ވާހަކަ

މިލްކުވާނެބާ

(9 ޖުލައި 2024 އާ ގުޅޭ )

މާޔާގެ ރުއިމުގެ އަޑާއެކު އިޒީކިއަލްއަށް ބަލާލެވުނެވެ. އޭނާ ގޮތް ހުސްވި ފަދަ އިޙްސާސެއް ކުރެވިގެން ދިޔަ އެވެ. އެއްކޮޅުން އޭނާއަށް ސޫޒަންގެ ނަފުރަތުން ފުރިފައިވާ މޫނު ފެންނަމުންދިޔައިރު އަނެއްކޮޅުން އޭނާގެ ކައިރިން ފެންނަމުން ދިޔައީ މާޔާގެ ރުއިމެވެ.

"މީ ރޭވުމެއް." އިޒީކިއަލްއަށް ރުޅިވެރިކަމާއެކު ބުނެވުނެވެ.

ހިލްމީ އައިސް އެ ކޮޓަރިއަށް ވަނީ ފޯނުން މީހަކާ ވާހަކަދައްކަމުންނެވެ. ގެސްޓްހައުސްގެ އިސް މީހަކީ ކާކުތޯ އެހުމަށްފަހު މެނޭޖަރު ހުރިކަން އެނގުމުން ފޯނުކޯލު ނިންމާލާފައި އޭނާއާ ހިލްމީ ވާހަކަދެއްކި އެވެ.

"އެ އެންމެން މިތަނުން ނެރޭ." އިޒީކިއަލް އަމުރުކުރި އެވެ. އެކަން ކުރާން ހިލްމީ އަވަސްވެގަތެވެ.

ކޮޓަރި ތެރޭގައި ތިބި މީހުންތައް ނެރުމުގައި ހިލްމީ އުޅުނުއިރު އިޒީކިއަލް އަވަސްއަވަހަށް އޭނާގެ އަންނައުނުތައް ލައިފި އެވެ. ކޮޓަރި ތެރެ ހުސްވުމުން ހިލްމީއަށް އިޒީކިއަލް އެންގީ މާޔާ އެތަނުން ނެރިގެން ގެންދިއުމަށެވެ. އެ ގެސްޓްހައުސްގައި އިތުރަށް މަޑުކުރާކަށް ވެސް އިޒީކިއަލް ގަސްދެއް ނުކުރެ އެވެ.

"ދިސް އިޒް ޔޯ ފޯލްޓް. އައިލް ޑީލް ވިތް ޔޫ ލޭޓާ." ރުޅިވެރި ބެލުމަކުން މާޔާއަށް ބަލާލަމުން އިޒީކިއަލް ބުންޏެވެ.

އެންމެ ހިނދުކޮޅެއް ވެސް ބޭކާރު ކުރުމެއްނެތި އިޒީކިއަލް އެ ކޮޓަރިން ނުކުންނަމުން ގުޅާލީ ހޯމް މިނިސްޓްރީގެ އިސް މީހަކަށެވެ. އޭނާއަށް ދިމާވެގެން މިއުޅޭ ކަންތައް ބޮޑު މައްސަލައަކަށް ނުވެ ނިންމާލުމަށް ބޭނުންވާތީ އެވެ. އަދި ބަޔަކު ރާވައިގެން ކުރި ކަމެއްކަން އެނގޭތީ އެބަޔަކު ހޯދުމުގެ ގަސްދުގަ އެވެ. އަނެއްކޮޅުން ކޮޓަރީގެ މަންޒަރުތައް ވީޑިއޯ ކުރީ ކޮން ނޫހެއްގެ ބައެއްތޯ ވެސް އޭނާ ހޯދަން ޖެހެ އެވެ. އެ ހުރިހާ ކަމަކަށްވުރެ ސޫޒަން ރުއްސާނޭ ގޮތެއް ވެސް އިޒީކިއަލްއަށް ވަނީ ހޯދަން ޖެހިފަ އެވެ. ހުރިހާ ކަމަކާ އޭނާވަނީ ބޯ ހާސްވެފައި އެވެ.

