ޓޫރިޒަމް

އައިޓީބީ ފެއާ 2026 ރާއްޖޭން ހޯސްޓްކުރުމަކީ އަމާޒެއް: ފައިސަލް

ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ -- އައިޓީބީ ފެއާގެ 2026 ވަނަ އަހަރުގެ ފެއާ ރާއްޖޭން ހޯސްޓުކުރަން އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

އައިޓީބީ ފެއާ 2024 ގައި ރާއްޖޭން ބައިވެރިވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމްގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށެވެ.

އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ހޯސްޓުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ 2026 ވަނަ އަހަރުގެ އައިޓީބީ ފެއާ ހޯސްޓްކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު އެމްއެމްޕީއާރުސީން ބައްދަލުކޮށް މަޝްވަރާކުރާނެ ކަމަށެވެ.

"އައިޓީބީ ފެއާ ހޯސްޓްކުރުމަށް ބޮޑު ހޭދައެއް ހިނގާނެ. އަޅުގަނޑު އުންމީދުކުރަނީ އެންމެން ގުޅިގެން މިކަން ކުރެވޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

އައިޓީބީ ފެއާ ހޯސްޓްކުރާ ގައުމަކަށް ފެއާ ހުޅުވުމުގެ ރަސްމިއްޔާތާޢި އެހެނިހެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބެ އެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރުގެ އައިޓީބީ ފެއާ ހޯސްޓްކޮށްފަ އެވެ.