ވާހަކަ

މިލްކުވާނެބާ

(8 އޯގަސްޓް 2024 އާ ގުޅޭ)

"އަދިވެސް ޔަޤީން ނުވަނީތަ؟. އަން... މިޔާ އަމިއްލައަށް އޭނާ ކައިރީ އަހާބަލަ މީ ދޮގެއްތޯ." ސޫޒަންގެ ފޯނުން އިޒީކިއަލްއަށް ގުޅާފައި މާޔާއަށް ފޯނު ދިއްކޮށްލި އެވެ. މާޔާ އެ ފޯނުގައި ހިފި އެވެ. ދެތިންފަހަރު ރިންގުވީތަނާ ފޯނުކޯލު ނަގައި ހެލޯއޭ އިޒީކިއަލް ބުނެލި އަޑު އިވުނެވެ. އިޒީކިއަލްގެ ނަމުން މާޔާ ގޮވާލި އެވެ.

"މިޔާ..." އިޒީކިއަލްގެ އަޑުގައި ހައިރާންކަންވި އެވެ.

"ހައިކް... ހައިކް އެއީ އަހަރެމެންގެ ދަރިފުޅުތަ؟. ޕްލީޒް... އަހަރެންނަށް ޖަވާބު ދީބަލަ." މާޔާ ބުންޏެވެ.

"ކިހިނެއް؟... ކާކު ބުނީ... ކޮންތާކު މިޔާ ތިހުރީ." އިޒީކިއަލް ހާސްވީކަން އޭނާގެ އަޑުން މާޔާ ދެނެގަތެވެ.

ސްޕީކަރަށް ލާފައި ހުރި ފޯނުން އިޒީކިއަލްގެ އަޑު ސާފުކޮށް ސޫޒަންއަށް އިވެ އެވެ. އިތުރު ވާހަކައެއް އިޒީކިއަލްއާއި މާޔާއާ ދެމެދު ނުދެކެވެނީސް އޭނާ އަވަހަށް ފޯނު އަތުލައި ކޯލު ކަނޑާލައިފި އެވެ. މާޔާއަށް ގަބުވެފައި ހުރެވުނީ އެވެ. ބުނާނޭ ބަހެއް އޭނާގެ ދުލަކަށް ނައެވެ.

"އަހަރެމެންގެ ދަރިފުޅު މަރެއްނުވޭތަ... އިޒީކިއަލް އަހަރެންނަށް ދޮގު ހެދީތަ. ކީއްވެ؟. އެ ދަރިފުޅު އަހަރެންނަށް ދައްކާ ވެސް ނުލާ އޭނާ އެ ކުއްޖާ ގެންދިޔައީތަ؟... އެއީ އަހަރެންގެ ވެސް ދަރިއެއް. އަހަރެން ވިހޭ ދަރިއެއް... ހައިކް... ހައިކްއަކީ އަހަރެންގެ ދަރިފުޅު... އެކުއްޖާ މަރެއްނުވޭ." މާޔާގެ ހިތާއި ސިކުނޑީގައި އެތައް ޖަޒުބާތެއް އުތުރިއަރަމުން ދިޔަ އެވެ. އެހާބޮޑު ދޮގެއް ހަދައި އޮޅުވާލީތީ އިޒީކިއަލްދެކެ އޭނާއަށް ރުޅި އާދެވުނެވެ. މިހާ ދުވަހު އޭނާ އަނދިރީގައި އެ ހުރީ އިޒީކިއަލްގެ ސަބަބުންނެވެ. އަނެއްކޮޅުން ދަރިފުޅަށް ޓަކައި އޭނާގެ މައިވަންތަކަން ތެޅިފޮޅިގަތެވެ.

"އަހަރެން ބުނީމެންނު... މިހާރު ހަޤީޤަތް އެނގިއްޖެ އެއްނު." ފިކުރުގެ ތެރެއަށް މާޔާގެ ނަފްސު ބެހެމުންދަނިކޮށް ސޫޒަން ބުންޏެވެ. އެއާއެކު ސޫޒަންއާ ދިމާއަށް މާޔާގެ ނަޒަރު އަމާޒުވެލައިފި އެވެ.

