( 13 ޖުލައި 2024 އާ ގުޅޭ )
"ޒާހިލްގެ ވާހަކަ އަހަރެން ޤަބޫލުކޮށްފިން. އަހަރެން ބޭނުމީ އެޅޭން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެމީހުންނަށް އަޅަން. ކޮންމެ ގޮތަކުންވިޔަސް ވަރިހަމަ. ދެވަނަ ފަހަރަށް ބަލާލަން ވެސް ހިތަށް ނާރާވަރު ކުރަން." ދަތްކުނޑިވިކާލައިގެން އިނދެ އިޒީކިއަލް ބުންޏެވެ.
"މައްސަލައެއް ނޯންނާނެ. ތި ރުޅިއާ ކުރިމަތިލާން ކެރޭވަރު މީހަކު ހިޔެއްނުވޭ ހުންނާނެހެން. އިޒީކިއަލްއޭ ބުންޏަސް ޖެހިލުންވެ ބިރު ގަންނަ މީހުން ގިނައީ." ސަމާސާކަން އެކުލެވޭ ރާގެއްގައި ޒާހިލް މިހެންބުނެ ގޮނޑިން ތެދުވި އެވެ.
ޒާހިލް ނުކުމެގެން ދިއުމުން އަނެއްކާ ވެސް ފިކުރުގެ ކަނޑަކަށް އިޒީކިއަލް ގެބެމުން ދިޔަ އެވެ. އެ ޚިޔާލުގައި އިނދެފައި އަތުކުރީ އޮތް ގަޑިއަށް ބަލާލެވުނެވެ. ދެން ފޯނު ނަގައި އޭނާ ގުޅާލީ ހިލްމީ އަށެވެ.
"ސޫޒީ ކިހިނެއް؟. ކޮޓަރިން ނުކުމެއްޖެތަ؟. މިއަދު އެއްޗެއް ކައިފިތަ؟." ހިލްމީ ފޯނުކޯލު ނެގުމާއެކު އިޒީކިއަލްއަށް އަހާލެވުނެވެ.
"ކީކޭ." ހިލްމީގެ ވާހަކަ އަޑު އިވިފައި އިޒީކިއަލްއަށް ކޮޅަށް ތެދުވެވުނީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ.
ސޫޒަންއަށް ދީފައި ހުރި ބޭސްތަކުން ކާން ޖެހޭ މިންވަރަށްވުރެ އިތުރަށް އޭނާ ބޭސްކަނިކޮށް ގޭގައި ގެންގުޅޭ ކުއްޖާއަށް އެ ކޮޓަރިއަށް ވަދެވުނުކަން ހިލްމީ ކިޔާދިނެވެ. އަދި ސޫޒަން ރޮމުން ދައްކަމުންދަނީ އަމިއްލައަށް މަރުވާން ބޭނުންވެގެން އުޅޭ މީހަކު ދައްކާފަދަ ވާހަކަތައްކަން ވެސް ހިލްމީ ބުންޏެވެ.
"އަހަރެން މިދަނީ." ވަގުތުން އިޒީކިއަލް ބުންޏެވެ. އަދި އެންމެ ސުކުންތެއް ވެސް މަޑުކުރުމެއްނެތި ފޯނުކޯލު ކަނޑާލުމާއެކު ހަރުކޮށް ހިނގާފައި އިޒީކިއަލް އޮފީހުން ނުކުންނަން އައެވެ.
އިޒީކިއަލްއަށް ގޭތެރެއަށް ވަދެގެން އާދެވުނީ ދުވަމުން ކަހަލަ ގޮތަކަށެވެ. ސޫޒަންގެ ކޮޓަރި ބޭރުގައި ހިލްމީ މަޑުކޮށްލައިގެން ހުރިތަން ފެނުމުން އޭނާއާ އިޒީކިއަލް ސުވާލުކުރި އެވެ.
"ކޮބާ ސޫޒީ؟. މިހާރު ކިހިނެއް؟." އިޒީކިއަލްއަށް އަހާލެވުނެވެ.
"ސޫޒަން ބަލާ ޚާއްޞާ ޑަކްޓަރު ގެނެސްގެން މިއުޅެނީ. ނަސީބަކުން ކަމެއް ގޯހެއްނުވޭ." ހިލްމީ ބުންޏެވެ.
ހަލުވި ފިޔަވަޅުގައި ސޫޒަންގެ ކޮޓަރިއަށް އިޒީކިއަލް ވަނެވެ. އޭނާ ފެންނަ އިރަށް ސޫޒަން ދެ ލޯ މަރާލަމުން މޫނު އަނބުރާލީ އެވެ. ޑަކްޓަރު އިޝާރާތުން އިޒީކިއަލް ކައިރިން އެދުނީ ކޮޓަރިން ނުކުތުމަށެވެ.