ހިލްމީގެ ރައްކާތެރި ކަމުގައި މާޔާ ކޮޓަރިން ނެރުނެވެ. ގެސްޓްހައުސްގައި މާޔާ ހުންނަ ކޮޓަރިއަށް ވަދެ ފޮށި ތައްޔާރު ކުރަން ފެށީ ވީ އެންމެ އަވަހަކަށް އެ ގެސްޓްހައުސް ނުކުންނާށެވެ. އަދި ލާންޗު ހަމަޖެހުނުހާ އަވަހަށް މާޔާ މާލެ ދާން ފުރަންވީ ކަމުގައި ވެސް ހިލްމީ ބުންޏެވެ.

* * * * *

ހޮނިހިރު ދުވަހަކީ ރަސްމީކޮށް އޮފީސް އޮންނަ ދުވަހެއް ނޫނެވެ. ހުރިހާ ވެރީން އެކުގައި އެ ދުވަހު ފެނުމަކީ ނުވާނެކަމެވެ. ދެކުނުގެ ޕްރޮޖެކްޓް ކަންތަކުގައި ދަތުރު ނިންމާފައި މާޔާ އައި ހަފްތާގެ ހޮނިހިރު ދުވަސް އެފަދަ އެހެން ދުވަސްތަކާއި ތަފާތެވެއްޖެ އެވެ. ހެނދުނު ނުވައެއް ޖަހާއިރަށް އޮފީހަށް މާޔާ ހާޟިރު ކުރެވުނީ ކުންފުނީގެ އިސްވެރީންގެ އެދުމުގެ މަތީންނެވެ. ބައްދަލުވުން ބާއްވާ ވަށްބުރު ބަށްޓަމުގެ ބޮޑު މޭޒުގެ ދޮށުގައި ލީގަލް ޑިޕާޓްމެންޓްގެ ތިން ވެރީން ތިއްބެވެ. އެ މޭޒުގެ ދޮށުގައި މާޔާ އިށީނުމުން އޭނާއަށް ދިއްކޮށްލީ ޓެބްލެޓެކެވެ. އިސްކުރީނު ފެނުމުން މާޔާއަށް ހިންދިރުވާލެވުނީ ހިތި ގޮތަކަށެވެ.

"މާޔާއަށް އެނގޭނެ އެލް.ސީ.އެލްއަކީ ޔަންގް ކޮމްޕެނީއެއްކަން. އަނެއްކާ ތީ މިތަނުގެ އާދައިގެ މުވައްޒަފެއް ވެސް ނޫން. ޒިންމާދާރު އިސް މަޤާމެއްގައި ހުރިއިރު ވިސްނަންވާނެ އަމިއްލަ މީހާއަށް ކުރެވޭ ކަމަކުން އޭގެ އިމްޕެކްޓް ކޮމްޕެނީއަށް ފޯރަފާނެކަން. އެކޮޅަށް ގޮސް ހުރީ ވެސް އޮފީހުގެ މަސައްކަތުގައި. ރަސްމީ ދަތުރެއްގައި... ސްކޭންޑަލްއަކަށް ފުރުޞަތު ދެވެންވީ..." ޝަފީޤުގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ލީގަލް ޑިޕާޓްމެންޓުގެ ވެރިޔާ ނަސްރު ވާހަކަދައްކަން ފެށީމަ އެވެ.

"ފިޔަވަޅެއް އަޅާން މަޖުބޫރު ކުރީ މާޔާ. މީ އެއްވެސް ވަރަކަށް މާޔާގެ ފުށުން އުންމީދުކުރި ކަމެއްނޫން. ޚާއްޞަކޮށް ރާހިންގެ ރިކޮމެންޑޭޝަންނަކާ މެދު ޑިސެޕޮއިންޓްވާން ޖެހިފައެއް މިހާތަނަށް ނެތް. އެނީވޭޒް، ބޯޑާ ހަމައަށް މިކަން ވަނީ ގޮސްފައި. އެހެންވީމަ ބޯޑުން މިކަން ބަލައި ވަކި ގޮތެއް ނިންމަންދެން މާޔާ މިއަދުން ފެށިގެން ގޭގައި އިހަށް މަޑުކޮށްލާ." ނަސްރު ބުންޏެވެ. އޭނާގެ މޫނުމަތީގައިވާ ފޫހިކަން ފޮރުވާކަށް ވެސް މަސައްކަތެއް ނުކުރި އެވެ.

