ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޗާޓެޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 100 ސްކޮލާޝިޕް

ޗާޓެޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 100 ސްކޮލާޝިޕް ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިން ސްކޮލާޝިޕް 2024ގެ ނަމުގައި ހުޅުވާލައިވާ މި ސްކޮލާޝިޕް ފުރުސަތުތަކަކީ ރާއްޖޭގައި އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)، ސްކިލްސް އެންޑް ޕްރޮފެޝަނަލް ލެވެލް އަދި ޗާޓެޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓޭންޓްސް (ސީމާ)، މެނޭޖްމެންޓް އެންޑް ސްޓެރީޖިކް ލެވެލް ކިޔަވަން ބޭނުންވާ ކުދިންނަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

މިސްކޮލާޝިޕް ފުރުސަތު ވަނީ ދެ ބަޔަކަށް ބަހާލާފަ އެވެ. އެއީ ޕަބްލިކް ކެޓަގަރީ ނުވަތަ ދައުލަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަދި އޯޕަން ކެޓަގަރީ ނުވަތަ އަމިއްލަ ކުންފުނިތަކުގައި ނުވަތަ ވަޒީފާ އަދާ ނުކުރާ ފަރާތްތަކަށެވެ.

މި ދެ ކެޓަގަރީއަށްވެސް 50 ސްކޮލާޝިޕް ބަހާލާފައިވެ އެވެ.

ސްކޮލާޝިޕަށް ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭސީސީއޭ ސްކިލްސް ނުވަތަ ޕްރޮފެޝަނަލް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަ ވުމާއި، ސީމާ މެނޭޖްމަންޓް ނުވަތަ ސްޓްރެޓީޖިކް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަ ވާން ޖެހެ އެވެ.

މީގެ އިތުރުން ސްކޮލާޝިޕަށް އެދޭ ފަރާތަކީ ކުރިން ހަޔާ އެޑިއުކޭޝަނުން ނުވަތަ ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ކިޔެވުމަށް ލޯނެއް ނަގާފައިވާ ފަރާތެއްނަމަ އެ ލޯނެއް ޑިފޯލްޓެއް ނެތި ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި، ހަދަން އެދޭ ކޯހަކީ މިހާރު ފުރިހަމަަ ކޮށްފައިވާ ކޯހަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާން ޖެހެ އެވެ. އަދި ހަދަން އުޅޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޕޯޓަލްއެއް ގާއިމުކޮށްފަ އެވެ.