ފުއާދު ތައުފީގު

ފުއާދުގެ ބަޔޯގްރަފީ ރައީސް ނެރެދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދިޔާ ކުރައްވައިފި އެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.

ތަޅަމުދިގޭ މުހައްމަދު ތައުފީގާއި ހާޖަރޭގޭ ސިއްތިގެ ފުއާދު ތައުފީގު ދިވެހީން ދަންނަން ފެށީ ތަފާސްހިސާބަށް ކުޅަދާނަ ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުއާދު ވަނީ ބޯހިމެނުމުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސް ދެއްވާފަ އެވެ. އަދި ސާކުގެ ސެކްރެޓިއޭޓުގައިވެސް ފުއާދު ވަޒީފާ އަދާކުރެއްވި އެވެ.

ދިވެހީންގެ އިހުތިރާމު ފުއާދު އެންމެ ބޮޑަށް ހޯއްދެވީ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތުންނެވެ. މިހުރިހާ ވާހަަކަތަކެއް ފުއާދުގެ ބަޔޯގްރަފީގައި ވަނީ ހިމަނާފަ އެވެ.

މީގެއިތުރުން އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ މުހިއްމު ހުރިހާ ވާހަކަތަކެއް މި ފޮތުގައި ހިމެނެ އެވެ. އެގޮތުން ފުއާދުގެ ސްކޫލު ދުވަސްތަކާއި މަތީ ތައުލީމު ހާސިލުކުރެއްވި ދުވަސްތަކުގެ އިތުރުން ގައުމީ ހިދުމަތުގެ ދުވަސްތައްވެސް ތަފްސީލްކޮށް ފޮތުގައިވެ އެވެ.

ފުއާދުގެ ބައޯގްރަފީ ލިޔެފައިވަނީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ބައޯގްރާފީވެސް ލިޔުއްވި ނޫސްވެރިޔާ އަހްމަދު ސާއިލް އަލީ އެވެ.