ކުއްލިއަކަށް ސޫޒަން ހަޤީޤަތުގެ ވާހަކަދައްކަން ބޭނުންވީ ސަބަބާ މެދު މާޔާގެ ޟަމީރު ސުވާލު އުފެދުނެވެ. ސޫޒަންގެ އަމިއްލަ އެދުމެއް އެބައޮތްކަން މާޔާއަށް ޔަޤީން ކުރެވެ އެވެ.

"މިހާރު ތިވާހަކަ ބުނުމުގެ މަޤްޞަދަކީ ކޮބާ؟. އަހަރެންނަށް އެނގޭ ތީ އަހަރެންނަށް ހެޔޮ އެދިގެން ދެއްކި ވާހަކައެއްނޫންކަން. ކޮބާ އަހަރެންގެ ދަރިފުޅު؟. އެއީ ހަމައެކަނި އިޒީކިއަލްގެ ދަރިއެއްނޫން. އެއީ އަހަރެންގެ ވެސް ކުއްޖެއް." މާޔާއަށް ބުނެވުނެވެ.

"ދަރިފުޅާ ބައްދަލުވާން ބޭނުންތަ؟. އެހެންވިއްޔާ އަހަރެމެންނާ އެކީ ހިނގާ." ސޫޒަން ބުންޏެވެ.

"އެ ކުއްޖާ ކޮބާ؟. ސޫޒަން ތިވިސްނަނީ އެކުއްޖާގެ ކިބައިން ބަދަލު ހިފަންތަ؟." މާޔާ ކަންބޮޑުވި އެވެ.

"އަދިއެއް އޭނާއަށް ކަމެއްނުވޭ. އެކަމަކު މިތަނުގައި އަހަރެން މަޑުކުރަން ޖެހި ފުލުހުންނާ ޑީލްކުރަން ޖެހިއްޖެއްޔާ ހައިކްއަށް ކަމެއްނުވާނޭ ބުނާން ދަތި." ދެ އަތް އުރާލަމުން ހިނިއައިސްފައި ސޫޒަން ބުންޏެވެ.

"ކޮންކަމެއްތަ ސޫޒަން ބޭނުންވެގެން ތިއުޅެނީ؟." މާޔާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ތެދަށް ބުނަންޏާ ހައިކް ހުރީ އަހަރެންގެ ބައްޕަގެ ސަފާރީއެއްގައި. މިރޭ އަހަރެން އެނބުރި ނުގޮސްފިނަމަ އެމީހުން ނުބަލާނެ އެއީ ކުޑަކުއްޖެއްކަމެއް. އެހާތަނުން ދެން މިޔާ ހަނދާން ނައްތާލާ ދަރިއަކު ހުރިކަން." ސޫޒަން ވާހަކަދެއްކީ ޔަޤީންކަމާއެކީ އެވެ.

"ތި ހިތުގައި ރަހުމެއް ވެސް ނެތީތަ؟. އިޒީކިއަލް އެ ފުރުޞަތެއް ނުދޭނެ. ތިހަދަނީ ދޮގެއް." މާޔާ ބުންޏެވެ.

"މީ ދޮގެއްތޯ ނޫނީ ތެދެއްތޯ ބަލަން އެ ރިސްކު މިޔާއަށް ނަގަން ކެރޭނެތަ؟." ސޫޒަން ވާހަކަދެއްކީ ދެބުމަ ހިއްލާލަމުންނެވެ.

"އެންމެ ރަނގަޅު. އަހަރެން ދާން މިހުރީ." އިރުކޮޅަކު ވިސްނާލާފައި މާޔާ ބުނެފި އެވެ. އޭރު ވެސް އަފްރާހާއި ރާހިން ފުލުހުންނާ ވާހަކަދައްކަމުން ދިޔަ އެވެ. އެ ދިމާއަށް ސޫޒަން ބޮލުން އިޝާރާތްކޮށްލުމުން މާޔާ ވެސް އެ ދިމާއަށް ބަލާލި އެވެ.

