ބިދޭސީންގެ މައްސަލާގައި ހަގީގަތް އޮޅޭ ގޮތަށް އެކިއެކި ބަހަނާތައް ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ އެ ކަމުގެ ނާޒުކު ކަން އެމަނިކުފާނަށް އިހުސާސް ނުކުރެއްވޭތީ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްދެއް ދެއްވައިފި އެވެ.
ކަންކަމަށާއި މީހުނަށް ޖަމީލުގެ ފާޑު ވިދާޅުވުން އާންމުކޮށް އޮންނަނީ ޓްވިޓާގަ އެވެ. މިއަދު އޭނާ ޓްވީޓެއް ކުރެއްވީ، 10 އަހަރަށް ވުރެ ގިނަ ދުވަހަށް ރާއްޖޭން ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭނެ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަން ކުރީގެ ރައީސް ނަޝީދު ނިންމެވި ސަބަބު އެމަނިކުފާނު ހާމަކުރެއްވުމުގެ ގޮތުން ލިއުއްވި މަޒުމޫނުގައި ހިމެނޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެ މަޒުމޫނުގައި ރައީސް ނަޝީދު ލިއުއްވާފައިވާ ގޮތުގައި، ރާއްޖޭގައި ލިއެކިއުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވާނީ ރާއްޖޭން އެ މީހުނަށް ގޮތްތަކެއް ހޯދައިދީ ހުއްދަތަކެއް ދޫކޮށްގެންނެވެ. އެ ހުރިހާ ބިދޭސީން ރުހުމުގައި ރާއްޖޭން ފޮނުވާލެވޭނެ ކަމަށް ނަޝީދު ދެކެވަޑައެއް ނުގަންނަވަ އެވެ.
ރައީސް ނަޝީދުގެ މަޒުމޫނުގެ ހަބަރު ޝާއިއުކޮށްފައިވާ "އަވަސް" ނޫހުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވަމުން، ޑރ. ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަނީ ކަމުގެ ނާޒުކު ކަން އިހްސާސް ނުވާތީ ކަމަށެވެ. އެ ޓްވީޓްގައި ނަޝީދުގެ ނަންފުޅު ޖަމީލު ގެނެސްފައެއް ނުވެ އެވެ.
ޖަމީލު ވިދާޅުވީ، ކޮންމެ ގައުމަކަށް ވެސް ބިދޭސީންނަށް ދެވެނީ އަދި އުޅެވެނީ ގާނޫނީ ލިޔުމެއް އޮވެގެން ކަމަށެވެ. ގާނޫނީ ލިއެކިއުން ނެތި ބިދޭސީން އެތެރެވެ އުޅޭ މައްސަލަ ހައްލު ވާނީ ޑޮކިއުމަންޓް ކުރުން ފުރިހަމަ ކޮށްގެން ކަމަށެވެ. އަދި ކޯޓާގެ ނިޒާމު ހަރުދަނާކޮށް، އިގްތިސާދުގެ ބާޒާރު މޮނޮޕޮލީ ކުރުން ނުވަތަ ކޮންޓްރޯލް ކުރުން ހުއްޓުވައިގެން ކަމަށެވެ.
"ބިން މަދު، އަމިއްލަ ރައްޔިތުންނަށް ވެސް ބޯހިޔާވަހި ކަން ނުދެވިގެން އުޅޭއިރު ހަރުދަނާ ކުރަންވީ ނިޒާމްތައް، ގާނޫނާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭނެ ކަން ކަށަވަރު ކުރެވޭނެ ގޮތަށް." ޑރ. ޖަމީލް ލިއުއްވާފައިވެ އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސަރުކާރުން ފޮނުވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން، އަނބުރާ ކޮމިޓީއަށް އެ ބިލް ފޮނުވި އެވެ. ކޮމިޓީއަށް ބިލް ފޮނުވައި، ނަޝީދު އެދިވަޑައިގަތީ އެމަނިކުފާނު ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް ކޮމިޓީން ގޮތެއް ނިންމުމަށެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހު ދިރާސާކުރަން ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގެ ގިނަ މެންބަރުން އެ ކަން ކުރަން ތާއީދެއް ނުކުރެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. ފަހުން ސޯޝަލް މީޑިއާގައި ވެސް ގިނަ އަދަދެއްގެ މީހުން ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހަށް ފާޑުކިޔާފައިވެ އެވެ.
ރައީސް ނަޝީދު އިސްލާހު ހުށަހެޅުއްވި ސަބަބު ހާމަކުރެއްވުމުގެ ގޮތުން މަޒުމޫނެއް ލިއުއްވައި އާންމު ކުރެއްވި ފަހުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ފާޑުކިއުންތައް ވެސް އެ ނިންމެވުމަށް އަމާޒުވެފައިވެ އެވެ.