މާޔާއަށް އަމިއްލަ ދިފާއުގައި ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ވާހަކަ އަޑުއަހަން އެމީހުން ބޭނުންވާ ހެން ހީނުވަނީ އެވެ. އެ ފުރުޞަތެއް ވެސް ނުދިނެވެ. ހިމޭންކަމުގައި މާޔާ އޮފީހުން ނުކުތީ ލަދުވެތިކަމާއެކު އިސްޖެހިފައި ހުރެ އެވެ. ރަސްމީ ދުވަހަކަށް ނުވިކަން ނަސީބެކޭ މާޔާ ހިތައް އެރި އެވެ. އެހެންނޫނީ އޭނާ ނުކުމެގެން ދާންޖެހޭނީ އެތައް މުވައްޒަފުންނެއްގެ ކުރިމަތީ އެވެ.

އެޕާޓްމެންޓަށް ވަދެގެން އައިގޮތަށް މާޔާ އިށީނީ ސޯފާގަ އެވެ. ޚިޔާލުތަކަށް ގެއްލިފައި އިރުކޮޅަކު މާޔާ އިނެވެ. އޭނާ ދެން ނެގީ ފޯނެވެ. އިޒީކިއަލްއާއި އޭނާގެ އަބުރަށް ހުތުރުވާނޭހެން ޚަބަރު ލިޔެފައި އޮތީ އަތޮޅުތެރެއަށް ނިސްބަތްވާ ދެ ނޫހެއްގަ އެވެ. އެ މީހުންވަނީ ގެސްޓްހައުސްގެ ކޮޓަރިތެރޭގައި އެމީހުން ތިބި ގޮތުގެ ފޮޓޯއެއް ވެސް ޖަހާފައި ވެއެވެ. މާޔާއާއި އިޒީކިއަލްގެ މޫނު ހިސާބަކަށް ފުސްކުރެވިފައި ވިޔަސް ކޮޓަރިތެރޭގެ މަންޒަރުތައް ސާފުކޮށް އެ ފޮޓޯގައި ފެންނަން ހުއްޓެވެ. މީހުންގެ މަޤްބޫލުކަން ލިބިފައިވާ ބޮޑު ނޫހަކުން ވެސް އެ ހާދިސާއާ ގުޅޭ ގޮތުން ލިޔެފައި އޮތެވެ. ހަޤީޤަތެއް ބަލާލުމެއްނެތި ނޫސްތަކުގައި ޚަބަރުތައް ފެތުރެމުންދިޔައީ މާޔާއާއި އިޒީކިއަލްގެ އަބުރު ކަތިލަމުންނެވެ. އެ ޚަބަރުތައް މީހުން ކޮށްފައި ހުރި ކޮމެންޓްތައް ފެނުމުން މާޔާގެ ހިތް ކުދިކުދިވި އެވެ. ގިނަބަޔަކު އިނގިލި ދިއްކުރަނީ މާޔާއަށެވެ.

"ރާހިން..." ކަރުނުން ދެ ލޯ ފުރިފައި އިނދެ މާޔާއަށް ކިޔާލެވުނެވެ. ރާހިންއަށް އެ ޚަބަރުތައް ފެނުމުންވާނެ ގޮތަކާމެދު މާޔާ ކަންބޮޑުވެ އެވެ. ރާހިންގެ އިތުބާރު ގެއްލޭކަށް މާޔާ ނޭދެ އެވެ.

* * * * *

"މި ނޫސްވެރީން ވެސް މީހެއްގެ އަބުރާއި އިއްޒަތަށް އަރައިގަންނަންވެއްޖެނަމަ ހާދަ ފޯރިއެއް ހުރެޔޭ. އެކަމުން ބައެއްގެ ދިރިއުޅުން ހަލާކުވެދާނޭ ހިތަށް ވެސް އަރުވާނުލާނެ. ދޮގާއި މަކަރާއި ނުބައިކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ނުފަތުރަންޏާ ނޫސް ހިނގާ ކަމަކަށްނުވޭ." ފޯނަށް ބަލަން އިނދެ ފައިނާނު ކުދިކިޔާހެން އެއްޗެހި ކިޔަމުންދިޔަ އެވެ.

