އައިޓީބީ ފެއާ

އައިޓީބީއަށް ރާއްޖެކުރި ދަތުރުގެ ކާމިޔާބީ އުފަލާއެކު!

  • ފެއާގެ ސަބަބުން ރާއްޖެ ދުނިޔެއަށް އިޝްތިހާރުވާނެ
  • ރާއްޖެއަކީ މިފެއާގެ ހޮސްޓް ކަންޓްރީ
  • އެންމެ ފުރަތަމަ ރާއްޖެ މިފެއާގައި ބައިވެރިވީ ކުޑަކޮށް

ރާއްޖެ ގަޑިން މިއަދު ދޭއް ޖަހާއިރު ޖަރުމަނުވިލާތުގައި "އައިޓީބީ ފެއާ" ހުޅުވާނެ އެވެ. ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ހުޅުވިގެންދާއިރު ރާއްޖެއަކީ މިއަހަރުގެ ފެއާގެ އެންމެ ޝަރަފުވެރި އެއް ގައުމެވެ. ފެއާގެ ކޮންމެ ދިމާއަކުން ވެސް ދިވެހި "ކުލަ" ފެންނާނެ އެވެ. އެންމެން ކިޔާ "ދިވެހިރާއްޖެ" އަކީ މި އަހަރުގެ ފެއާގެ ހޮސްޓް ކަންޓްރީ ނުވަތަ ސްޕޮންސާ އެވެ. ނަމަވެސް މިހިސާބަށް ރާއްޖެ ދަތުރުކުރީ ގިނަ އޮޅި ތަކެއް ގިރާކޮށްފަ އެވެ. އެކަމަކު މިއަދު ދިވެހިރާއްޖެ އޮތީ މި ދަތުރުގެ އުފަލުގަ އެވެ.

"ރާއްޖެ އެންމެ ފުރަތަމަ މި ފެއާގައި ބައިވެރިވީ ކުޑަކޮށް. އެކަމަކު މި ހިސާބަށް އައުމަކީ ކާމިޔާބީއެއް،" ޖަރުމަނުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ފެއާ ކަމަށްވާ އައިޓީބީގެ ހޮސްޓްކުރާ ގައުމުގެ ޝަރަފު ހޯދުމަށް ގިނަ ގައުމުތަކެއް ރާއްޖޭގެ ފަހަތުން "ކިޔޫ" ހެދި އެވެ. ހާއްސަކޮށް މުއްސަނދި ގައުމުތަކުން މި ޝަރަފަށް ދަހިވެތިވެ މަސައްކަތް ކުރި އެވެ. އަދި "ފަނި ހަދާ" މީހުން ވެސް ރާއްޖެއަށް އެކަން ވިޔަ ނުދޭން ފައިވިއްދައިގެން ތިއްބެވެ. ނަމަވެސް "ނަން ހިނގާ" ގައުމުތަކަށް ގޮންޖެހުމަށް ފަހު ކުޑަކުޑަ ދިވެހިރާއްޖޭގެ ދިދަ އައިޓީބީ ފެއާގައި މިއަދު ވިހުރުވާލާއިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާވަނީ މި ފެއާ ގުޅިލާމެހިފަ އެވެ. މިއީ ރާއްޖެ އެންމެ ގިނަ އިން ބައިވެރިވެފައިވާ ފެއާ އެވެ.

