މޯލްޑިވްސް އިމިގްރޭޝަން

ސަލާން ޖަހަމުންދިޔަ ޖަޕާން މީހާ އިމިގްރޭޝަނުން ދޫކޮށްލައިފި

މާލޭގައި ސަލާން ޖަހަން އުޅުނު ޖަޕާންގެ އަންހެން މީހާ އިމިގްރޭޝަނުން ދޫކޮށްލައިފި އެވެ.

ޖަޕާންގެ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފުކުރުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ޖަޕާންގެ އަންހެންމީހާގެ މައްސަލަ ބަލަނީ އޭނާ ދޫކޮށްލާފައި ބަހައްޓައިގެންނެވެ. އެމީހާ އަނބުރާ ގައުމަށް ފޮނުވާލުމާމެދު ގޮތެއް ނިންމާނީ މައްސަލަ ބަލައި ނިމުމުން ކަމަށް ވިދާޅުވި އެވެ.

އެ މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރެސިޑެންޓް ވިޒާގައި ރާއްޖޭގައި އުޅޭ މީހެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ކާނެ އެއްޗެއް ހޯދުމަށާއި ބޭސްފަރުވާ ކުރުމަށް އެދި ޖަޕާންގެ އެ މީހާ ފައިސާ ހޯދާ ކަމަށް އޭނާއާ ދިމާވި ބައެއް މީހުން ވަނީ ބުނެފަ އެވެ.