ބޮޑު މަސް މިހާތަނަށް އޮތީ ރާއްޖޭގަ އެވެ. ބޮޑު އީދުގައި ރާއްޖޭގައި ނެރޭ މަހެއްގެ ގޮތުގަ އެވެ. އީދު ކުޅިވަރެއްގެ ގޮތުގަ އެވެ. ބޮޑު މަހެއް ބާނަން މަސް ކެޔޮޅެއް ކުރާ ބުރަ މަސައްކަތާއި ކަނޑުގެ އެހެނިގެން ދިރުން ދައްކުވައިދޭ، މި ފޯރިގަދަ ހަރަކާތް ވެގެންދަނީ ފޫހިވުމެއްނެތް ޝައުގުވެރި ދިވެހި ސަގާފީ ހަރަކާތަކެވެ. ދިވެހިންނާއި ބިދޭސީން މުނިފޫހި ފިލުވައިދޭ ކުޅިވަރަކަށެވެ. އެކަމަކު މިހާތަނަށް މި ކުޅިވަރު ދުނިޔޭގެ ފެންވަރުގައި ދައްކާލެވިފައެއް ނުވެ އެވެ. ނަމަވެސް އާ ސަރުކާރުން މިވަނީ ބޮޑު މަސް ދުނިޔެއަށް ދައްކާލަން ނިންމާފަ އެވެ. އެގޮތުން މި އަހަރު ޖަރުމަނުގައި ބާއްވާ އައިޓީބީ ފެއާއަށް ރާއްޖޭގެ ބޮޑު މަސް ދާނެ އެވެ. މި ފެއާގައި ބޮޑު މަސް ނެރުން އޮންނާނެ އެވެ.
"ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ ސަގާފީ ކަންކަން މިހާރަށް ވުރެ ބޮޑަށް އިސްކަން ދޭނަން. އެކަމަށްޓަކައި އައިޓީބީ ފެއާގައި ކަލްޗަރަލް ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ޕްރޮމޯޓް ކުރަން ރާވާފައިވޭ،" ސަރުކާރުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި އެވެ.
ކަލްޗަރަލް ޓޫރިޒަމްގެ ފެށުން
ދުނިޔޭގެ ޓޫރިޒަމްގައި ބާއްވާ އެންމެ ބިޔަ އެއް ފެއާ ކަމަށްވާ އައިޓީބީ ބާލިން ފެއާ އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ބިލިއަން ޑޮލަރުގެ އެޑްވައިޓައިސިން ފުރުސަތުތައް ހުޅުވިގެންދާ މި ފެއާގައި ބޮޑު މަސް ނެރުން ވެގެންދާނީ ޔަގީނުން ވެސް ރާއްޖެ އަށް ލިބިގެންދާނެ ބޮޑު ސަމާލު ކަމަށެވެ. އަދި މި އިވެންޓު ރަނގަޅު ގޮތުގައި ބޭއްވިއްޖެނަމަ ރާއްޖޭގެ "ކަލްޗަރަލް" ދުނިޔޭގައި މަގުބޫލު ކުރެވިދާނެ އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ގިނަ މީހުން މީގެ ކުރިން ދައްކަމުން އައި މައިގަނޑު ވާހަކަތަކުގެ ތެރޭގައި މި ބައި ހިމަނަން ވާހަކަ ދެކެވުނެވެ. ނަމަވެސް ކަލްޗަރަށް ޓޫރިޒަމް އިޝްތިހާރުވާ ގޮތަށް ރާއްޖޭން މިހާތަނަށް ފެއާތަކަށް ގޮސްފައިވަނީ މަދު ފަހަރެއްގަ އެވެ. އާއްމު ގޮތެއްގައި ރާއްޖޭން ބައިވެރިވާ ފެއާއެއްގައި އެންމެ ބޮޑު ވަރެއްގެ ގޮތުން ވެސް ދައްކާލެވިފައިވަނީ ދިވެހި ލިޔެލާ ޖެހުމާއި އަތްކަން ކުރުން ފަދަ ހަރަކާތް ތަކެވެ. މި ހަރަކާތްތައް ވެގެން ގޮސްފައިވަނީ ބޭރު މީހުން ހައިރާންކަން ގެނުވި ހަރަކާތް ތަކަށެވެ. އަދި ގިނަ ބަޔަކު ފޫހިކަމެއް ނެތި ތަޖުރިބާ ކުރި ކަމަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރު އައިޓީބީ ބާލިން ފެއާގެ ސްޓޯލަށް އައި ޖަރުމަނުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި ދިވެހި ވަންތަ ސިފަތައް ހުންނަ ހަރަކާތްތަކަށް އެމީހުން ޝައުގުވެރިވެ އެވެ.
"އަހަރެން ތިން ފަހަރަށް ރާއްޖެ ގޮސްފިން. އެހެންވެ އެނގޭ ރާއްޖޭގެ މުއްސަނދި ސަގާފަތް. އުންމީދު ކުރަނީ މި ކަންކަން ބޮޑަށް ފެއާގެ ތެރެއިން ފެންނާނެ ކަމަށް،" ބާލިން، އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލަށް ދިޔަ ޖަރުމަނު މީހަކު އޭރު "އަވަސް" އަށް ބުނެފައިވެ އެވެ.
ރާއްޖެ އިން މިހާތަނަށް އައިޓީބީ ފެއާގައި އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވެފައިވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު "ހޮސްޓް ކަންޓްރީ" ގެ ގޮތުގައި ރާއްޖެ ގޮސް އައިޓީބީ ފެއާގައި ހާއްސަ ހަރަކާތްތަކެއް ބޭއްވި އެވެ. އެ އަހަރު ރާއްޖޭގެ 96 ކުންފުންޏަކުން 200 އަށް ވުރެ މީހުން ބައިވެރިވެފައިވެ އެވެ. އެ އަހަރު ދައްކާލި ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ހިމެނޭ ޝޯވް ވެގެން ގޮސްފައިވަނީ މިހާތަނަށް ރާއްޖޭން ބޭރުގައި ހިންގި މާކެޓިން އެންމެ ބޮޑު އެއް ހަރަކާތަށެވެ.
އާ ސަރުކާރުން ރާއްޖެ އިޝްތިހާރު ކުރުމުގެ ބަޖެޓު މިވަނީ އަށް މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ. މި އިތުރު ކުރުމާއެކު އިންޑަސްޓްރީން ވަނީ މަރުހަބާ ކިޔާފަ އެވެ. މި ސިނާއަތުން ބޭނުންވަނީ ރާއްޖޭގެ މުއްސަނދި ސަގާފަތް ހިމެނޭ ގޮތަށް މާކެޓިންގެ ގިނަ ހަރަކާތްތަކެއް ހިންގާށެވެ. ހާއްސަކޮށް ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ޓޫރިޒަމް އެނދުތައް އިތުރުވުން ވެގެންދަނީ އިޝްތިހާރު ކުރުން ވަރުގަދަ ކުރަން މަޖުބޫރުވާ ސަބަބަށެވެ. އެހެންވެ، "ޑެސްޓިނޭޝަން މާކެޓިން" ކަލަންޑަރުގައި ފެއާތަކުގެ އިތުރުން އިތުރު ހާއްސަ ހަރަކާތްތަކެއް ހިމަނާނެ ކަމަށް ސިނާއަތުން އުންމީދު ކުރެ އެވެ.