"އެހުރި ކަލޭގެ ލޯބިވެރިޔާ ކައިރީ ބުނޭ މާކަންތައްބޮޑު ނުކުރާށޭ. ފުލުހުން ކައިރީ ބުނޭ ކަލޭ އަމިއްލަ އިޚްތިޔާރުގައި އަހަރެމެންނާ އެކީ އައީ. އަދި އަހަރެމެންނާއެކީ އައީ އަމިއްލަ ބޭނުމެއްގައިކަން. މިކަމުގައި އެއްވެސް ގޯހެއްނެތްކަން. އެ އެންމެން މިތަނުން ފޮނުވާލާ." ސޫޒަން ބުންޏެވެ.

މާޔާ ކަންތައް ކުރީ ސޫޒަން އެދުނު ހެންނެވެ. ރާހިން އެކަމާ ދެކޮޅު ހަދަހަދާ އޮއްވާ ވެސް މާޔާ ފުލުހުން ކައިރީ ބުނީ އޭނާއާއި ސޫޒަންއާ ދެމެދު މައްސަލައެއް ޖެހިގެން ނޫޅޭ ކަމެވެ. ވޭންގައި ނަގައިގަނެގެން މާޔާ ގެންދިޔައިރު ރާހިންއަށް އަނިޔާވީ ސަބަބާމެދު ފުލުހުން ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދޭން އަވަސްވެލީ އަފްރާހެވެ. ދިން އިރުޝާދާ ޚިލާފުވީކަމުގައި އަފްރާހު ބުންޏެވެ. މީހަކަށް އަނިޔާއެއް ގަސްދުކޮށްފައިނުވާނޭކަން އޭނާ ބުންޏެވެ. މާޔާއަށް ސަފްރައިޒެއް ދޭން ރޭވި ރޭވުމެއްކަމުގައި އަފްރާހު ބުންޏެވެ.

މާޔާ އެއްބަސްނުވުމުން ފުލުހުންނަށް ނެގޭނެ ފިޔަވަޅެއް ނެތެވެ. އެމީހުން އެކަން ހާމަކުރުމުން ރާހިން ހިތްހަމަނުޖެހުނީ މާޔާ ދެކެ އެވެ. އެއާއެކު މާޔާ އެދުނީ ރާހިން ވެސް އެތަނުން ދިއުމަށެވެ. ދިމާވެގެން އުޅޭ ކަމަކީ ސޫޒަންއާއި މާޔާއާ ދެމެދުގައި އޮތް ކަމެއްކަމުގައި މާޔާ ބުންޏެވެ.

"މާޔާ... ޕްލީޒް. އޭނާ ދޭ އިންޒާރަށް ބިރުންކަން އެނގޭ ތިހެން ތި ވާހަކަދައްކަނީ. އަހަރެން މާޔާ ރައްކާތެރިކުރާނަން. އެއްފަހަރު ވެސް ނިކަން އަހަރެންނަށް އިތުބާރުކޮށްބަލަ." ރާހިންގެ އަޑުގައި އާދޭސް ވިއެވެ. މާޔާގެ ދެ ލޮލުން ފާޅުވޭވޭ ހުރި ހާސްކަމާއި ކަރުނައިގެ ތެތްކަން ރާހިންއަށް ބުނެދެނީ އެ އަންހެންކުއްޖާ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމެވެ. ނަމަވެސް ދުލުން އެހެން ނުބުނެވިގެން އުޅެނީ މަޖުބޫރުވެގެންކަން ރާހިންގެ ޟަމީރު ދެނެގަތެވެ.

"ރާހިން ޕްލީޒް. ދޭ މިތަނުން. ސޮރީ މިކަމުގެ ތެރެއިން ރާހިންއަށް އަނިޔާވީތީ. ޕްލީޒް. އަހަރެން ފަހުން ގުޅާނަން. އެހެންވީމަ އިހަށް ދޭ. އަހަރެން ސޫޒަންއާއެކީ ދާން މިދަނީ. އަހަރެމެންނަށް އިތުރަށް ފޮލޯ ނުކުރާތި. ޕްލީޒް." މާޔާ ބުންޏެވެ.

