ހަބަރު

ޔޫނިއަންތައް ރަޖިސްޓަރީކުރުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި

ޔޫނިއަންތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވައިދު ގެޒެޓް ކުރީ ރޭގެ ވަގުތެއް ގައެވެ.

މިގަވައިދުގައި މަސައްކަތްތެރިންގެ ޖަމިއްޔާތައް ރަޖިސްޓަރީ ކުރެވޭނެ އުސޫލުތަކެއް ކަނޑައަޅައިދީފައިވާއިރު އުސޫލު އެކުލަވާލާފައިވަނީބ ޔޫނިއަންތަކުގައި އުމުރުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވޭ ގޮތަށެވެ. ނަމަވެސް 18 އަހަރު ނުވާ ކޮންމެ ކުއްޖަކަށް ޔޫނިއަންގައި ބައިވެރިވެވޭނީ މައިންބަފައިން އިއުތިރާޒު ނުކުރާނަމަ އެވެ.

ބިދޭސީންނަށް ޔޫނިއަންގައި ބައިވެރިވެވެނީ ވޯކް ޕާމިޓްގެ ދަށުން އެ މީހާ ރާއްޖެ އެތެރެވި މަސައްކަތަކާ ގުޅޭ ޔޫނިއަން އެއްގައެވެ.

ޔޫނިއަންއެއް ރަޖިސްޓްރީ ކުރަން ހަތް މީހުންގެ ސޮޔާ އެކު ހުށަހެޅުމުން ކަމާ ގުޅޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާނަމަ ގަވައިދުގައިވާ ގޮތުން ތިން ދުވަސް ތެރޭގައި ރަޖިސްޓަރީ ކޮށްދޭނެ އެވެ. ރަޖިސްޓަރީ ކުރަން 5،000 ރުފިޔާގެ ފީއެއް ނަގަ އެވެ.

ގަވައިދުގައިވާ ގޮތުން ރަޖިސްޓަރީ ކޮށްފައިވާ އެއް ބާވަތެއްގެ ދެ ޔޫނިއަން ނުވަތަ އެ އަށް ވުރެ ގިނަ ޔޫނިއަން އެއްކޮށްލައިގެން ވަކި އިތުރު ޔޫނިއަން ވެސް ހެދެ އެވެ. ވަކިވަކި ޔޫނިއަންތަކެއް އެއްކޮށްލައިފިނަމަ އެ ޔޫނިއަންތަކުގެ މުދަލާއި ދަރަނި އަދި އާންމު މެންބަރުން އާ ޔޫނިއަންގެ ދަށަށް ބަދަލުވެ ވަކިވަކި ޔޫނިއަންތަކުގެ ގާނޫނީ ޝަހުސިއްޔަތު ނެތިގެންދެ އެވެ.

މިގަވައިދުގައި ޔޫނިއަންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަހެއް ނުވަތަ އެ އަށް ވުރެ ގިނަ ޔޫނިއަން ގުޅިގެން ފެޑަރޭޝަން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ. ފެޑަރޭޝަން ރަޖިސްޓަރީ ކުރަން 10،000 ރުފިޔާގެ ފީއެއް ނަގަ އެވެ.

ޔޫނިއަންތައް ތަމްސީލްވާ ގޮތަށް ހަޅުތާލު ކުރެވޭނީ ޔޫނިއަންގެ މެމްބަރުންގެ މެދުގައި ސިއްރު ވޯޓަކަށް އަހައި ފާސްކުރުމަށްފަހު އަދި ވަޒީފާ ދޭ ފަރާތަށް 48 ގަޑިއިރުގެ ނޯޓިސް ދިނުމަށްފަހު އެވެ.

ހަޅުތާލެއް ނިންމުމަށްފަހު އެ ހަރަކާތް ނިމޭތާ ހަތް ދުވަހުގެ ތެރޭގައި އެކަމުގެ ތަފްސީލްތައް ޑިރެކްޓަ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސް އަށް ހުށަހަޅަންވެސް ގަވައިދުގައި ލާޒިމުކޮށްފައިވެ އެވެ.