"ސޫޒަން ރަނގަޅުތަ؟." ޑަކްޓަރާ އެއްކޮށް ކޮޓަރިން ބޭރަށް ނުކުމެވުމާއެކު އިޒީކިއަލް އަހާލި އެވެ.
"ރަނގަޅު. އެކަމަކު ނަފްސާނީ ގޮތުން އޭނާ ރަނގަޅޭ ބުނެވޭކަށްނެތް. މި ދުވަސްކޮޅު އޭނާއާ ވާހަކަދައްކަންވާނީ ވަރަށް ބަލައިގެން. މާބޮޑަށް ހާސްވެ ފިކުރުބޮޑުވާނޭ ކަމެއް އޭނާއާ ކުރިމަތި ނުކޮށްވޭތޯ ބަލާތި. ވީހާ ވެސް ސްޓްރެސް ކުޑަކުރަންވީ. އޭނާ ހިތާމަކޮށް ކަންބޮޑުވާކަންކަން ހައްލުކޮށްދެވޭތޯ ވީވަރަކުން މަސައްކަތް ކުރޭ." ޑަކްޓަރު ބުންޏެވެ.
ޑަކްޓަރު ގޮވައިގެން ހިލްމީ ދިއުމުން އިޒީކިއަލް އަނބުރާ ސޫޒަންގެ ކޮޓަރިއަށް ވަނެވެ. އޭނާ އައިސް އެނދު އަރިމަތީ ސޫޒަންގެ ގާތުގައި އިށީނެވެ. މަޑުމަޑުން ސޫޒަންއަށް އިޒީކިއަލް ގޮވާލި އެވެ. އެހެންނަމަވެސް ސޫޒަން އެނބުރި ނުލިތާ ލޯ ހުޅުވައި ބަލާ ވެސް ނުލި އެވެ. ގިނައިރެއް ނުވެ އިޒީކިއަލްއަށް ފެނުނީ ސޫޒަންގެ މެރިފައިވާ ދެ ލޮލުން ކަރުނަ ފޭދެންފެށިތަނެވެ.
"ސޫޒީ. އައި އޭމް ރިއަލީ ސޮރީ." ސޫޒަންގެ ކޯތާފަތުގައި ހިފާލަމުން އިޒީކިއަލްއާ ދިމާއަށް އަނބުރާލައި ވާހަކަދެއްކި އެވެ.
"އިޒީކިއަލްގެ ތި ސޮރީގައި އެއްވެސް މާނައެއް އެބައޮތްތަ؟. ކީއްކުރާ ސޮރީއެއް. ތިކަހަލަ ކިތައް ސޮރީ ބުނެފިން." ސޫޒަން ލޯ ހުޅުވާލުމާއެކު ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް ދެފަރާތުން ފައިބަންފެށި އެވެ. އިޒީކިއަލްއަށް ބަލަން އޮތް އިރު އެ ދެ ލޮލުގައިވަނީ ޝަކުވާ އެވެ.
"އިޒީކިއަލް އަހަރެންދެކެ ލޯބި ނުވަންޏާ ވެސް ބުނެބަލަ." ސޫޒަން ބުނެލި އެވެ.
"ނޫން. ތިހެން ނުބުނޭ... އަހަރެން ހަޤީޤަތުގައި ސޫޒީދެކެ ލޯބިވޭ. މިހުރިހާ އަހަރު... ލޯބިނުވާނަމަ ސޫޒީއާއެކީ ނޫޅޭނެއެއްނު. ހަމަ ތެދެއް މިބުނީ. އަހަރެންގެ ހިތާއި ސިކުނޑީގައި ސޫޒީ ނޫން މީހަކު ނުވޭ." އިޒީކިއަލްއަށް އެންމެ ފަހުން ބުނެވުނު ބަސްތަކާއެކު އުނދަގޫ އިޙްސާސެއް ކުރެވިގެންދިޔަ އެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލަށް މިޔާގެ ސޫރަ ވެރިވީ އެވެ. ކީއްވެކަމެއް އޭނާއަކަށް ނޭނގެ އެވެ. ސޫޒަން ރުއްސަންކަން މިއުޅެނީ އެނގޭއިރު ވެސް މިފަހަރު އޭނާއަށް މިޔާގެ ސޫރަ ފުހެލެވޭގޮތެއް ނުވި އެވެ.