"ކީއްކުރަން ތިއުޅެނީ." ކުއްލިއަކަށް ފައިނާނު ތެދުވެ އަތްދަބަސް ނަގަން އުޅުމުން ޒާހިލް އަހާލި އެވެ.

"މިޔާ ކައިރިޔަށް." ފައިނާނު ބުންޏެވެ.

"ހޭލި ގޮތަށް އަދި އެއްޗެއް ނުކައި ތިއުޅެނީ. އިހަށް ސައިބޯން ހިނގާ. ފަންނަ ކާހިތްވާ އެއްޗެއް މަންމަ ހަދައިދޭނެ." ޒާހިލް ބުންޏެވެ.

"އަހަރެން ގުޅީމަ ފޯނެއް ވެސް ނުނަގާ. މިޔާ ހުރި ހާލެއް ނޭނގޭ. އޭނާ ކައިރީ އެއްވެސް މީހަކު ނުހުންނާނެ. އަހަރެންނަށް އެނގޭ މިޔާ ދެރަވެގެން އުޅޭނެވަރު. މިކަހަލަ ވަގުތެއް އޭނާ އެކަނިވާން ދޫކޮށްލާނީ ކިހިނެއް؟. ހިނގައިގެން މިއުޅެނީ ކުޑަކަމެއްތަ؟. މީހުން ވެސް ފާޑުފާޑު އެއްޗެހި ގޮވާއިރު ހީވަނީ މި މީހުންނަށް ބަލަދު އަރާބައެއް ކަމެއްކޮށްގެން އުޅޭހެން." ފައިނާނަށް ބުނެވުނެވެ.

"ފަންނަ އެކަމުގެ ތެރެއަށް ވަންނަން ނޫޅެބަލަ. ތިމާއާ ނުބެހޭ ކަންތަކުގެ ތެރެއަށް ނުވަނިއްޔާއޭ ރަނގަޅުވާނީ ބުނެއެއްނު." ޒާހިލް އައިސް ފައިނާނުގެ ގާތުގައި ހުއްޓެމުން ބުނެލި އެވެ.

"ވަޓް. މިޔާއަކީ އަހަރެންގެ ކޮންމެ މީހެއްނޫނޭ. އަހަރެންގެ ހުރިހާ ކަމަކާ މިޔާއަށް ބަސްބުނުމުގެ ހައްޤު އޮންނާނެ. ހަމަ އެގޮތަށް މިޔާއަށް ކަމެއް ދިމާވެއްޖެނަމަ އެކަމުގެ ތެރެއަށް އަހަރެން ނުވަދެ ހުރުމަކީ ނުވާނެކަމެއް. އަހަރެންނަށް އެނގޭ އެ އިޒީކިއަލްއަކީ ޒާހިލްގެ ކިހާ ގާތް މީހެއްކަން. އަދި މި ފެމެލީއާ އޭނާއާ އޮންނަނީ ކޮންކަހަލަ ގުޅުމެއްކަން. ޒާހިލް އޭނާގެ ކަންތައްތަކުގައި އުޅޭ ގޮތް މަށަށް ފެނޭ. ގިނަ ފަހަރު ބަދުނާމުވާއިރު ހުތުރު ނަން ލިބެނީ އަންހެން މީހާއަށް. ދުށީންތަ އެ ވާހަކަތައް ލިޔެފައި ހުރި ގޮތް. އެއަށް މީހުން ކޮށްފައި ހުރި ކޮމެންޓު ކިޔާލިންތަ؟. މިޔާއަކީ އެމީހުން ސިފަކުރާހާ ލަދެއް ހަޔާތެއްނެތް އަންހެނެއްތަ؟. އޭނާއަކީ ފައިސާއަށް ވިކޭނެ އަންހެނެއްހެން ހީވަނީތަ؟. ނޫނީ މީހުންގެ ދިރިއުޅުން ހަލާކު ކުރަމުން ދުވާ އަންހެނަކީތަ؟." ފައިނާނު ރުޅިގަދަވަމުން ދިޔަ އެވެ. މިޔާއަށް ނިސްބަތްކޮށް އިހާނެތި ބަހެއް މީހަކު ބުނުމަކީ ވެސް އޭނާ އެކަމަށް ކެތްކުރާނޭ ކަމެއް ނޫންވިއްޔާ އެވެ.