"ކިހިނެއް މާޔާ ދާން ދޫކޮށްލާނީ. އަހަރެންނަށް ސާފުކޮށް އެނގޭ ތި ހުރި އަންހެން މީހާގެ ނުބައި ރޭވުމެއްކަން މީ. މި މީހުން މިއުޅެނީ މާޔާއަށް ދެރައެއްދޭންކަން... މިހުރިހާ ކަމެއް ޔަގީންވާއިރު ވެސް ދޫކޮށްލަންވީތަ." ރާހިން އައިސް މާޔާގެ އަތުގައި ހިފީ އެވެ. އޭނާ ގަސްދުކުރަނީ މާޔާ އޭނާއާއެކު ގެންދަންކަން ސާފެވެ. މާޔާގެ ދެ ލޮލަށް ބޮނޑިވެފައިވި ކަރުނަތައް ކޯތާފަތުން ފައިބަންފެށި އެވެ. ރާހިން ނުދާނޭހެން ހީވުމުން މާޔާ ދެ އަތް ޖޯޑުކޮށްލި އެވެ.

"އައި ހޭވް ޓު ގޯ." މާޔާ ބުންޏެވެ.

ރާހިންއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާއަށް މާޔާ ނުހުއްޓުވޭނެކަން އެނގުނީ އެވެ. މަޑުމަޑުން ބޯ ހޫރާލާފައި ރާހިން އެނބުރިލީ ކާރާ ދިމާއަށެވެ. ފުލުހުން ވެސް އެނބުރި ދާން ޖިޕަށް އަރައިފި އެވެ. ސޫޒަންގެ އިޝާރާތަކާއެކު އަފްރާހާއި އޭނާއާއެކު ތިބި ދެ މީހުން އަތުވެއްޖެ އެވެ. އަފްރާހު މާޔާ ގޮވައިގެން އައި ކާރަށް އެންމެން އަރަން ތައްޔާރުވެލި އެވެ. އެވަގުތު އަފްރާހު އެތަނުން އެކަކަށް އެންގީ ފުލުހުން އެމީހުންނަށް ފާރަލާތޯ ބެލުމަށް އެމީހުންގެ ފަހަތުން ދިއުމަށެވެ.

ޑިންގީ އައިސް މަޑުކޮށްލީ ފަޅުން ބޭރުގައި އަޅާފައި އޮތް ބޮޑު ސަފާރީއެއްގެ ކައިރިއަށެވެ. އަފްރާހާއި ސޫޒަންގެ ފަހަތުން އެ ސަފާރީއަށް މާޔާ ފޭބި އެވެ. އެއާއެކު އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ފިރިހެނަކު އައިސް މާޔާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލައި އެވެ. މާޔާ ގަދަ ހަދާލަން އުޅުމުން ސޫޒަން ދިނީ އިންޒާރެކެވެ. މާޔާ ވަގުތުން ހިމޭންވީ އެވެ.

"މީ އަހަރެމެން ވަކިވާން އޮތް ހިސާބު. ކަލޭގެ މޫނު ދުވަހަކުވެސް ދެކޭކަށް ބޭނުމެއްނޫން. ގުޑްބާއި މިޔާ." ސޫޒަން ހިނިތުންވެލި އެވެ. އަދި އޭނާ އެނބުރި ޑިންގީއަށް އަރަން ދިޔަ އެވެ. ވާނުވާނޭނގިފައި މާޔާ ހުއްޓާ ގަދަކަމުން އޭނާ ގޮވައިގެން އެ ފިރިހެން މީހާ ހިނގައިގަތީ ސަފާރީގެ ގެގަނޑު ތެރެއަށް ވަންނާށެވެ.

"ހައިކް މިތާ ހުންނާކަށް ބޭނުމެއްނޫން. މަންމަ ކޮބާ؟. ގެއަށް ދާން ހައިކް ބޭނުމީ. ޑެޑީއަށް ގުޅާ. ހައިކް މަންމަ ކައިރިޔަށް ގެންދޭ." ރޮމުންރޮމުން ހައިކް ކިޔަމުންދިޔަ އެވެ. އެތަނުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ބޮލަށް އުނދަގޫވެގެން ހަޅޭލަވައިގަތެވެ.

