މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ނޫސްވެރިން އެކްރެޑިޓް ކުރުމާބެހޭ އުސޫލު އާންމުކޮށްފި

ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އާންމުކޮށްފި އެވެ.

ބްރޯޑްކޮމް އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި އުސޫލު އެކުލަވާލީ ބްރޮޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ތަމްރީނު ލިބިފައިވާ ބަޔެއްކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

އެ ކޮމިޝަންގެ ވެބްސައިޓުގައި އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި އުސޫލު ޝާއިއުކޮށްފައިވާނެ ކަމަށާއި އެ އުސޫލުގެ ދަށުން ނޫސްވެރިންނަށް ހާއްސަ ފާހެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބްރޯޑްކޮމް އިން މައުލޫމާތުދެ އެވެ.

މި ފާސް ދޫކުރަނީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާއިން އަދި މިއާ ގުޅުން ހުރި ދާއިރާތަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މި އުސޫލުގެ ދަށުން އެކްރެޑިޓްކޮށްފައިވާ ކާޑް ދޫކުރުމަށް ހަމަޖެހިފައިވަނީ އުސޫލުގައި ކަނޑައަޅާފައިވާ ދާއިރާތަކަށް އަހުލުވެރިފައިވާ މިންވަރު ބަލާ ތަމްރީނެއް ފުރިހަމަ ކުރުމުން ކަމަށެވެ.

ތަމްރީނުގެ ތެރޭގައި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާއި، ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލު ކުރަންވީ ގޮތާއި، އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލު ކުރަންވީ ގޮތާއި، ގުދުރަތީ ކާރިސާއާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލު ކުރަންވީ ގޮތާއި، މުޒާހަރާތަކާއި ހަލަބޮލި ހާލަތްތަކުގައި އަމަލު ކުރަންވީ ގޮތުގެ އިތުރުން އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ކަވަރުކުރުމުގެ ގައިޑްލައިން ވެސް ހިމެނެ އެވެ.

އުސޫލުގައިވާ ގޮތުން ތަމްރީނުގައި ބައިވެރިވުމަށް 100 ރުފިޔާގެ ފީއެއް ނަގަ އެވެ. އަދި ތަމްރީނު ފުރިހަމަ ކުރުމަށްފަހު ދޭ ކާޑުގެ މުއްދަތަަކީ ފަސް އަހަރެވެެ.

ކޮމިޝަނުން ބުނެފައިވަނީ މި އުސޫލަށް އަމަލު ކުރާނީ ކޮމިޝަނުގެ ވެބްސައިޓުގައި އުސޫލު ޝާއިރުކުރި ދުވަސް 8 ޖުލައި 2024 އިން ފެށިގެން ހަ މަސް ދުވަސް ހަމަވުމުން ކަމަށެވެ.