"ފަންނަ ޕްލީޒް. ކާމް ޑައުން..." ފައިނާނުގެ ދެ އަތުގައި ހިފާލަމުން ޒާހިލް ބުނީ މަޑުމައިތިރިކަމާއެކު އެވެ. ފައިނާނު ތެދުވެ އުޅުނަސް އޭނާއަށް ރަނގަޅަށް ނުކެވޭކަމާއި ހޮޑުލާވަރު އެނގޭތީ އަނބިމީހާގެ ހާލާމެދު ޒާހިލް ހާސްވެ ކަންބޮޑުވެ އެވެ. އަނެއްކޮޅުން ވަރުބަލިވެގެން ފައިނާނު ގިނަވަގުތު އޮށޯވެލައިގެން އޮންނަކަން ވެސް ޒާހިލްއަށް އެނގެ އެވެ. ފައިނާނު އެކަނި ތަނަކަށް ފޮނުވަން ޒާހިލް ޖެހިލުންވަނީ އެ ސަބަބުތަކާ ހުރެ އެވެ. އަނބިމީހާއަށް ކަމެއްވެދާނޭތީ އެކަމުގެ ބިރު ހިތުގައި އޮންނަ ވަރުންނެވެ. ޚުދު އޭނާ ވެސް ލިބެން އުޅޭ ދަރިފުޅަށް އިންތިޒާރު ކުރެވޭތީ އެވެ. ދެމައިން ހެޔޮ ހާލުގައިވުމީ މިހާރު އޭނާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"އަހަރެން ނުފޮނުވަންތަ ތިއުޅެނީ. ތިހެން ހިފަހައްޓަންޏާ ކާފަ ކައިރީ ބުނެގެން ހިނގައިދާނަން." ފައިނާނު ބުނެލީ ޔަޤީނުން ވެސް ޒާހިލަށް ދެކޮޅު ނުހެދޭނޭ ކަމެކެވެ.

"އެހެނެއްނޫނޭ. އެލް.ސީ.އެލްއާ އޮތް ގުޅުން ހީނަރުވިޔަ ނުދިނުމަށް ޓަކައި ވެސް މިކަންތައް ހައްލުކުރަން ޖެހޭ. އިޒީކިއަލް ދަނީ މިކަން ހައްލުކުރާން މަސައްކަތް ކުރަމުން. ނޫހުގައި ހުރި އާޓިކަލްތައް ވެސް ވަރަށް އަވަހަށް ނަގާނެ. އެކަމާ ގުޅޭ އެއްވެސް އެއްޗެއް ދައުރުވާތަނެއް ނުފެންނާނެ. އެކަމުގެ އިންވެސްޓިގޭޝަން ވަރަށް ބާރަށް ކުރިޔަށް އެބަދޭ. އިޒީކިއަލް ބުނެގެން އަހަރެން ވެސް ޕާސަނަލީ މިދަނީ އެކަން ހިނގިގޮތެއް ހޯދަމުން. ފަންނަގެ ބެސްޓްފްރެންޑަށް އެކަމުން ދެރައެއް ލިބުނަކަ ނުދޭނަން. މިހުރިހާ ކަމެއް އިޒީކިއަލް ހަމައަކަށް އަޅުވާނެ. ވީ އާ ވޯކިން އޮން އިޓް. ސޯ ޕްލީޒް. އިހަށް ފަންނަ ގައިގަ ވަރުޖެހިލަންދެން ތަންތަނަށް ނުގޮސް މަޑުކޮށްލަބަލަ." އެނދު އަރިމަތީގައި ފައިނާނު ބައިންދަމުން އޭނާއަށް ވިސްނައިދޭން ޒާހިލް މަސައްކަތް ކުރި އެވެ.