"ބަސްއަހައިގެން ނުހުރިއްޔާ މިދިމާ މޫދަށް އެއްލާލާނީ. ބައިވަރު ޝާކު އުޅޭނެ. އަނެއްކާ ބޮޑެތިބޮޑެތި ތޫނު ދަތްތަކުން ކާލަން އަންނާނީ. ކުޑަކުދިން ވަކިން މީރުވާނެ ޝާކަށް." އެ ފިރިހެން މީހާގެ ވާހަކަ އޭނާއާއެކު ދެން ހުރި މީހާ ހުއްޓުވައިފި އެވެ. މާޔާ ގޮވައިގެން އެތަނަށް އައީ އެވަގުތެވެ. ރޮމުންދިޔަ ހައިކް ފެނުމާއެކު މާޔާއަށް ކެތެއްނުވި އެވެ. ދުވެފައި އައިސް އޭނާ ހައިކްގެ ގައިގާ އޮޅުލައިގަނެއްޖެ އެވެ.

"ކާކުތީ... ދޫކޮށްލާ... ދުރައްދޭ." މާޔާގެ ގައިގާ އަޅައި ދުރަށް ކޮށްޕަމުން ހައިކް ބުންޏެވެ.

"ހައިކް... އަހަރެން ދަރިފުޅު." މާޔާއަށް ރޮވެނީ އެވެ. ހައިކް ގަދަހަދަމުން ދިޔައިރު ވެސް އެކުއްޖާގެ ގައިން ދޫކޮށްލާކަށް މާޔާ ބޭނުމެއްނުވި އެވެ.

ހަމަވިސްނުން މާޔާއަށް ލިބެން ވަގުތުކޮޅެއް ނެގި އެވެ. ޖަޒުބާތުތައް ހިފަހައްޓަމުން އަމިއްލަ ނަފްސު މާޔާ ހަމައަކަށް އެޅުވި އެވެ. އަދި ގަޔާ ހައިކް ދުރުކޮށްލާފައި އެކުއްޖާއަށް އޭނާ ބަލާލީ ފަރުވާތެރިކަމާއެކީ އެވެ.

"އަހަރެން ބޭނުންވީހެން... އެއީ ހަމަ އިޒީކިއަލް." މާޔާއަށް ހިތާހިތުން ބުނެލެވުނެވެ. ހައިކްގެ ސޫރައިން އޭނާއަށް އިޒީކިއަލްގެ ސިފަތައް ފެނެ އެވެ.

"މީ ދަރިފުޅުގެ މަންމަ." އެއް އަތް މޭގައި ޖައްސާލަމުން މާޔާ މަޑުމަޑުން ބުނެލި އެވެ.

"ހައިކްގެ މަންމައެއްނޫން ތީ. ހައިކްއަށް އެނގޭ މަންމަ ހުންނަ ގޮތް. ހައިކްގެ މަންމައަށް ކިޔާނީ ސޫޒީ... ހައިކް ގެއަށްދާން ބޭނުމީ. ޑެޑީއަށް ގުޅާބާ." މޫނަށް ވައްތަރެއް ޖައްސާލައިގެން ހުރެ ހައިކް ބުނީ ނިކަން އަވަހަށެވެ. އޭނާ މާޔާގެ އަތުގެތެރެއިން ނުކުންނަން ބޭނުންވެފައި ހުރި ކަހަލަ އެވެ.

"ހައިކް. މީ ދަރިފުޅުގެ އަސްލު މަންމަ. ދަރިފުޅު އޮތީ މަންމަގެ މިބަނޑުގައި... ސޫޒަން އެއީ ދަރިފުޅުގެ މަންމައެއްނޫން. ހައިކްއަކީ މި މަންމައަށް ލިބުނު ކުއްޖެއް. ދަރިފުޅުގެ ޑެޑީ ދޮގު ހެދީ... މި މަންމަގެ އަތުން ދަރިފުޅު ގެންދިޔައީ." މާޔާ ދައްކަމުންދިޔަ ވާހަކަތަށް ހައިކްއަށް ދޭހަވާހެން ހިޔެއްނުވެ އެވެ. އެ ކުޑަކުޑަ ސިކުނޑިއަށް އެ ވާހަކަތައް ޤަބޫލުކުރާން ފަސޭހައެއްނުވާނޭކަން މާޔާއަށް އެނގެ އެވެ.

