ހަބަރު

ސަމޯއާ އެގްރީމަންޓުގައި ސޮއިކުރީ ދީނާއި ގާނޫނާ އެއްގޮތަށް: ސަރުކާރު

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓަސް (އޯއޭސީޕީއެސް)ގެ ބައިނަލްއަގްވާމީ އެއްބަސް ވުމެއް ކަމުގައިވާ "ސަމޯއާ އެގްރީމެންޓް" ގައި ރާއްޖެއިން ސޮއި ކުރީ އިސްލާމްދީނާއި ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނީ ސަމޯއާ އެގްރީމަންޓްގައި ސޮއިކުރީ އިސްލާމްދީނާއި، ގާނޫނުއަސާސިީއާއި ހިލާފުވާ ބައެއް މާއްދާތަކާއެކު ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔަމުން ދަނިކޮށެވެ.

ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ސަމޯއާ އެގްރިމަންޓުގައި ސޮއިކޮށްފައިވަނީ އިސްލާމް ދީނާއި ގާނޫނުއަސާސީއާއި ހިލާފުވާ 12 މާއްދާއަކަށް އަމަލުނުކުރަން ރިޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށެވެ.

މި އެގްރިމަންޓުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ސަމޯއާ އެގްރީމަންޓަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ – އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

މި އެގްރީމަންޓުގައި ބައިވެރިވެ އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.