ހަބަރު

އެންމެ ބޮޑު ގޮންޖެހުމަކީ ސްޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލަ: އެޗްއާރްސީއެމް

  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ވެސް ގޮންޖެހުމެއް
  • ކޯޓުގެ ޝަރީއަތްތައް ހިނގާ ގޮތް ބެލުމަށް އެއްބާރުލުމެއް ނުލިބޭ
  • އިންސާނީ ހައްގުތަކުގެ ދާއިރާ އިން ކޮމިޝަނަށް ގޮންޖެހުން އެބަހުރި

މިހާތަނަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެކޮމިޝަނާއި ދެކޮޅަށް ސުޕްރީމް ކޯޓުން ބެލި ސްމޯޓޯ މައްސަލަ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމް އިން އިއްޔެ ނެރުނު އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ބުނީ، ފާއިތުވި ހަތަރު އަހަރު ރާޢްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ދިރާސާކުރުމަށްފަހު، އެ ކޮމިޝަނުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި ޔޫޕީއާރުގެ ރިޕޯޓާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮމިޝަނާ ދެކޮޅަށް މައްސަލައެއް އުފުލައި، ޝަރީއަތް ހިންގުމަކީ އެކޮމިޝަންގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އެޗްއާރްސީއެމްއާ ދެކޮޅަށް ސްޕްރީމް ކޯޓުން ދައުވާ އުފުލީ އެ ރިޕޯޓުގައި ސުޕްރީމް ކޯޓާ ބެހޭގޮތުން ހިމެނި ވާހަކަތަކުގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށް ތުހުމަތުކޮށްގެންނެވެ. އެ މައްސަލާގައި އެޗްއާރްސީއެމަށް ހުކުމެއް އައުމާ ގުޅިގެން އެ ކޮމިޝަންގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދި މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކުރުމުގައި ބޮޑެތި ކޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔޫޕީއާރު ރިޕޯޓާއި ގުޅިގެން އެޗްއާރުސީއެމާއި ދެކޮޅަށް ޝަރީއަތެއް ހިންގާ ހުކުމްކޮށްފައި ވަނީ، އެ ކޮމިޝަންގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސް ނޭޅުމަށާއި، ކޮމިޝަން ހިމާޔަތްކޮށްދިނުމަށް ގޮވާލައި، އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންއާއި މި ސަރަހައްދުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގައުމީ މުއައްސަސާތަކުގެ ޖަމްއިއްޔާ ކަމުގައިވާ، އޭޝިއާ ޕެސިފިކް ފޯރަމުންނާއި އަދި ޔޫރަޕިއަން ޔޫނިއަނުން ގޮވާލާފައިވަނިކޮށް ކަމަށް ވެސް އެރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން މިއަހަރު މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ ތަންފީޒުކުރަން ފެށުމުމަކީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެންޓި ޓެރަރިޒަމްގެ ގާނޫނު ފާސްވެގެންދިއުމާ އެކު އެއީ އެތައް ބަޔަކަށް ގާނޫނުން ލިބޭ ހައްގުތަކެއް ހަނިވާން މެދުވެރިވާ ބިލެއް ކަމަށް ބުނެ ބައެއްގެ ފާޑުކިޔުންތަކެއް އެ ބިލަށް އަމާޒުވި ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ސިޔާސީ ލީޑަރުންގެ މައްޗަށް ޖިނާއީ ކުށުގެ ތުހުމަތުގައި ހިންގޭ ޝަރީއަތުގެ މަޖިލީހުގައި ކަން ހިނގާގޮތް ބަލަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާކަން ފާހަގަ ކޮށް އެ ކޮމިޝަނުން ބުނީ، އެއީ ވެސް އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހީނަރުކަން ލިބިގެން ދިޔަ ކަމެއް ކަމަށެވެ.