ރާއްޖޭގެ ލޯނުތައް އަނބުރާ ދެއްކުމުގައި އިންޑިއާ އިން ދިން ލުއިފަސޭހަކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކޮށްފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަތުމުން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހިފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އިންޑިއާ އިން ލުއި ގޮތްތަކެއް ހޯދައިދީފައިވުމުން އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ލައިން އޮފް ކްރެޑިޓް ފެސިލިޓީ ރީސްޓްރަކްޗާ ކުރުމުގައި ދެއްވި ލުއިފަސޭހަ ކަމަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އިންޑިއާ އިން ވަނީ އެ ގައުމަށް ދައްކަންޖެހިފައިވާ 50 މިލިއަން ޑޮލަރު އިންޑިއާ އިން ރޯލްއޯވާ ކޮށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފަސޭހައިން ލިބޭނެ ގޮތް އިންޑިއާ އިން ހަމަޖައްސައިދީފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީއާއެކު ރާއްޖޭގެ 28 ރަށެއްގައި ނިންމާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ދިވެހި ސަރުކާރާ ހަވާލުކުރުންވެސް ކުރިއަށް ދިޔަ އެވެ.
މީގެކުރިން ޗައިނާ އަދި ޔޫއޭއީ އިންވެސް ވަނީ ރާއްޖޭގެ ލޯންތައް ދެއްކުން ފަސްކޮށްދީފަ އެވެ.