ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް އަނެއްކާވެސް ހަރަކާތެއް

ޕީޕަލްސް ނެޝަނަލްް ކޮންގްރެސް (ޕީއެންސީ)އަށް މެމްބަރުން އިތުރުކުރުމަށް އަނެއްކާވެސް ބޮޑު ހަރަކާތެއް ފަށައިފި އެވެ.

މި ހަރަކާތް މިއަދު ފެށީ މާލެއާއި ވިލިމާލެ ހިމެނޭހެން 12 ސަރަހައްދެއްގައެވެ.

ޕިއެންސީގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީއަށް މީހުން އިތުރުކުރުމަށް ބާއްވާ މި ހަރަކާތް ކުރިއަށް ދާނީ ސިލްސިލާކޮށް ކުރިއަށް ގެންދާ ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މި ހަރަކާތް ކުރިއަށް ގެންދަނީ ޕީއެންސީއަކީ ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ފޯމު ހިފައިން ޑޯ-ޓު-ޑޯ އަށް ހިނގާ، ފާޓީއަށް ވަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

މެންބަޝިޕް އިތުރުކުރުމުގެ ހަރަކާތެއް ޕީއެންސީން މިއަދު ކުރިއަށް ގެންދާއިރު މީގެކުރިންވެސް އެ ޕާޓީއަށް މީހުން އިތުރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އިލެކްޝަން ކޮމިޝަންގައި މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީޢެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ. އެ ޕާޓީގައި 50،000 މެންބަރުން ތިބިއިރު ދެވަނައަށް އެންމެ ގިނަ މީހުން ތިބީ ޕީއެންސީއާ އެކު މަސައްކަތް ކުރަމުންދާ ޕީޕީއެމް އެވެ. އެ ޕާޓީގައި 34،000 މެންބަރުން ތިބިއިރު ޕީއެންސީގައި ތިބީ 28،000 މެންބަރުންނެެވެ.