"ކިހިނެއްވީ؟." އިޒީކިއަލްއަށް ބަދަލެއް އައިހެން ހީވެ ސޫޒަންއަށް އަހާލެވުނެވެ. އަދި އޭނާ ތެދުވެ ހެޑްބޯޑުގައި ލެނގިލައިފި އެވެ.
"އައި ކާންޓް ލޫޒް ޔޫ ސޫޒީ... ޕްލީޒް. އަހަރެންނަށް މަޢާފުކޮށްދީ. ސޫޒީ ބުނިކަމެއް އަހަރެން މިހުރީ ކުރާން." ސޫޒަންގެ ކަނާއަތްތިލައިގައި ދެ އަތުން ހިފާލަމުން އިޒީކިއަލް ބުންޏެވެ.
"އަހަރެން ބުނި ކޮންމެކަމެއް ކުރެވޭނެތަ؟." ރޮމުން ސޫޒަން އަހާލި އެވެ.
"އާން. ބުނޭ. އަހަރެންނަށް ކުރެވޭވަރު ކަމެއްވިއްޔާ ކުރާނަން. ސޫޒީއަށް ޓަކައި އަހަރެން ނުކުރާނެކަމެއް ނޯންނާނެ." އިޒީކިއަލް ޔަގީންކަން ދިނެވެ.
"އެހެންވީރު... އަހަރެންނާ ކައިވެނި ކުރޭ. އެކަން ކުރެވޭނެތަ؟. ކާފައާ ދެކޮޅަށް ތެދުވާނޭ ހިތްވަރު އިޒީކިއަލްގެ އެބަހުރިތަ؟... ނުވާނެ ދޯ އެކަމެއް. މިހެން ކިހާ ދުވަހަކު އަހަރެން ހުންނަންވީ." ސޫޒަންގެ ރުއިން ވަކިން ގަދަވި އެވެ.
"ނޫން. އަހަރެން ކުރާނަން. ސޫޒީ އިތުރަށް ރޮއްވާކަށް ބޭނުމެއްނޫން." އިޒީކިއަލް ބުންޏެވެ.
"ތިހެން ބުނާނެ. ކައިވެނި ކުރާން ބޭނުންވެގެން އުޅޭ މީހަކުނަމަ މިހާ ދުވަސް އަހަރެންނާ ނީނދެ ކައިރީގައި ގެންގުޅުނީސްތަ؟. އިޒީކިއަލްގެ ދަރިފުޅު ލައްވާ އަހަރެންނަށް މަންމަ ކިޔުއްވަން ރަނގަޅު. އެކަމަކު އިޒީކިއަލްގެ އަނތްބަކަށްވާން އަހަރެން ޝަރުތު ހަމަނުވަނީ." ސޫޒަން ބުންޏެވެ. އެހިނދު އިޒީކިއަލްގެ އަތުގެ ތެރެއަށް ސޫޒަން ގެނެސް ބައްދާލައިފި އެވެ.
"ޕްލީޒް... އަހަރެންނަށް އަދި އެއް ފުރުޞަތު ދީ. ޕްލީޒް ސޫޒީ. މިފަހަރު ސޫޒީ ޑިސެޕޮއިންޓެއް ނުވާނެ. ޓްރަސްޓް މީ." އިޒީކިއަލް ބުންޏެވެ.
ސޫޒަން ހޫން ލައްވާލިއިރު މަޤްޞަދު ހާޞިލުވީ ކަމުގެ ހިނިތުންވުމެއް ތުންފަތުން ފާޅުވެލި އެވެ. އެ މޫނުމަތިން ފާޅުވަމުންދިޔަ ހިތްދަތިކަމުގެ އަސަރު ވެސް ފިލައި ހިނގައްޖެ އެވެ. އިޒީކިއަލްގެ ގައިގާ ބައްދާލައިގެން އިން ގޮތުން ސޫޒަންގެ މޫނަށް ވެރިވި ކުއްލި ބަދަލުގެ އަސަރު އިޒީކިއަލްއަށް ރެއަކާވެސް ނުލި އެވެ.
* * * * *
ކައިރި ކައިރީ ހުރި ދެ ލިފްޓުންކުރެ އެއް ލިފްޓު ހުޅުވި އޭގެ ތެރެއިން މާޔާ ނުކުތެވެ. އޭނާއާއެކު ޝާހީން ވެސް އައެވެ. ކޮންފަރެންސް ހޯލްގައި ހަމަޖެހިފައި އޮތް "ޕްރެސް ކޮންފަރެންސް"އަށް މާޔާ ހުރީ ތައްޔާރުވެގެންނެވެ. އޭނާގެ އަބުރާއި ކުންފުނީގެ ނަމަށް ލިބިގެންދިޔަ ހުތުރުކަން ނައްތާލުމަށް ކުންފުނީގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސްއެކެވެ. ހަޤީޤަތް ފާޅުކުރުމަށެވެ.
