަނީ މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލުކުރަންޖެހޭ ނަމަ އެކަންކުރުމުގެ ވަގުތު ކަމުން މަރުކަޒީ ބޭންކު ހިންގުމަށް ތާޒާ އާރޯ ލީޑަޝިޕެއް ބޭނުންވާ ވަގުތު ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަވަނަ މާއްދާގެ (3)ގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ހުށަހަޅަމެވެ." މައްސަލައިގެ ލިޔުމުގައިވެ އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ލަފާ ދޭން ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން ފާސްކޮށްފައި މިވަނީ އޭނާ މަގާމުގެ ޒިންމާ ރަނގަޅަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ޕީއެންސީއާއި އެމްޑީއޭގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެޕްޓެމްބަރު 8، 2019 ގައެވެ.