މިފްކޯ

ހުޅުމާލޭގައި މަސް ބަންދުކުރާ ފެސިލިޓީއެއް އަޅަނީ

މަސްވެރިކަމުގެ ވިޔަފާރިތަކަށް ހާއްސަ މަސް ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި އަޅަން ނިންމައިިފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވީ ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މަސް އެކްސްޕޯޓް ކުރުމަށްޓަކައި ކުޑަ ޕެކިން ފެސިލިޓީއެއް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ސިނާން ވިދާޅުވީ އެ ފެސިލިޓީ އެޅުމަށްޓަކައި ބޭނުންވާ ފައިސާ އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެތަނުގެ އޮޕަރޭޝަންތައް ހިންގާނެ ގޮތްތައް ނިންމާނީ މިފްކޯއާ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.

ސިނާން ވަނީ މަސް އެކްސްޕޯޓް ކުރަން ބޭނުންވާ ކުދި ވިޔަފާރިތަކަށް މިވަގުތު އެހާފުޅާކޮށް އެ ފުރުސަތު ނެތް ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި އެފަދަ ކުންފުނިތައް ޖެހެނީ ކޮންމެވެސް ބޮޑު އަމިއްލަ ބައެއްގެ އެހީއާއެކު މަސް އެކްސްޕޯޓް ކުރަން ކަމަށްވެސް ވިދާޅުވި އެވެ.

"ވިސްނުން ހުރީ ހުޅުމާލޭގައި މިފްކޯއިން އެ ފެސިލިޓީ ތަރައްގީ ކުރިޔަސް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން މަދުން މަސް އެކްސްޕޯޓުކުރާ ފަރާތްތަކަށް ނޫނީ ޔޫނިއަންތަކަށް ދޭން،" ސިނާން ވިދާޅުވި އެވެ.

ކ. ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރިއަށް ގެންދާ ހުރިހާ މަސައްކަތްތަކެއް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.