ލިފްޓު ހުޅުވުނު އަޑު އިވުނެއް ކަމަކު މާޔާ އެނބުރި ބަލައެއް ނުލަ އެވެ. ހުސްކޮށް އޮތް ހޯލުތެރެއިން މީހަކު އޭނާގެ ނަމުން ނިކަން ބާރަށް ހަޅޭލަވައިގަތް އަޑު ގުގުމައިގެން ދިޔަ އެވެ. މާޔާއާއި ޝާހީނަށް ފަސްއެނބުރި ބަލާލެވުނީ އެކުއެކީ އެވެ. ދެން ފެނުނީ ލުހާމް އައިސް މާޔާގެ ގައިގާ ހިފަހެއްޓިތަނެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފަ އެވެ. މޫނުމަތިން ހީވަނީ ރަނގަޅަށް ނުނިދާ ހުރި މީހަކު ހެންނެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތައް މާޔާއަށް ފަހުމެއް ނުވެ އެވެ. ހަތޫންގެ ޢާއިލާ ބަނގުރޫޓުވި ވާހަކައަކާއި ބޭންކުން ލުހާމާއި ހަތޫން ނަގާފައި އޮތް ލޯނު ދައްކަން އެންގި ވާހަކައާއި ހަތޫން ކިޑްނެޕްކުރި ވާހަކައެއް ވެސް އޭނާ މާޔާގެ ބޮލުގައި އަޅުވައިފި އެވެ. ހަތޫނަށް ބިރުދައްކާ ހެދީ ވެސް މާޔާގެ ރޭވުމުގެ ދަށުންކަން ލުހާމް ކިޔަމުންދިޔަ އެވެ. މިއިން އެއްވެސް ކަމެއް މާޔާ ނުދެނަހުއްޓެވެ.
"އެނގޭކަމަށް ނުހަދާތި. އަހަރެންގެ އަންހެނުން އިން ހާލު އެނގޭތަ... ކަލޭ ދިރިހުރިޔަ ދޭކަށް ބޭނުމެއްނޫން." ގަސްދުގައި މާޔާ ނޭނގޭކަމަށް ހަދަނީއޭ ހީވެ ލުހާމްގެ ރުޅި އިންތިހާއަށް ދިޔައީ އެވެ. އޭނާ ކުއްލިއަކަށް ހިވީ މާޔާގެ ކަރުގަ އެވެ. ޝާހީން ހަޅޭލަވައިގަތުމާއެކު ލުހާމްގެ އަތް މާޔާގެ ކަރުން ނައްޓުވާލެވޭތޯ އުޅުނެވެ. އެކަން ކާމިޔާބު ނުވުމުން އޭނާ ބެލީ އަވަހަށް އޮފީހުގެ މީހަކަށް ގޮވޭތޯ އެވެ.
"މޮޔަވީތަ ލުހާމް. އަހަރެން މަރާލައިގެން މޮޅުތަކެއް ވާނޭ ހީވޭތަ... މުޅި އުމުރު ޖަލުގައި އޮތީމަ ހަތޫންގެ ކައިރީ ހުރެވޭތަ؟. އޭނާއަށް އަޅާލެވޭނެތަ." މާޔާ ބެލީ ލުހާމަށް ވިސްނައިދެވޭތޯ އެވެ.
ޝާހީން މީހުން ގޮވައިގެން އައިސް ލުހާމް ދުރުކުރުވި އެވެ. އޮފީހުގެ ސެކިއުރިޓީ ގާޑުންގެ އެހީގައި ލުހާމް އެތަނުން ގެންދިޔައީ ފުލުހުންނާ ހަވާލު ކުރާށެވެ. މާޔާ ހަމަޖެހެން ވަގުތުކޮޅެއް ބޭނުންވި އެވެ. ޝާހީން ގެނެސްދިން ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު އޭނާ އިހަށް ތަނެއްގައި އިށީނދެލަން ބޭނުންވި އެވެ.
"މީ ކޮންކަންތައްގަނޑެއްތަ. ލުހާމް ކީ އެއްވެސް އެއްޗެއް ގެޓެއްނުވި. އެހެންނޫނަސް އޭރު ހަތޫންގެ ކައިރިން އަހަރެން ނުހިފި ބަދަލެއް މިހާރު ކީއްކުރަން ހިފަންވީ. އެ ދަތުރަށްފަހު އިޒީކިއަލްގެ ޚަބަރެއް ވެސް ނުވޭ. އޭނާ ވެސް ޣައިބުވީ ކަހަލަ. މި އެންމެންގެ ކިބައިން ސަލާމަތްވެ އަހަރެންނަށް ހަމަޖެހުމެއް ލިބެން ނެތީތަ؟." މާޔާ އަމިއްލަ ނަފްސަށް ބުނެވުނެވެ.