އައިޓީބީ ފެއާގެ ތާރީހުގެ ހިރަފުސް ފޮޅާލާނަމަ މި ފެއާގައި ރާއްޖެ އެންމެ ފުރަތަމަ ފެނުނީ ކުޑަކޮށެވެ. މިފެއާގައި ރާއްޖެ އެންމެ ފުރަތަމަ ބައިވެރިވީ 1980 ގެ އަހަރުތަކުގަ އެވެ. ކުޑަ ސްޓޯލެއްގައި ކުޑަ މޭޒެއް ބަހައްޓައިގެން ރާއްޖޭގެ ޓޫރިޒަމްގައި މިހާރު ނަން މަޝްހޫރު ފަރާތްތައް އެއިރު ތިބީ "ކުޑަ" ކޮށެވެ. ނަމަވެސް މިއަދު މުޅި ފެއާ ހޮސްޓްކުރާ ގައުމެއްގެ ޝަރަފު ލިބުމާއެކު ރާއްޖެއަށް މިވަނީ މަޝްހޫރުވާން ރަނުގެ ފުރުސަތެއް ހުޅުވިފަ އެވެ. ޓޫރިޒަމްގައި 40 ގެ އަހަރުތައް ގުނަމުންދާ ރާއްޖެއަކީ މިއަދު އިހުތިރާމް ލިބިފައިވާ ގައުމެކެވެ. މިފުރުސަތުގެ ބޭނުންހިފައި މި އަހަރުގެ އައިޓީބީ ފެއާގެ 30 ސްޓޯލުގައި ރާއްޖެއިން މިވަނީ އިޝްތިހާރު ހިއްޕާފަ އެވެ. މީގެ އިތުރުން ފެއާގައި އޮންނަ އެންމެ ޝަރަފުވެރި އެއް ހަރަކާތް ކަމަށްވާ "ގާލާ ޑިނާ" ގައިވެސް ރާއްޖޭގެ ވިދުން ގަދަ އެވެ. އައިޓީބީ ފެއާއަށް ބައިގަރުނު ފުރުމުގެ މުނާސަތާ ވެސް ގުޅުވައިގެން ބާއްވާ މި ނައިޓަށް 2،500 މެހުމާނުނަށް ރާއްޖޭން ދައުވަތު ދިނެވެ. މި ހާއްސަ ހަފުލާގައި ބައިވެރިންނަށް ފޮނުވި ހުރިހާ ކާޑެއްގައި ވެސް ރާއްޖޭގެ "ސަނީ ސައިޑް އޮފް ލައިފް" ފެނިގެން ދިޔަ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު (މޯޑު) ވިދާޅުވެފައިވާ ގޮތުގައި ގާލާ ނައިޓްގައި ފެނިގެންދާ އައިޓަމްތައް ވަރަށް ފުރިހަމަވާނެ ކަމަށެވެ.

ގާލާ ނައިޓްގައި ރާއްޖޭގެ ގިނަ ހުށަހެޅުންތަކެއް ވެސް ދައްކާލާފައިވެ އެވެ. ރާއްޖޭން 50 ހުށަހެޅުމެއް ދައްކައިލި އެވެ. މީގެތެރޭގައި ބޮޑުބެރާއި ދަނޑިޖެހުމާއި ބަނޑިޔާ ޖެހުންފަދަ ހަރަކާތްތައް ހިމެނެ އެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީ މޯޑް ވިދާޅުވެފައިވާ ގޮތުގައި އައިޓީބީގެ ސަބަބުން ޖަރުމަނުގެ އިތުރުން އެހެން މާކެޓުތަކުގައި ވެސް ރާއްޖެ އިޝްތިހާރު ވެގެން ދާނެ ކަމަށެވެ.

"އައިޓީބީގެ ހޮސްޓް ކަންޓްރީކަން ލިބުނު އެހެން ގައުމުތަކަށް ބަލާއިރު ވަރަށް ބޮޑުތަން ޓޫރިޒަމް އިޝްތިހާރުވެފައިވޭ. އެހެންވެ ރާއްޖޭގެ ޓޫރިޒަމް ވެސް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު" މޯޑު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން އަންދާޒާކުރާ ގޮތުގައި މި ފެއާގެ ސަބަބުން ރާއްޖެއަށް ރިޓާން އޮފް އިންވެސްޓްމަންޓުގެ ގޮތުގައި 43 ޕަސެންޓް ވަރު ލިބޭނެ އެވެ. ހާއްސަކޮށް ރާއްޖޭގެ ދެވަނަ މާކެޓުގެ ގޮތުގައި މިވަގުތު އޮތް ޖަރުމަނުވިލާތުން އަންނަ ޓޫރިސްޓުންގެ އަދަދު އެތަށް ގުނައެއް އުފުލުން މިއީވެސް ކުޑަ ކާމިޔާބީއަލަށް ހަމަ ގައިމުވެސް ނުވާނެ އެވެ. ދިގު ދަތުރަކަށް ފަހު އައިޓީބީގެ ހޮސްޓް ގައުމުގެ ގޮތުގައި ރާއްޖޭގެ ދިދަ މިއަދު ވިހުރުވާލާއިރު މުޅި ޓޫރިޒަމް ސިނާއަތު އޮތީ އުފަލުންނެވެ. މިކަމުހައި ރިސޯޓެއް، ގެސްޓް ހައުސްއެއް އިސްތިސްނާއެއް ނުވާނެ އެވެ. ހަމަގައިމުވެސް މިކަމުން އިޝްތިހާރު ވާނީ ރާއްޖެ އެވެ. އައިޓީބީއަށް ރާއްޖެ ކުރި ދަތުރު ފާހަގަކުރާނީ އުފަލާއެކުގަ އެވެ.