"ޔަޤީންތަ މިޔާއަށް ދެރައެއް ނުލިބޭނެކަން. އިޒީކިއަލްއަށް މިކަން ހައްލު ކުރެވޭނަތަ." ވިސްނާލުމަށްފަހު ފައިނާނު އަހާލި އެވެ.

"ޔަޤީން." ޒާހިލް ވަގުތުން ބުންޏެވެ.

"އޯކޭ. މިއަދު މަޑުކޮށްފާނަން... އެކަމަކު ބުނަން. މަށަށް ދޮގު ހަދައިފިކަން އެނގިއްޖެއްޔާ ދެން ޒާހިލް ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހަނަން." ކަނާއަތުގެ ޝަހާދަތް އިނގިލި ޒާހިލްއަށް ދިއްކޮށްލުން ފައިނާނު ދިނީ އިންޒާރެކެވެ.

"ޔެސް. ޔެސް... ހައު ޑެއާ އައި ލައި ޓު ޔޫ މައި ކުއީން." ފައިނާނުގެ ކައިރީ އިށީނދެ އަނބިމީހާ ގާތްކޮށްލަމުން ޒާހިލް ބުންޏެވެ. ފިރިމީހާގެ ބަސްތަކުން ފައިނާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ލޯތްބާއެކު ޒާހިލްގެ ކޮނޑުގައި ފައިނާނަށް ބޯއަޅާލެވުނެވެ. އެހާމެ އަވަހަށް އަނބިމީހާގެ ބޮލުގައި ބޮސްދޭން ޒާހިލް އަވަސްވެލި އެވެ. މިހާރު އޭނާއަކީ އަނބިމީހާގެ ލޯބި ހޯދަން މަސައްކަތް ކުރާ ފިރިއެކެވެ.

* * * * *

މެންދުރުގެ ވަގުތެވެ. މަސައްކަތުގައި އަވަދިނެތި އިޒީކިއަލް އިނީ އޮފީސް ތެރޭގަ އެވެ. އޭނާގެ މޭޒުގެ އަނެއްފަރާތުގައި ބައްދަލުކުރާން އަންނަ މީހުން އިށީނުމަށް ހުރި ދެ ގޮނޑިން އެއް ގޮނޑީގައި ޒާހިލް އިނެވެ. އިޒީކިއަލްގެ ސަމާލުކަންވަނީ އޭނާ ކުރާން އިން މަސައްކަތަށް ހުއްޓިފަ އެވެ.

"އިޒީކިއަލް." ނީނދެވިގެން ކަހަލަ ގޮތަކަށް ޒާހިލް ގޮވާލި އެވެ.

"ވަޓް." ބޮލަށް އުނދަގޫވީ ފަދައަކުން އިޒީކިއަލް މިހެން ބުނެ ޒާހިލަށް ބަލާލި އެވެ.

"އަބައުޓް މިޔާ... މިހާ ބޮޑުކަމެއް ހިނގައިދިޔައިރު ހަމަ ނުބަލަންތަ ތިހުންނަނީ އޭނާއަށް ވީގޮތެއް. ނާހާނަންތަ އަހަރެން ކައިރީ. އެނގޭކަށް ބޭނުމެއްނޫންތަ؟. ތި ކަންބޮޑުވަނީ ސޫޒަންއާ މެދުތަ؟. ކަލޭ އެކަނިވާނޭ ވަގުތުކޮޅެއް އަހަރެން ހޯދާ ދީފާނަން. އެޓްލީސްޓް މިޔާގެ ހާލު ބަލާލަން ދޭބަލަ. ނޫސްތަކުން އެ ޚަބަރުތައް ނެގުވިއެއް ކަމަކު އެއީ ނުވާކަމަކަށްނުވާނެ ދޯ. ދެތިން ދުވަހުގެ ތެރޭގައި ވެސް ހާދަބަޔަކު އެ އެއްޗިއްސަ ވަދެ ކިޔައިފިޔޭ އެ ވާހަކަތައް." ޒާހިލް ވާހަކަ ދައްކަމުން ދަނިކޮށް އޭނާއަށް ފޯނުކޯލެއް އައީ އެވެ.