* * * * *
ސޯފާގެ ކޮޅުގައި ހުރި ތިރި މޭޒުގެ މަތީ ބަހައްޓާފައި ހުރި މުށި މާވަށިގަނޑުގައި އާސިފް އަތުން ޖެހިޖެހީނުން އޭތި ވެއްޓި ބޮޑުކޮޓަރީގެ ތަޅުމުގައި ޖެހި ފުނޑުފުނޑުވީ އަޑު ގޭތެރޭ ގުގުމާލި އެވެ. އިށީނދެ އިނުމަށް ދަތިވީ ފަދައިން އާސިފް ކޮޅަށް ތެދުވި އެވެ. ކުރިމަތީގައި ހުރި ސޯފާގޮނޑީގައި އިން އިޒީކިއަލްއާ ކުރިމަތިލައިގެން ހުރެ އޭނާ ވާހަކަދެއްކީ ބާރަށެވެ.
"ކިތައް ފަހަރުތަ ބުނަންވީ އަހަރެން ޤަބޫލެއްނޫނޭ. ތި ސޫޒަންއާ އިންނާކަށް ދުވަހަކުވެސް ޤަބޫލެއްނުވެވޭނެ. އިޒީކިއަލްއަށް އަހަރެން މި ކިޔާ އެއްޗެއް އަޑު ނީވެނީތަ؟." ހަރުކަށިކަމާއެކު އާސިފް ބުންޏެވެ.
"ކާފައަށް އޭނާ ކަމުނުދާންވީ ސަބަބެއް ނުބުނެވުނު. ސޫޒަންގެ އުނިކަމެއް ހުރީއެއްނޫން. އަޅުގަނޑު ދެން އޭނާއާ ނީނދެ ހުންނާކަށް ބޭނުމެއްނޫން. އަޅުގަނޑު ސޫޒަންއާ އިންނަން ނިންމައިފިން. ވަރަށް އަވަހަށް އޭނާއާ ކައިވެނި ކުރާނަން. ކާފަ ނުރުހުނަސް މިފަހަރު އަޅުގަނޑު މިކަން ކުރާނަން." އިޒީކިއަލް ވެސް ކޮޅަށް ތެދުވެ ހުރެ ބުންޏެވެ.
"އަހަރެން ރުޅިއައިސްގެން ކަމެއްނުކޮށްގެންތަ ތިއުޅެނީ." އާސިފަށް ބުނެވުނެވެ.
"ކާފަގެ ތި ރުޅީގެ ފަހަތުގައިވަނީ ސޫޒަންކަމަށްވަންޏާ އަޅުގަނޑު އިތުރަށް އަޑުއަހާކަށްނެތިން. އަޅުގަނޑުގެ މަންމަ މިގޭގައި އިނީތީ މަންމައާ ބައްދަލުކޮށްލާފައި މިތަނުން ހިނގައިދާނަން. ކާފަގެ ކުރިމަތީން ދުރަށް ހިނގައިދާނަން." އިޒީކިއަލް މިހެންބުނެ ހިނގައިގަތީ މަންމަގެ ކައިރިއަށް ދާށެވެ.
ސަރީކާގެ ކޮޓަރިއާ ދިމާއަށް އައި އިޒީކިއަލް ފެނުމާއެކު ގޭގައި ގެންގުޅޭ ކުއްޖާ އޭނާއަށް ސަރީކާ އިންތަން ބުނެދީފި އެވެ. އެހެންވެ އިޒީކިއަލްގެ މިސްރާބު ބަދަލުކޮށްލީ ހާމަފެންޑާއަށެވެ. އޭނާ ހާމަފެންޑާއަށް ނުކުތްއިރު އުނދޯލީގައި މަންމަ އިންތަން ފެނުނެވެ.
"ދަރިފުޅުތަ. އާދޭ އިށީނަން." ލުއި ހިނިތުންވުމާއެކު ސަރީކާ ދައްކާލީ އޭނާގެ ވައަތްފަރާތުން އުނދޯއްޔެވެ. މަޑުމައިތިރިކަން އެކުލެވިފައިވި ހިނގުމެއްގައި އިޒީކިއަލް އައިސް މަންމަގެ ގާތުގައި އިށީނދެއްޖެ އެވެ.
