މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ކެލަޔަށް ރެކޯޑު އަދަކަށް ވާރޭ ވެހިއްޖެ

ހއ. ކެލަ އަށް ރެކޯޑު އަދަކަށް ވާރޭ ވެހިފައިވާއިރު މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެލާއަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 231.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ނައިބު ރައީސް އަބުﷲ ސާޖިދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ބައެއްގައި ފެން ހެދިފައިވާ ކަމަށެވެ.

"ރަށުގެ 20 އަކަށް ގެއަށް ވަނީ ފެން ވަދެފައި. އެ ގޭގޭގެ ފަރުނީޗަރުތަކަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައި،" ސާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަ ކޮށްފައިވަނީ އުތުރުގެ ރަށްރަށަށެވެ. އުތުރުގެ ރަށްތަކަށް އިއްޔެ ވަނީ އޮރެންޖު އެލާޓްވެސް ނެރެފަ އެވެ. ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެފައިވާ ރަށްރަށުގައި އެމްއެންޑީއެފް އިން ދަނީ ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހދ. ހަނިމާދޫއަށް 177.5 މިލިލީޓަރަށް، ރ. އިފުރަށް 102 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

މެޓް އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވިލާގަނޑުގައި އެންމެ ބޮޑަށް ވައި ގަދަވެފައިވާ ކަމަށް ރެކޯޑު ކޮށްފައިވަނީވެސް އިއްޔެ އެވެ. އެއީ ގަޑިއަކު 46 މޭލަށް ފ. ނިލަންދޫ އޮޓޮމެޓިކް ވެދާ ސްޓޭޝަނުން ކޮށްފައިވާ ރެކޯޑެކެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މޫސުން ގޯސް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. މޫސުން ގޯސް ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 އާއި 45 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާއިރު ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.