އީރާނަށް ރައީސަކު ހޮވުމަށް ޖޫން 28 ގައި ބޭއްވި ރިޔާސީ އިންތިޖާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި މިއަދު އަލުން ވޯޓުލަނީ އެވެ.
ރައީސްގެ މަގާމަށް ވަޑައިގެންނެވޭނީ މި ވޯޓުން 50 ޕަސެންޓަށް ވުރެ މަތިން ހޯއްދަވާ ކެންޑިޑޭޓަކަށެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލް ކުރައްވާ މަސްއޫދު ޕަޒަސްކިޔާން އާއި އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ހަރަކާތްތެރިޔާ ސައީދު ޖަލީލީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވޯޓުގެ ދެވަނު ބުރުގައިވެސް އެންމެ ކުރީގައި އުޅުއްވަނީ މަސްއޫދު ޕަޒަސްކިޔާން އެވެ.
މަސްއޫދަށް ފުރަތަމަ ބުރުގައި 42.3 ޕަސެންޓް -- 10.4 މިލިއަން ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. ސައީދު ޖަލީލީއަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 9.4 މިލިއަން ވޯޓެވެ.
ދެވަނަ ބުރުގައި ވޯޓުލުން މިއަދު ހެނދުނު ހަޔަކުން ފެށިގެން ކުރިއަށް ދާއިރު، އުސޫލުގެ ތެރެއިން ވޯޓުލުން ނިންމަން އޮތް ގަޑިއަކީ ހަވީރު ހައެކެވެ. ނަމަވެސް ދާހިލީ ވަޒީރަށް ފެނިވަޑއިގެންފިނަމަ އެ ވަގުތު އިތުރުކުރެވިދާނެ އެވެ.
އީރާންގެ ޓީވީތަކުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުން ދެވަނަ ބުރުގައިވެސް ވަކި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓެއް ނުލިބޭނެ އެވެ. މަސްއޫދަށް ލިބޭނެ ކަމަށް ބެލެވެނީ 49.5 ޕަސެންޓެވެ. ސައީދަށް 43.9 ޕަސެންޓެވެ.
މި އިންތިހާބަކީ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ބާއްވާ އަވަސް އިންތިހާބެކެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި 80 ފޯމެއްގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ނިންމައި އިންތިހާބުގައި ވާދަކުރަން ހުއްދަ ދީފައިވަނީ ހަ މީހަކަށެވެ.
އީރާނަށް ރައީސަކު ހޮވުމުގައި އަބަދުވެސް ބުނެވެނީ ރައީސަކަށް ހޮވޭނީ އީރާންގެ ލީޑަރު އަލީ ޚާމަނާއީގެ ރުހުން އެންމެ ބޮޑަށް އޮންނަ ކެންޑިޑޭޓެއް ކަމަށެވެ.
އިންތިހާބުގައި ވޯޓުލުމުގައި އިލެކްޝަން ކޮމިޝަނުންނާއި ޝީއީ އިލްމުވެރިންގެ ކޮމިޓީތަކުން ވަކި ކެންޑިޑޭޓަކު މޮޅުވާނެ ގޮތް ހަދައިދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިފަހަރުގެ އިންތިހާބާ ގުޅުވައިގެންވެސް ދަނީ ދެކެވެމުންނެވެ.