"މަންމާ. އަޅުގަނޑުގެ ވާހަކަ އަޑު އަހާލަ ދީބަލަ." އިޒީކިއަލްގެ އަޑުގައިވީ އާދޭހެވެ. އޭނާގެ އެ މަޑުމައިތިރިކަމަކީ ހަމައެކަނި މަންމަގެ ކުރިމަތީގައި ފާޅުވެގެން އަންނަ އިޙްތިރާމާއި ލޯބީގެ ރަމްޒެކެވެ.
"އިހަށް މަޑުކޮށްބަލަ. އިޒީކިއަލްއަށް އެނގޭތަ ކާފަ ވަރަށް ބަލިވެއްޖެކަން. ހިތުގެ ބަލި ބޮޑިވެގެން ހޮސްޕިޓަލުގައި ބާއްވާފައި ދޫކޮށްލިތާ އަދި މަހެއްނުވޭ. ދަރިފުޅަށް ތިހެން ތި އުޅެވެނީ ކާފަގެ ސަބަބުންކަން އެނގޭތަ؟. މިއަދު ކާފަ އެ ހުރީ ގައިބާރުދެރަވެ މުސްކުޅިވެފައި. ކާފައާ ވާހަކަދައްކަން ޖެހޭނީ ކިހިނެއްކަން މަންމަ ކިޔައިދޭކަށް ނުޖެހޭނެ. އެވަރު އިޒީކިއަލްއަށް އެނގޭނެ. ކާފައަށް އިޚްތިރާމް ކުޑަކޮށްފައި ގޮސް ކުރާކަމެއް ރަނގަޅުވާނީ ކިހިނެއް؟. މަންމަ އެދެނީ އިޒީކިއަލް ދިއުމުގެ ކުރީން ކާފަ ކައިރިން މަޢާފަށް އެދިފައި ދާން. އެއީ ރަނގަޅުގޮތްވީމަ. މަންމައާ ތި ވާހަކަދައްކާ ގޮތަށް ކާފައާ ވެސް ވާހަކަދައްކަންވާނީ. ދަރިފުޅަށް އެނގޭނެ ކާފައަކީ ގޯސް މީހެއްނޫންކަން." ސަރީކާގެ އަޑުގައި ދަރިފުޅަށް ވިސްނައިދިނުމާއި އޯގާތެރިކަންވި އެވެ.
"މަންމާ. އަޅުގަނޑަކަށް ހަމަ ނުވިސްނޭ މިހުރިހާ ޒަމާންވީއިރު ވެސް މަންމައާއި ކާފަ ސޫޒަންއާ އަޅުގަނޑު ގުޅޭން ދެކޮޅު ހަދާ ސަބަބެއް. ކީއްވެތަ އޭނާއާ މެދު އެހާވަރަށް ނުރުހެނީ. ސޫޒަންއަކީ އަޅުގަނޑުމެން ނުދަންނަ އަންހެންކުއްޖެއްނޫން." އިޒީކިއަލް އިސްއޮބާލައިގެން އިނދެ މަޑުމަޑުން ބުންޏެވެ.
"ދަރިފުޅު އޭނާދެކެ ހަމަ އެހާ ލޯބިވޭތަ؟. ޔަގީންތަ ދަރިފުޅަށް އެއީ ރަނގަޅު ހޮވުމެއްކަން." ސަރީކާ އަހާލީ މާނަވީ ބެލުމަކުން އިޒީކިއަލްއަށް ބަލާލަމުންނެވެ. އަދި އިޒީކިއަލްގެ ފައިމަތީ އޮތް ވައަތްތިލާގައި ސަރީކާގެ ކަނާއަތްތިލަ ބާއްވާލި އެވެ. އެހިނދު އިޒީކިއަލް މަންމައަށް ބަލާލީ ޔަގީންކަމާއެކު އެވެ.
"ޔަގީން. މިފަހަރު މިއައީ ކާފައާއި މަންމަ ނުރުހުނަސް ސޫޒަންއާ އިންނަން ނިންމައިފިކަން ބުނަންވެގެން. ވީ އެންމެ އަވަހަކަށް މިއުޅެނީ އިންނަން. މިހާ ދުވަސްވީއިރު ވެސް އެއްވެސް މީހަކަށް ނުބުނެވުނު ސޫޒަންއާއި އަޅުގަނޑު ނީންނަންވީ ކީއްވެކަން. މަންމާ... ކަމެއްވެފައި އޮތިއްޔާ އެކަމަކުން އަރައިނުގަނެވޭނެތަ؟. އެހެންމީހުންނަށް ސޫޒަންގެ ކަމުނުދާ ސިފަތަކެއް ހުއްޓަސް އަޅުގަނޑަށް ސޫޒަން ރަނގަޅު. ކިހާ ދުވަހެއް އަޅުގަނޑުމެން ދެ މީހުން އިންނަން ބޭނުންވެގެން އުޅޭތާ. ދެން އިތުރަށް މަޑުކުރާކަށް ބޭނުމެއްނޫން. ސޫޒަންއަށް ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން އަޅުގަނޑު ބޭނުން. އޭނާއާ އިނދެގެން އަޅުގަނޑު ހުންނާނީ އުފަލުން. މަންމައަށް ވެސް އެނގޭނެ އަޅުގަނޑުމެން ދެ މީހުންގެ އުމުރުން ވެސް ދުވަސްތަކެއްކަން ބޭކާރުވެގެން މިދަނީ. މިހާރު އަޅުގަނޑު ވެސް ބޭނުމީ މީހަކާ އިނދެގެން ސެޓްލްވާން." އިޒީކިއަލްގެ ގަސްދު މަންމައަށް ހާމަކުރި އެވެ.