"އަރޭ އެ ގުޅަނީ." ފޯނަށް ބަލާލާފައި ޒާހިލް ބުންޏެވެ. އަދި އޭނާ އެ ފޯނުކޯލަށް ޖަވާބުދޭން އަވަސްވެލި އެވެ. އޭރު އިޒީކިއަލްގެ ސަމާލުކަން ވެސް ޒާހިލަށް ހުއްޓިފައިވި އެވެ. އަރްހަމްއާ ޒާހިލް ދައްކަމުންދިޔަ ވާހަކަތަކަށް އިޒީކިއަލް އިނީ ފަރުވާތެރިވެ އެވެ.

"އިންފޯ ލިބިއްޖެ." ފޯނުކޯލު ނިންމާލުމާއެކު ޒާހިލް ނިކަން އަވަހަށް ބުނެލައިފި އެވެ. އިޒީކިއަލް އެއްޗެއް ނުބުނެ ބަލަން އިނުމުން އަނެއްކާ ވެސް ޒާހިލް ވާހަކަދައްކަން ފެށި އެވެ.

"ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ހަތޫންއާއި އޭނާގެ ފިރިމީހާ ލުހާމް. އިޒީކިއަލް އުޅުނީމެންނު ލުހާމާއި މިޔާއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްކަން ނޭނގިގެން. އެއީ މިޔާގެ އެކްސެއް. ބިޒްނަސް ކޮލެޖުގައި މި ތިން މީހުން ކިޔަވަން އުޅުނީ އެކުގައި ކަމަށްވަނީ. މިޔާގެ ބައްޕަ ނިޔާވިއިރު ވެސް ރައްޓެހިވެގެން އުޅުނީ ލުހާމާ ކަމަށްވަނީ. އެމީހުންގެ މެދުގައި ޖެހުނީ ކޮންމައްސަލައެއް ކަމެއް ނޭނގޭ. މީ މިޔާއަށް ޓާގެޓްކޮށްގެން ކުރި ކަމެއް... އިޒީކިއަލް. މިކަމުގައި މިޔާގެ އަތެއްނުވޭ. އެހެންނޫނަސް އަމިއްލަ މީހާ ބަދުނާމުވާ ގޮތެއް ކަމެއްކުރާނީ މޮޔައެއް. މީ އެއްގޮތަކަށް ވެސް މިޔާއަށް އެނގިގެން ވީ ކަމެއްނޫން. އަރްހަމްގެ މީހުން އެ ދެމަފިރިން ގޮވައިގެން މިކޮޅަށް އެބައާދޭ. ލީގަލް ޓީމް ވެސް އޮތީ ރެޑީގައި. އެތަނަށް ނުދާނަންތަ؟." ޒާހިލް ބުންޏެވެ.

"ޒާހިލްގެ ވާހަކަ އަހަރެން ޤަބޫލުކޮށްފިން. އަހަރެން ބޭނުމީ އެޅޭން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެމީހުންނަށް އަޅަން. ކޮންމެ ގޮތަކުންވިޔަސް ވަރިހަމަ. ދެވަނަ ފަހަރަށް ބަލާލަން ވެސް ހިތަށް ނާރާވަރު ކުރަން." ދަތްކުނޑިވިކާލައިގެން އިނދެ އިޒީކިއަލް ބުންޏެވެ.

"މައްސަލައެއް ނޯންނާނެ. ތި ރުޅިއާ ކުރިމަތިލާން ކެރޭވަރު މީހަކު ހިޔެއްނުވޭ ހުންނާނެހެން. އިޒީކިއަލްއޭ ބުންޏަސް ޖެހިލުންވެ ބިރު ގަންނަ މީހުން ގިނައީ." ސަމާސާކަން އެކުލެވޭ ރާގެއްގައި ޒާހިލް މިހެންބުނެ ގޮނޑިން ތެދުވި އެވެ.

(ނުނިމޭ)