ހަބަރު

ކުޑަކުދިންގެ ހަރަކާތްތަކަށް މައިޒާނުތަކާއި ޕާކުތައް ދޫކުރާ އަގު ހެޔޮކޮށްފި

މާލެ އާއި ވިލިމާލޭގެ މައިޒާނުތަކާއި ޕާކުތައް ކުޑަކުދިންގެ ހަރަކާތްތަކަށް ކުއްޔަށް ދޫކުރާ އަގު ހައުސިން މިނިސްޓްރީ އިން ހެޔޮކޮށްފި އެވެ.

އެފަދަ ތަންތަން ކުއްޔަށް ދޫކުރުމާބެހޭ އުސޫލަށް އިސްލާހު ގެނެސް ހައުސިން މިނިސްޓްރީން ބުނީ މާލެއާއި ވިލިމާލޭގައި އެކި ހަރަކާތްތަކަށް ކުއްޔަށް ދޫކުރާ ފަސް ސަރަހައްދެއްގައި ކުޑަކުދިންގެ ހަރަކާތްތައް ދޫކުރާ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީން އުސޫލަށް ގެނައި އިސްލާހު ބުނާ ގޮތުން އާޓިފިޝަލް ބީޗާއި ރައިވެރިބޭ މައިޒާން އަދި ވިލިމާލެ ބީޗް ކުޑަކުދިންގެ ހަރަކާތްތަކާއި އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލް، ދައުލަތުގެ މުއައްސަސާތައް، ޖަމިއްޔާ ޖަމާއަތްތަކަށް ކުއްޔަށް ދޭނީ 200 ރުފިޔާ އަށެވެ.

ރަސް ފަންނު އަދި މުއިވެޔޮދޮށު މައިޒާން ކުޑަކުދިންގެ ހަރަކާތަކަށް ދޭނީ 200 ރުފިޔާއަށެވެ. އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލް ދައުލަތުގެ މުއައްސަސާތައް ޖަމިއްޔާ ޖަމާއަތްތަކަށް ކުއްޔަށް ދޭނީ 500 ރުފިޔާއަށެވެ.

ހައުސިން މިނިސްޓްރީ އިން ދާދި ފަހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމިނިސްޓްރީ އިން ކުއްޔަށް ދޫކުރެވޭ އެއްވެސް ތަނެއްގައި ސިއްހަތަށް ނޭދެވޭ އަސަރުކުރާ ފަދަ، ނަފާ ލިބޭ ވިޔަފާރިއެއްގެ ޕްރޮމޯޝަނަލް ހަރަކާތެއް ނުވަތަ ސިޔާސީ އެއްވުމެއް ނުވަތަ ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށެވެ.