ރިޕޯޓް

މާކެޓިންއަށް ބޮޑު ބަދަލެއް: ރާއްޖޭގެ "ހާއްސަކަން" ދައްކާލަނީ

  • ރާއްޖޭގެ ޔުނީކްކަން ދައްކައިދޭނެ
  • ދިވެހި އުފެއްދުންތައް ފެންނާނެ
  • ރާއްޖެއާމެދު ޝައުގުވެރިކަން އިތުރުވާނެ

ރާއްޖެ މާކެޓު ކުރަން ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ. އެ ބަދަލަށް އިންޑަސްޓްރީ ދަނީ އެދެމުންނެވެ. އާ އަހަރާ ދިމާކޮށް އެ ބަދަލު ގެންނަން، ރާއްޖޭގެ މާކެޓިން އެޖެންސީ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދަނީ ބޮޑު ބަދަލެއް ގެންނަން ތައްޔާރުވަމުންނެވެ. "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މާކެޓިން އަށް ގެންނަ އެންމެ މުހިންމު ބަދަލަކީ ރާއްޖޭގައި ހުރި "ޔުނީކް" ކަންތައްތައް އިޝްތިހާރު ކުރަން ފެށުމެވެ.

"މުޅިން އަލަށް އަޅުގަނޑުމެން ފަށާ ކަމެއް މިއީ. ރާއްޖޭގެ ޔުނީކް ޕްރޮޑަކްޓްތައް، ރާއްޖޭގެ ސްޓޯރީޒްތައް އޮންލައިން މެދުވެރިކޮށް މީހުންނާ ހަމައަށް ގެންގޮސް ދިނުން. ރާއްޖެއާ މެދު މީހުންގެ ޝައުގުވެރިކަން އިތުރު ކުރުން. އެ މީހުން [ޓޫރިސްޓުން] ރާއްޖެ އަންނަން ހިތުލާ ހިސާބުން ރާއްޖެއައިސް ޑެއިލީ އެކްޓިވިޓީސްތަކުގައި ކުރާނެ ކަންނަން މި އުފައްދަނީ،" ހާރިސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން މުޅިން އަލަށް ރާއްޖޭގައި ހުރި ހާއްސަ ކަންކަން އިޝްތިހާރު ކުރަން ފަށާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އުފައްދާ ޒަމާންވީ އުފެއްދުންތަކުގެ މައުލޫމާތު ކުރު ވީޑިއޯ ކޮޅެއްގެ ސިފައިގައި ދުނިޔެއަށް ގެނެސްދޭނެ އެވެ. މިގޮތުން މައުލޫމާތު ގެނެސްދޭ ބައެއް ޔުނީކް ޕްރޮޑަކްޓްތަކުގެ ތެރޭގައި އައްޑޫ ބޮނޑި އާއި އޮޅު އަލަށް އަދި ތުނޑުކުނަލާއި ބޯވަޅު އެޅި ދިވެހި ލިސާބު އެންމެ ކުރިން ވިޔާ ގޮތް ފަދަ ގިނަ ކަންކަން ދުނިޔެ އަށް ފެނިގެންދާނެ އެވެ.

"މި ވީޑިއޯ ކޮޅުތަކުގައި ފެނިގެންދާނެ ޓްރެޑިޝަނަލީ އެކަން ކުރާ ގޮތްތަށް. ބޮޑަށް މި ބަލަނީ ރާއްޖޭން ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ބާވަތްތައް. މީގެ ސަބަބުން އެ މީހުން [ޓޫރިސްޓުން] އަށް ބާރަކަށް ވާނެ ރާއްޖެ އަށް އަންނަން. ކުދި ވީޑިއޯތަކުގައި ދައްކާލާނެ މި ހުރީއޭ ރާއްޖޭގެ ޔުނީކް އެއްޗިއްސަކީ! މިސާލަކަށް ރުކުރާ، ރާއްޖޭގައި ރުކުރާ ހަދާ ގޮތަށް އެހެން ގައުމަކު ނުހަދާ. އަދި އުސް ހަކުރު އަދި ނާރުއް ފަލޫދާ ފަދަ އެއްޗިހި ވެސް ހިމެނޭ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޔުނީކް ޕްރޮޑަކްޓްތައް ޓޫރިސްޓުން ނަށް ދައްކާލަން ހަދާ ވީޑިއޯ ކޮޅުތައް ހުންނާނީ މި އުފެއްދުންތަކުގެ ތާރީހު ވެސް ހިމަނާފައި ކަމަށެވެ.

"މި ކަމުގެ ސަބަބުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ. މިހާރު މި ވިއްކަނީ ރާއްޖޭގެ ސަން، ސޭންޑް އެންޑް ސީ، އެ ކަމަކު ދިވެހިންގެ ވައްޓަފާޅި އާއި ސާދާ އުޅުމާއި ގުޅުން ކިޔައި ދޭން މި މަސައްކަތް ކުރަނީ. މީގެ ސަބަބުން ޑެސްޓިނޭޝަން ޕްރޮމޯޓާއެއްގެ ހައިސިއްޔަތުން ކުރާނެ ކަމެއް މިއީ،" ހާރިސް ވިދާޅުވި އެވެ.

ރާއްޖެ މާކެޓުކުރާ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ޓޫރިޒަމް އިންޑަސްޓްރީއާއެކު ހާއްސަ ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ. އަދި މިކަން ކުރި އަށް ގެންދަނީ ބޭރުގެ މާހިރުން ވެސް ބޭނުންކޮށްގެންނެވެ.

ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.