ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު އޭނައާމެދު އިހުމާލުވެއްޖެނަމަ ވަޒީފާދޭ ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެވެ.
ވަޒީފާއާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅިއިރު ހަމަ މިފަދަ އަދަބެއް ދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނުގައިވެސް ޖޫރިމަނާގެ އަދަބެއް ދިނުމަށް މިހާރުވެސް ހިމަނާފައިވެ އެވެ.
އެ ގޮތުން އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ދިވެހިން 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެ މީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ވަނީ ދީފަ އެވެ.
ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހިމަނާފަ އެވެ.
ތަކުރާރުކޮށް އިހުމާލުވާނަމަ އެ ޖޫރިމަނާ އިތުރުކޮށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތައް ދޭ ހިދުމަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުމަށް އިސްލާހުގައިވެ އެވެ.
ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވި ކަމަށް ބެލެވޭނެ ހާލަތްތަކެއް މި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
އޭގެ ތެރޭގައި މުސާރަ ނުދިނުމާއި ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށްފަހު އެމީހުންނާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެމީހުން ލައްވާ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުމަކީ އިހުމާލުވުން ކަމަށް ބެލެވޭނެ ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންޖެހެ އެވެ.