ހަބަރު

"ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި އާ އިދާރާއެއް އުފައްދައިފި

"ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސް އަބްދުﷲ ޔާމީން މިއަދު އުފައްދަވައިފި އެވެ. އެ އިދާރާ ރައީސް މިއަދު އުފެއްދެވީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ އެ އޮތޯރިޓީ އުފެއްދުމާއެކު މީގެ ކުރިން ހޯމް މިނިސްޓްރީގެ ދަށުން މަަސައްކަތްކުރާ ގޮތަށް ރައީސް އުފެއްދެވި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އުވާލާފައިވާ ކަމަށެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ގާނޫނުގައިވާ ގޮތުން، މުއައްސަސާތަކުގެ ޓެލެކޮމިއުނިކޭޝަންގެ މަސައްކަތްތަކާއި، ސްޕެކްޓްރަމް ބެލެހެއްޓުމާއި، ޕޯސްޓުގެ ދާއިރާގެ ކަންކަން ބެލެހެއްޓުމާއި، އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާ ގުޅޭކަންކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެ އިދާރާއިން ކުރަންޖެހޭނެ އެވެ. އަދި އެ ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނަކުން އެ އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ މަސައްކަތްތަކާއި އެނޫންވެސް އެ ގާނޫނު ހިންގުމަށް ކުރަންޖެހޭ ކަންކަން މީގެ ފަހުން ކުރަންޖެހޭނީ އެ އިދާރާއިންނެވެ.