"ހައިކް ބޭނުމީ ގެއަށްދާން. ޑެޑީ ކައިރިޔަށް ދާން... ޑެޑީއަށް ގުޅާބާ. ޑެޑީ އަތުގައި އޮންނާނެ ފޯނު. ހައިކްގެ ޑެޑީ އެނގެއެއްނު. ޑެޑީއަށް ގުޅާފައި ބުނެބާ ހައިކް ބަލާ އަންނާށޭ. ހައިކް ވަރަށް ބިރުގަނޭ. ހައިކް ޝާކްދެކެ ވެސް ބިރުގަނޭ... އެ ބޭބެ ބުނީ ހައިކް މޫދަށް ވައްޓާލާނަމޭ. ހައިކްގެ ޑެޑީއަށް ފޯނުކުރީމަ އަންނާނެ." ރޮވިފައިވާ އަޑަކުން ހައިކް އާދޭސްކޮށްލި އެވެ. މާޔާގެ ހިތްވިރިގެންދިޔަ ފަދަ އެވެ. މޭގައި ހައިކް ބޮނޑިކޮށްލެވުނީ ބޭއިޚްތިޔާރުގަ އެވެ.

"އެއީ ދޮގެއް. މޫދަށްލާކަށް ނުކެރޭނެ. މިތަނުން އެއްވެސް ކުއްޖަކު ހައިކްއާ ކައިރިވިޔަކަ ނުދޭނަން. މަންމަ ހައިކް ޕްރޮޓެކްޓް ކުރާނަން. ސޮރީ މިހާ ލަހުން ދަރިފުޅު ކައިރިޔަށް އާދެވުނީމަ." މާޔާ ބުންޏެވެ. އެވަގުތު އެތަނުން ބޭރަށް ނުކުމެފައި އައި ފިރިހެންމީހާ މާޔާމެންނާ ދިމާއަށް އައެވެ.

"ކީއްކުރަން ތިއުޅެނީ؟. ކަލޭމެންނަކަށް ނޭނގޭތަ އެއީ ކުޑަކުޑަ ކުއްޖެއްކަމެއް... އޭނާ ބިރުގެންފައި ހުރިވަރު ނުފެނޭތަ؟. ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތީތަ؟. ސޫޒަން ބުންޏަސް ކުޑަކުއްޖަކަށް އަނިޔާ ދޭންވާނެތަ؟... އޭނާ ދޫކޮށްލާ. އޭނާގެ ބައްޕަ ކައިރިޔަށް އޭނާ ގެންދޭ... ކަލޭމެން ތިކުރާ ކަމެއް އަހަރެންނަށް ކޮށްބަލަ." މާޔާ ހަޅޭލަވައިގަތެވެ. އެ ފިރިހެންމީހާއަށް އެހީވާން މާޔާ ގޮވައިގެން އެތަނަށް އައި ބިޔަ މީހާ ކައިރިވެލި އެވެ. ހާސްވެ ކަންބޮޑުވެގެން މާޔާގެ ފުރަގަހަށް ދަރިފުޅުލުމާއެކު އެކުއްޖާގެ އައްޑަނައެއްހެން ދެ އަތްފުޅާކޮށްލައިގެން މާޔާ އިނީ ދެކަކޫ މައްޗަށް ތިރިވެ އެވެ.

"އަހަރެމެންނަށް އެކުއްޖާ މުހިންމެއްނޫން. އޭނާއަށް ކަމެއްކުރާކަށް ވެސް ނޫޅެން. ބޭނުންވަނީ ކަލޭ." އެ ފިރިހެންމީހާ ވާހަކަދައްކަމުން ނެގީ ސިރިންޖެކެވެ. އެއާއެކު ދެން އޭނާއަށް އެހީތެރިވާން ކުރިޔަށް ނުކުމެ ހުރި އެއްކަލަ ބިޔަ މީހާ އައިސް މާޔާގެ ދެ އަތުގައި ހިފަހައްޓައިފި އެވެ. އެއާއެކު ސިރިންޖު ހިފައިގެން ހުރި މީހާ ކައިރިވެލައި މާޔާގެ ގަޔަށް އިންޖެކްޝަން ޖެހިފަދައިން ސިރިންޖުގައި ހުރި އެއްޗެއް ދުއްވާލައިފި އެވެ. މާޔާގެ ދެ އަތުން އެ ބިޔަ މީހާ ދޫކޮށްލީ ދެނެވެ.

