ރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުގައި ބަލި މީހުން އުފުލުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ބަލި މީހުން އުފުލުމުގައި އެ ބޯޓު ބޭނުންކޮށްފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުގައި ހދ. ހަނިމާދޫ އިން މާލެއަށް މިއަދު ބަލި މީހަކު އުފުލާފައިވާ ކަމަށެވެ.
ބަލި މީހާ މާލެ ގެނެސްދިން ކަމަށްޓަކައި މިޖަލްސާގައި ރައީސް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުން އޮތީ ހުއްޓުވާފަ އެވެ. މި އުޅަނދުތައް ދުއްވުން ހުއްޓުވީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެ އުޅަނދުތައް ދުއްވާތީއާއި ރާއްޖޭގައި ކުރިން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް މުއިއްޒުގެ ވައުދަކަށްވާތީ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖެއިން އިންޑިއާ ސިފައިން މިހާރު ވަނީ ބާލާފަ އެވެ. ރާއްޖޭގައި އޮތް އިންޑިއާގެ އުޅަނދުތައް މިހާރު ދުއްވަނީ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުގެ ބުނުން އާންމު ގިނަ ދިވެހިން ގަބޫލެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ބަލި މީހުން އުފުލާފައިވަނީ މޯލްޑިވިއަންގެ އާންމު ފްލައިޓްތަކުގައެވެ. ނަމަވެސް މިއަހަރުގެ މާޗް އެއްވަނަ ދުވަހު އެއާ އެމްބިއުލާންސް ތައާރަފް ކުރި ފަހުން ކުއްލި ހާލަތުގައި މާލެއަށް ގެންނަންޖެހޭ ބަލި މީހުން ގެނެސްފައިވަނީ އެއާ އެމްބިއުލާންސް ގައެވެ.