ޕޮލިޓިކްސް

ގެެއެއް ކުއްޔަށް ހިފާ އިރަށް ރެސިޑެންޓް ވިސާ ދޭކަށް ނުޖެހޭ: ރޮޒައިނާ

ރާއްޖޭގައި ދިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހާ ދެކޮޅު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވާ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ލައްކަ ރުފިޔާގެ އިންވެސްޓްމަންޓްއަކާ އެކު ވެސް ރެސިޑެންޓް ވިސާ ދިނުމަށް އޭނާ ދެކޮޅު ކަމަށެވެ.

"ދެމެހެއްޓެނިވި، ރަނގަޅު، ބޮޑު އިންވެސްޓްމަންޓްއެއް ކޮށްގެން ނޫނީ ރެސިޑެންޓް ވިސާ ދެވިގެން ނުވާނެ، ގެއެއް ކުއްޔަށް ހިފާލާ އިރަށް ރެސިޑެންޓްއަކަށް ވާކަށް ނުޖެހޭ، ގަބޫލު ކުރެވޭ ކަމެއް ނޫން މިއީ." ރޮޒައިނާގެ ޓްވީޓްގައި ލިއުއްވާފައިވެ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސަރުކާރުން ފޮނުވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން، އަނބުރާ ކޮމިޓީއަށް އެ ބިލް ފޮނުވި އެވެ. ކޮމިޓީއަށް ބިލް ފޮނުވައި، ނަޝީދު އެދިވަޑައިގަތީ އެމަނިކުފާނު ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް ކޮމިޓީން ގޮތެއް ނިންމުމަށެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހު ދިރާސާކުރަން ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގެ ގިނަ މެންބަރުން އެ ކަން ކުރަން ތާއީދެއް ނުކުރެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. ފަހުން ސޯޝަލް މީޑިއާގައި ވެސް ގިނަ އަދަދެއްގެ މީހުން ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހަށް ފާޑުކިޔާފައިވެ އެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރައީސް ނަޝީދު އިއްޔެ ވަނީ އެ ކަމާ ގުޅޭ ގޮތުން މަޒުމޫނެއް ލިއުއްވައި އެމްޑީޕީގެ ވެބްސައިޓްގައި ޝާއިއުކުރައްވައިފަ އެވެ. އެ މަޒުމޫނުގައި އެމަނިކުފާނު ލިއުއްވާފައިވާ ގޮތުގައި، ރާއްޖޭގައި ލިއެކިއުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވާނީ ރާއްޖޭން އެ މީހުނަށް ގޮތްތަކެއް ހޯދައިދީ ހުއްދަތަކެއް ދޫކޮށްގެންނެވެ.