ސިއްހަތު

ޒުވާނަސް، ކޮލެސްޓްރޯލް މަތިވިޔަ ދީގެން ނުވާނެ

އުމުރުން މައްޗަށް ގޮސްފައިވާ މީހާގެ ކޮލެސްޓްރޯލް ލެވެލް މަތިވުމަކީ ހިތްހުއްޓުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އެހެންވީމަ ޒުވާން އުމުރުގައި ތިމާގެ ކޮލެސްޓްރޯލް ލެވެލް މައްޗަށް އަރައިގެން ގޮސް ރަތް ރޮނގު ހުރަސްކޮށްފި ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

އަހަރެމެން އެންމެނަށް ވެސް އެނގޭ ވާހަކައެއް އޮވެ އެވެ. އެއީ ލޭގައި އާދަޔާހިލާފަށް ކޮލެސްޓްރޯލް ގިނަވެއްޖެ ނަމަ ލޭގައި ގަނޑުކޮޅުތައް އުފެދި ހިތްހުއްޓުމާއި ސްޓްރޯކު ޖެހުމަށް ދޮރު ހުޅުވިގެންދާ ކަމެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން މި މައްސަލައިގެ އަސްލު ގުޅިފައި ވަނީ ޒުވާން އުމުރާ އެވެ.

ނަމަވެސް އާންމުކޮށް އަޑު އިވެނީ އުމުރުން މައްޗަށް ދިއުމުން ކޮލެސްޓްރޯލަށް ފަރުވާތެރިވުމަށާއި ކޮލެސްޓްރޯލް ކޮންޓްރޯލްކުރަން ހާއްސަ ބޭސްތަކެއް ނެގުމަށް ޑޮކްޓަރުން ވެސް ލަފާ ދޭ ވާހަކަ އެވެ.

މިދިޔަ ހޯމަ ދުވަހު "ސާކިއުލޭޝަން" ޖާނަލްގައި، ޑޫކް ޔުނިވާސިޓީ ކްލިނިކަލް ރިސާޗް އިންސްޓިޓިއުޓުން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ޒުވާން އުމުރުގައި މަތިވާން ފަށާ ކޮލެސްޓްރޯލްގެ ނުރައްކާ އުމުރުގެ ފަހުކޮޅު ފެނުމުގެ ފުރުސަތު އަދި އޭގެ ނުރައްކާ 40 ޕަސެންޓަށް ބޮޑު ކަމަށެވެ.

މިއީ 1،478 މީހުން ބައިވެރިކޮށްގެން 15 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ރިޕޯޓެކެވެ.

ދިރާސާގައި ބަވެރިކުރި މީހުންގެ ތެރެއިން އުމުރުން 35 ގައި ކޮލެސްޓްރޯލް ލެވެލް މަތިކޮށް ތިބި މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ވަނީ 15 އަހަރުގެ ތެރޭގައި 16.5 ޕަސެންޓް މައްޗަށް ޖެހިލައިފަ އެވެ.

ޒުވާން އުމުރުގައި ކޮލެސްޓްރޯލް ލެވެލް އާދައިގެ މިންވަރެއްގައި ހިފެހެއްޓި ޒުވާނުންނަށް 15 އަހަރު ތެރޭގައި ވެސް މިފަދަ ނުރައްކަލެއްގެ ފުރުސަތު ބޮޑުވެފައެއް ނުވެ އެވެ. ޒުވާން އުމުރުން ފެށިގެން ކޮލެސްޓްރޯލް ލެވެލް މަތިކޮށް 11-20 އަހަރު ހޭދަކުރި މީހުންނާ އަޅާ ބަލާއިރު މި ލެވެލް އާދައިގެ މިނެއްގައި ހިފެހެއްޓި މީހުންނަށް ހާޓް އެޓޭކްގެ ރިސްކް އޮތް މިންވަރަކީ 4.4 ޕަސެންޓެވެ.

އެހެންވީމަ މި ދިރާސާގެ ފަހަތުގައި ތިބި ތަޖުރިބާކާރުން ބުނަނީ ކޮލެސްޓްރޯލް އަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ޒުވާން އުމުރުގައި ކަމަށާއި ކޮލެސްޓްރޯލް ލެވެލް ދަށްކުރަން އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހެނީ ވެސް ޒުވާން އުމުރުގައި ކަމަށެވެ.