ދިވެހި ރައްޔިތުންގެ އުފާވެރިކަން ހުރި ގޮތުގެ އިންޑެކްސް ހެދުމަށް ކަމާ ގުޅޭ ދިރާސާގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެންނެވެ.
މިކަމާ ގުޅޭ ވޯކްޝޮޕެއް ވެސް އިސްލާމިކް ޔުނިވަސިޓީގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ލޯކަލް ގަވަރުންމަންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި މި ވޯކްޝޮޕްގައި ވަނީ މިމަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތްތަކަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ހިޔާލުތައް ހިއްސާކޮށްފަ އެވެ.
ރާއްޖޭގައި އަދި މިހާތަނަށް ހެޕިނަސް އިންޑެކްސް އެއް ނެތް ނަަމަވެސް މިއީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި އެކުލަވާލާފައިވާ އިންޑެކްސް އެކެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމަކީ ޔޫރަޕަށް ނިސްބަތްވާ ފިންލެންޑެވެ.
މި އިންޑެކްސްގައި އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި އުފާވެރިކަން ވަޒަންކޮށްފައި ހުރެ އެވެ.