"އެހެންވީމަ ތީ ދޯ ދަރިފުޅުގެ ނިންމުމަކީ." ސަރީކާއަށް އަހާލެވުނެވެ.
"ހޫމް. މަންމަ... މަންމަ ޤަބޫލުތަ؟." އިޒީކިއަލް އަހާލީ އެގޮތް އޭނާ ބޭނުންވާލެއް ބޮޑުކަމުންނެވެ.
"އިޒީކިއަލް ތިހުރީ އަމިއްލައަށް ކަންކަން ނިންމޭހާ ބޮޑުވެފައި. މަންމަ ޤަބޫލުނުވިޔަސް އިޒީކިއަލް ތިހުރީ ތިކަން ހުއްޓާ ގޮތަކަށްނޫން. އެހެންވީމަ ނުކުރާށޭ ބުނުމަކީ ބޭކާރުކަމެއް... މަންމަގެ އުންމީދަކީ ކުރާކަމެއް ވިސްނާފައި ކުރައްޗޭ. ދަރިފުޅު ހިތް އެދޭ ކަމަކީ ރަނގަޅުކަމެއްކަމަށް ފެންނަންޏާ ކުރާށޭ." ސަރީކާ މިހެންބުނެ އިޒީކިއަލްގެ އަތްތިލައިގައި ފިރުމާލި އެވެ.
"ތޭންކްސް މަންމާ. ސީރިއަސްކޮށް. ވަރަށް އުފާވެއްޖެ." އިޒީކިއަލްއަށް ބުނެވުނެވެ.
"އެކަމަކު އަދި މަންމަ މިހެން ބުންޏަސް ކާފަ ދޫދޭނޭ ހީނުކުރާތި. ތި ނިންމުން ބަލައިގަންނަން ކާފައަށް ވަރަށް ދަތިވާނެ." ސަރީކާ ބުންޏެވެ.
"އެއީ މައްސަލައެއްނޫން. އަޅުގަނޑު ކާފައަށް ޕްރޫވްކޮށްދޭނަން މި ކައިވެންޏަކީ ރަނގަޅު ނިންމުމެއްކަން. މި ނިންމުން ދެން ބަދަލެއް ނުވާނެ." އިޒީކިއަލް ބުނެލީ އުފާވެފައި އިނދެ އެވެ.
"އެހެންވިއްޔާ ކުރިޔަށްދޭ. ކީކޭ ދެން މަންމަ ބުނާނީ." ސަރީކާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. ދަރިފުޅުގެ ހިތުގައިޖައްސަން އޭނާ ބޭނުންނުވާ ކަހަލަ އެވެ.
* * * * *
"ރަނގަޅަށްތަ މަށަށް މި އަޑު އިވުނީ." ކޮފީމޭޒު ދޮށުގައި އިން ޒާހިލަށް އަހާލެވުނީ ހައިރާންކަމާއެކު އެވެ.
"ކަލެއަށް ވެސް އަޑު އިވުނީ މަށަށް ވެސް އިވުނު އެއްޗެއް." ޖެހިގެން އިން އަރްހަމް ބުންޏެވެ.
"މަންމަ ހަމަ އެހެންބުނީތަ؟. މިއޮއް ހުރިހާ ދުވަހު ޤަބޫލުނުވެފައި މިހާރު ޤަބޫލުވީ ކިހިނެއްވީ؟. ހާދަ ހީނުވެޔޭ. އިޒީކިއަލްގެ މަންމަ ކާފައާ ދެކޮޅަށް އުފް ވެސް ނުބުނާނެ." ޒާހިލްއަށް ބުނެވުނެވެ.
