މެންބަރު ހުސައިން މުހައްމަދު ލަތީފް

ސުލްހަވެރި ގައުމެއްގެ އިތުބާރު ގެއްލުވާނުލުމަށް އެދިވަޑައިގެންފި

Jul 9, 2024

ދިވެހިރާއްޖެ އަކީ އަމާން ސުލްހަވެރި ގައުމެއްގެ ގޮތުގައި ދުނިޔެއިން ކުރާ އިތުބާރު ދަމަހައްޓައިދިނުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިކަަމަށް އެދިވަޑައިގަތީ މިއަދު ފެށި "ދަ ނެޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ހުސައިން ވިދާޅުވީ ރާއްޖޭގެ އަމާންކަމާ މެދު ދުނިޔެއިން ކުރާ އިތުބާރަށް ދެގޮތެއް ވިޔަ ނުދިނުން، އެންމެންގެ ގައުމީ މޮޓޯއެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދު ވަރުގަދަކުރެވި، ތަރައްގީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ހާސިލްކުރެވޭނެ،" ހުސައިން ވިދާޅުވި އެވެ.

ކްރޮސްރޯޑްސް މޯލްވްސްގައި ކުރިއަށް ދިޔަ މި ކޮންފެރެންސްގައި ނައިބް ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ ދިވެހީންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށެވެ. އަދި ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައިވަނީ ގުދުރަތީ ރީތިކަމާއި ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާއި ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން ރާއްޖޭގެ އަމާންކަމާއި މުޖުތަމައުގެ ބަދަހިކަމާއި ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމު ކަން ދެނެގަނެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަސައްވުރު ކުރުން ކަމަށެވެ. އަދި މާދަމާގެ އަމާންކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއް ކަމުގައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ރަނގަޅު ތައުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްގީކުރުމަށްވެސް އެދިވަޑައިގެންފަ އެވެ. އަދި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭ ކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމައުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ދަރީންގެ ހިތްތަކާއި ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، ކެތްތެރިކަމާ ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ގައުމު ދެކެ ލޯބިވާ، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.