"ކޯއްޗެއް އަހަރެންގެ ގަޔަށް ތިޖެހީ." މާޔާއަށް ބުނެވުނެވެ.

"ވަރަށް އަވަހަށް އެނގޭނެ." އެމީހާ ބުންޏެވެ.

* * * * *

މާޔާގެ ނަންބަރަށް އިޒީކިއަލް ވަރަށް ގުޅައިފި އެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ. އޮފީހުގައި އިނދެފައި އިޒީކިއަލް ނުކުތީ މާޔާ އޭނާއަށް ގުޅާފައި ކުރި ސުވާލުގެ ސަބަބުންނެވެ. ނުދަންނަ ނަންބަރަކުން މާޔާ ގުޅިއިރު އެ ނަންބަރަށް ފަހުން ގުޅޭތޯ ވެސް އިޒީކިއަލް މަސައްކަތް ކޮށްފި އެވެ. އެންމެފަހުން އޭނާ އެ އައީ މާޔާ އުޅޭ އެޕާޓްމެންޓަށެވެ. އޭރު ވެސް އިޒީކިއަލްގެ ސިކުނޑީގައި އޮތް ސުވާލަކީ ހައިކްގެ ހަޤީޤަތް މާޔާއަށް އެނގުނު ގޮތެކެވެ. އެއާއެކު ހިތަށް ފުރަތަމަ ވެސް ވަނީ ސޫޒަންގެ ނަމެވެ.

"ނެތީތަ ގޭގައި." އެތައް ފަހަރަކު ބެލްޖެހުމުން ވެސް އެޕާޓްމެންޓްގެ ދޮރު ނުހުޅުވުމުން އިޒީކިއަލްގެ ހިތަށް އެރި އެވެ. އެއާއެކު އޭނާ އަނބުރާލާފައި އައިސް ލިފްޓަށް އެރީ އެވެ. އިމާރާތުގެ ތިރިއަށް ފޭބުމަށްފަހު މަގުމައްޗަށް ނުކުމެލަމުން އޭނާ ހިލްމީއަށް ގުޅި އެވެ. ހިލްމީވާނީ ހޮސްޕިޓަލުގައިކަން އިޒީކިއަލްއަށް އެނގެ އެވެ. އެހެންވިޔަސް އޭނާއަށް ހިލްމީގެ އެހީތެރިކަން ބޭނުންވީ މާޔާ ވީތަނެއް ހޯދުމަށެވެ.

އިޒީކިއަލް އައިސް ގެއަށް ވަނެވެ. ހައިކް ނިދަންކަން އުޅޭނީ އެނގޭތީވެ އެކުއްޖާގެ ކޮޓަރިއަށް ވަންނަން އޭނާ އައެވެ. އެވަގުތު ގޭގެ ގެންގުޅޭ ކުއްޖާއަށް އިޒީކިއަލް ފެނިއްޖެ އެވެ.

"ހައިކްބޭބީ ސޫޒީމެޑަމްއާއެކީ ދިޔަގޮތަށް އަދި ނާދޭ ގެއަކަށް." ހައިކްގެ ކޮޓަރި ކުރިމަތީ ހުރި އިޒީކިއަލްއާ މެއިޑްކުއްޖާ ވާހަކަދެއްކި އެވެ.

"ސޫޒީ އައީތަ؟." އިޒީކިއަލްއަށް އަހާލެވުނެވެ. އޭނާއަށް ވަގުތުން ހައިކްގެ ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ. އެތާކު އެއްވެސް މީހަކު ނެތެވެ. އޭނާ ސޫޒަން ގެއިން ނެރިލީކަމެއް މީހަކަށް ނޭނގޭނެ އެވެ. އަދި ސޫޒަން އެނބުރި އެގެއަށް އަތުވެއްޖެއްޔާ އޭނާ ނުވައްދާކަށް ވެސް އިޒީކިއަލް އަންގާފައެއް ނެތެވެ. އިޒީކިއަލްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ.

(ނުނިމޭ)