ހަބަރު

ގަވާއިދާ ހިލާފު ހުރިހާ ބިދޭސީން ފޮނުވާލުމަކީ ހިންގޭނެ ކަމެއް ނޫން: ނަޝީދު

ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރަމުންދާ ހުރިހާ ބިދޭސީން ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން މުސާރަ ނުލިބިގެން ބައެއް ބިދޭސީން ފަހަކަށް އައިސް ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.

އެ ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރަކު ވާހަކަ ދައްކަވާ ނިންމެވުމުން އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލެވެން އޮންނާނީ އެ ބިދޭސީންގެ ރުހުމާއެކު އެ ބިދޭސީން ފޮނުވާލާ ގައުމުގެ ރުހުން ވެސް އޮވެގެން ކަމަށެވެ.

ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ގިނަ ބިދޭސީންނަކީ އިންސާނީ ވަގު ވިޔަފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ތެރެއިން ދިވެހިންގެ ބަޔަކު އެތެރެކޮށްފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އަމުދުން ސަރުކާރުން ބޭނުންވެގެން އެ މީހުން ފޮނުވާލުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ކަމަކަށް 100،000 ބިދޭސީން މި ތަނަށް އެތެރެކޮށް އިންތިހާއަށް ހެޔޮ އަގުގައި ގެނެސް ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވައި އެތައް ބިލިއަން ރުފިޔާގެ އެސެޓެއް ހަދާފައި އެ މީހުން ކައިރީ މާދަމާ ދާށޭ ބުންޏަސް، އަދި އެއީ ހިންގިދާނެ ކަމެއް ކަމަކަށް ނުދެކެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގަވާއިދާ ހިލާފަށް އެތެރެވެ ރާއްޖޭގައި އުޅެމުންދާ ބިދޭސީން ފޮނުވާލުމަކީ ކުރެވޭނެ ކަމެއްގެ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުންނާއި ދިވެހިން ދައްކާ ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންގެ ގާތުގައި ހަގީގީ ވާހަކަ ސިޔާސީ ލީޑަރުން ކިޔައިދެއްވުމަށެވެ.

"މާދަމާ އެ ހުރިހާ ބިދޭސީން ފޮނުވައިލެވިދާނެ ކަމަށް ދެކެވޭ ކަމަށް ވަނީ ވިއްޔާ ހަގީގަތުގައި ވާން ނެތް ކަމެއް އަޅުގަނޑުމެން ހިތު އެޅި ގޮތަށް ވާން ޖެހޭނެ ކަމަށް ދެކިގެން ދައްކާ ވާހަކައެއް އެއީ. އަޅުގަނޑު ސިޔާސީ ވެރިންގެ ކިބައިން އެދެން، ހަގީގީ ވާހަކަ ކިޔައިދިނުމަކީ ބޭނުންތެރި ކަމެކޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ރާއްޖެއަށް ގަވާއިދާ ހިލާފަށް ލިޔެކިއުމެއް ނެތި އެތެރެވެގެން 70،000 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ ބިދޭސީންނަކީ ބަންގްލަދޭޝް މީހުންނެވެ. ސަރުކާރުން މިދިޔަ އަހަރު ވަނީ ބަންގްލަދޭޝް އިން އާންމު މަސައްކަތްތެރިން އެތެރެކުރުން މަނާކޮށްފަ އެވެ.