މީކާއީލް އަހުމަދު ނަސީމް

އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް ހުއްޓިފައިވާ ސަބަބު ސާފުކުރަން އެދިއްޖެ

އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލްގެ މަސައްކަތް ކޮމިޓީގައި ހުއްޓިފައިވާ ސަބަބު ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.

މި އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ޖަލްސާގަ އެވެ. ބިލްގެ ބަހުސް ކުރިއަށް ގެންގޮސް ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ފޮނުވަން ފާސްކުރީ ޖޫން 10 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މީކާއީލް އިއްޔެ ފޮނުއްވި ސިޓީގައި ވަނީ އެ ބިލް މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ 59 ދުވަސް ވެގެންދިޔައިރު އެ ބިލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އަދި ބިލްގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކުރާ ސަބަބު ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މީކާއިލް އިސްލާހު ހުށަހެޅީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާ އަށެވެ. އެއީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން ކަނޑައެޅުމުގެ މާއްދާ އެވެ.

ގާނޫނުގެ އަށްވަނަ މާއްދާއަށް އަށްވަނަ އަކުރުގެ ގޮތުގައި ހުށަހެޅި އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށެވެ. މީގެތެރޭގައި އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނެ އެވެ.

ބިލް ހުށަހެޅި މަގުސަދު ތެރޭގައި ހިމެނެނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަ އެޅުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ގަރާރެއް ފާސްކުރުމުންވެސް މިހާތަނަށް އެ ގަރާރަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ކުރުމެވެ.