މޯލްޑިވްސް ޕޮލިސް ސާވިސް

ޖަޕާނުން ދިން އުޅަނދުތަކާއެކު ފުލުހުންގެ ހިދުމަތް ކުރިއެރުވޭނެ: ޝުޖާއު

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އުޅަނދުތަކާ ހަވާލުވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ކުށްކުރުން އިތުރުވަމުންދާ މުޖުތަމައުއެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ޖަޕާނުން ހަދިޔާކުރި އުޅަނދުތަކުގެ ބޭނުން ހިފާނެ ކަމަށެވެ.

"މިފަދަ ވަސީލަތްތަކަކީ އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ބޭނުންތެރި ވަސީލަތްތަކެއް،" ޝުޖާއު ވިދާޅުވި އެވެ.

ޖަޕާން ސަރުކާރުން ވަނީ ހަތަރު މިލިއަން އެމެރިކާގެ ޑޮލަރު ނުވަތަ 61.7 މިލިއަން ރުފިޔާގެ އުޅަނދު ހަދިޔާކޮށްފަ އެވެ. އެއީ 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން އެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ ވިދާޅުވީ އުޅަނދުތަކުގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މެޓަލް ޑިޓެކްޓަރާއި، ލޭޒަރާއި، ޕެސެންޖާ ކްރާފްޓާއި، ރަބާ ބޯޓު ފަދަ އިތުރު ވަސީލަތްތައްވެސް ފުލުހުންނަށް ހޯދައިދޭނެ ކަމަށެވެ.

ސަފީރު ވަނީ ޖަޕާން ސަރުކާރުގެ އެހީގެ ސަބަބުން ރާއްޖޭގެ ފުލުހުންގެ ހިދުމަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައިވެރިއެކެވެ. އަދި ރާއްޖޭގެ އެކި މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ޖަޕާނަކީ ނަމޫނާ ގައުމެކެވެ.