ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.
މިރަސްމިއްޔާތުގައި ސީޕީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވައި ޖަޕާނާއި ޔޫއެންއޯޑީސީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.
ފުލުހުންގެ މުއައްސަސާއަށް ޖަޕާން ސަރުކާރާއި ޔޫއެންއޯޑީސީގެ ފަރާތުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއްވެސް އަރުވާފައިވެ އެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫއެންއޯޑީސީ މާލެ އޮފީހުގެ ހެޑް، އެންރިކޯ ބޮނެންސީނާ އާއި އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވި އެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް މީގެކުރިންވެސް ހިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެ އެވެ. މީގެތެރޭގައި އެއްގަމު އުޅަނދާއި، ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓް ކިޓް ޕްރިކާސަ ފީލްޑް ޓެސްޓް ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓް ހިމެނެ އެވެ.