ހަބަރު

ބިދޭސީންނަށް ރަށްވެހިކަން ދޭ އިސްލާހާ ނަޝީދު ހަވާލެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެއްވެސް ގާނޫނަކާ ގުޅޭ ގޮތުން އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި މަޖިލީހުގައި އޮތް އެއްވެސް ބިލަކަށް އިސްލާހެއް ހުށަހަޅާފައި ވެސް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައި ވަނިކޮށް، އިތުރު އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ރައީސް ބިލު އަލުން އަނބުރާ އެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

އެގޮތުން ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީންނަށް ވެސް ރެޒިޑެންސީ ވިސާ ދިނުމަށް ވަނީ އާ އިސްލާހުގައި ހުށަހަޅައިފަ އެވެ.

އެ އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް ނަޝީދު މަޖިލީހުގައި މިއަދު ވިދާޅުވީ އެމަނިކުފާނު ކޮމިޓީއަކަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް އޮންނަ ބާރެއް ވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އިދާރީ މޭޒުން ވެސް ބެލީމަ ސާފުވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލިސް ނިޒާމް ހިނގާ ގޮތުން ބިލެއްގެ އިބްތިދާއީ ބަހުސްގައި ދެކެވޭ ވާހަކަތައް ކޮމިޓީއަށް ފޮނުވޭނެ ކަމަށާއި ކޮމިޓީން ނިންމައިފި ނަމަ އާމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލެވޭނެ ކަމަށެވެ. އަދި ބިލު ނިންމާ އެ ބިލު ތަޅުމުގައި ބަހުސް ކުރުމަށް ހުށަހަޅާ ދިނުމަށް ރިޔާސަތަށް ފޮނުވާއިރު، ބަހުސްގައި ދެކެވުނު ވާހަކަތައް ކޮމިޓީގެ މަޝްވަރާގައި ހިމަނާފައިވޭތޯ ބެލުމަކީ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިމިގްރޭޝާން ގާނޫނު ބަލައިދިނުމަށް އަލުން އެދުނީ ކޮމިޓީގައި ދެއްކުނު އެއްވެސް ވާހަކައެއް ބިލުގައި ދިރާސާކޮށް ހިމެނިފައި ނުވާތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ބިދޭސީންނަށް ރަށްވެހިކަން ދޭ މައްސަލަ ހުށަނާޅާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އެ މައްސަލާގައި ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނުގެ އަމިއްލަ ބްލޮގްގައި ލިޔުއްވެވި މަޒުމޫނެއް ގައި ވަނީ އެކަމަށް ތާއީދުކޮށް ބިދޭސީންގެ މައްސަލަ ހައްލުވާނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބިދޭސީންނަށް ރަށްވެހިކަން ނުދީފި ނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

އެ މައްސަލަ ހައްލު ކޮށްފައިވާ ގޮތުގެ މިސާލެއް ދެއްވަމުން އެ ލިޔުމުގައި ރައީސް ނަޝީދު ވިދާޅުވީ ބޭރު މީހުންގެ "ބޭރުކަން" ކަނޑައިގެން މިއަދު އިނގިރޭސިވިލާތުގެ ދާހިލީ ވަޒީރަކީ އަދި މާލީ ވަޒީރަކީ ވެސް އިންޑިޔާ ދަރިކޮޅު މީހުން ކަމަށެވެ.

ބިދޭސީންނަށް ރަށްވެހިކަން ދިނުމާ ގުޅޭ މައްސަލައެއް ހުށަހެޅި ސަބަބުގެ ސިއްރު ހޯދުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.