"ޔޫ ހާޑް މީ ރައިޓް. އަހަރެން ކީއްކުރަން އެކަމުގައި ދޮގު ހަދަންވީ. ސޫޒަންއާ އިންނަން މަންމަ ޤަބޫލު. މައްސަލައަކީ ކާފަ. އަނެއްކޮޅުން ޢާއިލާގައި އަމުރުކުރަން ހުރީ ވެސް ކާފަ އެކަނި." އިޒީކިއަލް ބުންޏެވެ.
"އެހެންވިއްޔާ ކޮންގްރާ މޭން. ކޮންއިރަކު ޕާޓީ އޮތީ." ޒާހިލް އަހާލި އެވެ.
"ޕާޓީ ދޯ. ބްރޯ ތިހުރީނު. އަހަރެންގެ ވެޑިން ސްޕޮންސާ ކުރަން. އެވަރު ވެޑިން ގިފްޓަކަށް ފުދޭނެ." ލާނެތް ހިންޏަކާއެކު އިޒީކިއަލް ބުނެލީ ޒާހިލްއަށެވެ.
"އަހަރެންނޭ... ވަޓް ޑޫ ޔޫ ވޯންޓް." ޒާހިލް ބުނެލީ ގަޔާނުވެ އިނދެ އެވެ.
"އަހަރެންނާއި ސޫޒަންގެ ވެޑިންގެ ހުރިހާކަމެއް ހަމަޖައްސައިދޭނެ މީހަކީތީ." އިޒީކިއަލް ބުންޏެވެ.
"ކައި މޮޔަވީތަ؟. ތިއުޅެނީ އަހަރެން ދިރިހުއްޓާ ވަޅުނުލައިގެންތަ. ހަމަ ރަނގަޅަށް އެނގޭނެ ކައިގެ ކާފައާއި އަހަރެންގެ ކާފައަކީ އެކައްޗެއްކަން. ކައިގެ ކާފަ އެހާ ނައްޓާފައި ހުރިކަމެއް ކުރާން އަހަރެން އުޅޭކަން އެނގިއްޖެއްޔާ ކާފަ މަ މަރާނެއެއްނު. އެވެސް ތި ކައިވެނީގެ ހުރިހާ ކަމަކާ ހަވާލުވެގެން އުޅެނީ އަހަރެންކަން އެނގުނީމަ." ޒާހިލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"ތިހާ ޑްރެމެޓިކް ނުވެބަލަ. ޔޫ އާ މައި ބްރަދަރ." އިޒީކިއަލް ބުނެލި އެވެ.
"އެހެންވިޔަސް އަހަރެން ބަހައްޓާފައި މީނދަ އަރްހަމް ލައްވާ ކުރުވާ." ޒާހިލް ބުންޏެވެ.
"އޭތް! އަހަރެން ތިކަމަށް ނުބާނާ. އެހެންނޫނަސް ތީ އަހަރެންގެ ފީލްޑެއްނޫން. ދެމީހަކު ވަރިވަންޏާ އަހަރެންގެ އެހީ ލިބިދާނެ." ނިކަން އަވަހަށް އަރަހްމަ ބުންޏެވެ.
"ތިއެއްނޫން. އެހެން ވާހަކައެއް ވެސް އެބައޮތް." ޒާހިލް ފުރުޞަތެއް ހޯދި އެވެ.
"ކޮންވާހަކައެއް؟." އިޒީކިއަލް އަހާލި އެވެ.
"އަހަރެން ކައިގެ ޕާސަނަލް ބިޒްނަސްގެ ތެރެއަށް ވަންނަން ބޭނުންވަނީކީނޫން. އެކަމަކު ފައިނާނު މަށަށް ޕްރެޝާ ކުރޭ މިޔާގެ ކަންތަކުގައި. އަހަރެން އަޑު އެހިން ލުހާމް އެ އޮފީހަށް ގޮސް މިޔާއަށް އެޓޭކް ކުރި ވާހަކަ. މިއިން އެއްވެސް ކަމެއް އިޒީކިއަލް ބަލާލިންތަ؟. މިޔާއާ މެދު ކަލޭގެ ވިސްނުން ހުރީ ކިހިނެއް؟." ޒާހިލްގެ ސުވާލާއެކު އިޒީކިއަލްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.
* * * * *
އޮފީސް މޭޒު ކައިރީ މާޔާ އިނީ ފިކުރުތަކަށް ގެއްލިފަ އެވެ. މޭޒުގެ އެއް ފަރާތުގައި ބާއްވާފައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ފޯނު ނަގައި ބަލާލުމާއެކު އިސްކުރީނުގައިވާ ނަންފެށި މާޔާއަށް ތުންފިއްތާލެވުނެވެ.
(ނުނިމޭ)