ޖަޕާން ސަރުކާރުން ފުލުހުންގެ މުއައްސަސާއަށް ދެ މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފި އެވެ.
ފުލުހުންނަށް ބޭނުންވާ ތަކެތި ހަވާލުކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރި މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި އެތަކެތި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ހަވާލުކޮށްފައިވަނީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނުން ދިން އެހީއަކީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުުޅުމުގެ ހަރުދަނާކަން އަންގައިދޭ ކަމެއް ކަމަށެވެ.
ޖަޕާނު ސަފީރު ކެއިކޯ ޔަނާއީ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޖަޕާނުން ހަދިޔާކުރި ތަކެތީގެ ސަބަބުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޖަޕާނުން ހަވާލުކުރި ތަކެތީގެ ތެރޭގައި، 28 ކާރާއި ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓް (ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓް) ހިމެނެ އެވެ. އެ ތަކެތީ އާއި ދިވެހި ސަރުކާރުން ހަވާލުވިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިނިސްޓަރު އަބްދުﷲ ޝާހިދާ އަށެވެ.
ކެއިކޯ ޔަނާއީ ވަނީ ފުލުހުން އެތަކެތީގެ ބޭނުން ރަނގަޅަށް ހިފައި ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ކުރުމަށް އެދިފަ އެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝްނަރު މުހައްމަދު ހަމީދް ވަނީ ބައިވެރިވެފަ އެވެ.