މިފްކޯ

މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން

މިފްކޯއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 1.6 ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ބައިނަލްއަގްވާމީ މާކެޓުގައި މަސް ގަންނަ އަގުގައި މިފްކޯއަށް މަސް ގަންނަން ނިންމީ ދައުލަތާއި މިފްކޯގެ މާލީ ހާލަތުގެ ސަބަބުން މަޖުބޫރުވެގެން ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިފްކޯ އަކީ އަބަދުވެސް ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމުން އެ ކުންފުނި ތަރައްގީކުރުމަށް ކުރެވެން ހުރި ކަންކަންވެސް މިދިޔަ ގިނަ އަހަރުތަކުގައި ކޮށްފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އިވެނީ މިފްކޯއެއް ބަދަލެއް ނުވެއޭ. މަސްވެރިންގެ ދޯނި ފަހަރު ބަދަލުވެއްޖެއޭ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯ ތަރައްގީކުރުމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގައި ކުންފުނި ހިންގަން ޖެހުން ކަމަށެވެ. މިފްކޯއަށް ލިބޭ ހުރިހާ އާމްދަނީއެއް މަސްވެރިންނަށާއި އިދާރީ ބޭނުންތަކަށް ހަރަދު ކުރުމަށްފަހު އެ ކުންފުނި ތަރައްގީކުރަން އެއްވެސް ވަރަކަށް ފައިސާ ނުހުންނަ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ފަހު ދުވަސްކޮޅު ވަނީ މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ޝިޔާމް މިއަދު ވިދާޅުވީ މިފްކޯއަށް މަސް ކިލޯއެއް 25 ރުފިޔާއަށް ގަންނަ ނަމަ ދައުލަތުން ސަބްސިޑީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ މިފްކޯއަށް ހަރަދުކުރަންޖެހޭނެ ކަމަށާއި އެއީ މުޅި ދައުލަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އެދަދަކީ ޔަގީނުން ސް މިފްކޯއަށް ދޭން ފަސޭހަ އަދަދެއް ނޫން. ސަރުކާރަށް ވެސް، އެއީ ވާނެ ވެސް ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ސަރުކާރުން ބޭނުންވީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާގެ ރޭޓުގައި ބެހެއްޓުމަށް ކަމަށެވެ. އެކަމަކު އެއީވެސް މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި ނުލިބޭ އާމްދަނީއަކުން މަސް ގަންނަން އުޅެފިނަމަ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވެ، އާއިލާތަކަށް އޭގެ ދަތިކަން މާބޮޑަށް އިހްސާސް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީގެއިތުރުން އެ އަގުގައި މަސް ގަތުމަކީ ޕްރައިވެޓް ކުންފުނިތަކަށް ވެސް އުނދަގޫވާނެ ކަމެއް. މިފްކޯއިން ކަނޑައަޅާ އަގުތަކުގެ ސަބަބުން އެ ކުންފުނިތައް ހިންގުން ވަނީ ގާތްގަނޑަކަށް ހުއްޓިފައި،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން 20 ރުފިޔާއަށް މަސް ކިލޯއެއް ގަނެ، 48 ގަޑިއިރުގެ ތެރޭގައި އެ ރުފިޔާ މަސްވެރިންނަށް ދިނުމަށް ވައުދުވި ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ވުމުން ނޫނީ އެކަން އެގޮތަށް މިވަގުތު ކުރެވެން ނެތް ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުން ވައުދުވި ގޮތަށް މަހުގެ އަގު ހިފެހެއްޓޭނީ މަސް ޕްރޮސެސް ކުރުމަށް އަޅާ ފެކްޓްރީތައް ނިމި، 80،000 ޓަނުގެ މަސް ޕްރޮސެސް ކުރަން ފަށާ ހިސާބުން ކަމަށާއި މިފްކޯއަށްވެސް އޭރުން ފައިދާ ވާން ފަށާނެ ކަމަށެވެ.