ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސަރުކާރުން ފޮނުވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން، އަނބުރާ ކޮމިޓީއަށް އެ ބިލް ފޮނުވި އެވެ. ކޮމިޓީއަށް ބިލް ފޮނުވައި، ނަޝީދު އެދިވަޑައިގަތީ ގާނޫނަށް އެ އިސްލާހު ގެނައުމާ ގުޅޭ ގޮތުން ކޮމިޓީން ގޮތެއް ނިންމުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރެސިޑެންސް ވިސާ ދޫކުރާ އުސޫލު ހިމެނޭ ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ބާއްވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ދުވަހެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
މިދިޔަ ދެ ހަފުތާގައި ވެސް މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަވުމެއް މަޖިލީހުގެ އިދާރާގައި ބޭއްވީ އާދީއްތަ ދުވަހުގަ އެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެކެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ބަންދު ދުވަސްތަކުގައި މަޖިލީހުގެ އިދާރާގައި އެފަދަ ބައްދަލުވުމެއް ނުބާއްވާނެ ކަމަށެވެ.
އިމިގްރޭޝަންގެ ބިލް ދިރާސާކުރަމުންދާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވެސް ވިދަޅުވީ، އެ އިސްލާހުތަކާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަން މަޖިލީހުގެ ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެ އިސްލާހާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހާޒިރުވެވަޑައިގެންނެވި އެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ، 10 އަހަރަށް ގެއެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންސް ވިސާ ދޭ ގޮތަށް އެ އުސޫލު ލުއިކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.
އިމިގްރޭޝަންގެ ގާނޫނަށް އެ އިސްލާހު ގެންނަން މަޝްވަރާ ކުރަން ބޭއްވި ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވާހަކަ ދެއްކެވީ އެއީ ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހެއްގެ ގޮތުގަ އެވެ. ނަމަވެސް ބިލެއްގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވާ ފަހުން އެ ގޮތަށް އިސްލާހެއް ގެންނަން ހުށަހަޅަން މަޖިލީހުގެ ގަވާއިދު ތަނެއް ނުދެ އެވެ.
އެ ހުށަހެޅުމަށް އާންމުންގެ ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެފައިވަނިކޮށް، ރައީސް ނަޝީދު މަޒުމޫނެއް ވެސް ލިއުއްވައި އާންމު ކުރެއްވި އެވެ. އޭގައި ލިއުއްވާފައިވަނީ، ރާއްޖެއަށް ލިއެކިއުން ނެތި އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރެވެން އޮތީ ރާއްޖޭން ގޮތްތަކެއް ހޯދައި ހުއްދަތަކެއް ދޫކޮށްގެން ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ ގޮތަށް ކޮމިޓީއަށް ބިލް ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ ރައީސަށް ނޯންނަ ކަމަށާއި އެ ގޮތަށް އަމަލު ކުރައްވާފައިވެސް ނޯންނާނެ ކަމަށެވެ. އެ އިސްލާހު ހުށަހެޅުއްވީ އެމަނިކުފާނު ނޫން ކަމަށާއި އެއީ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުނު ހިޔާލެއްގެ ނޯޓެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.